ކަޒަކަސްތާންގައި ބުދަ ދުވަހު ބޭއްވި މި އަހަރުގެ އޭބީޔޫ ރޭޑިއޯ ސޯންގް ފެސްޓިވަލްގައި ބައިވެރިވެ، ލަވައެއް ހުށަހަޅައި ދިނުމަކީ ހާސިލު ކުރަން ބޭނުންވި އުންމީދެއް ކަމަށް އަބްދުﷲ ޒިޔާ މިއަދު ބުނެފި އެވެ.
ކަޒަކާސްތާންގެ އަސްޓާނާގައި ބޭއްވި ރޭޑިއޯ ސޯންގް ފެސްޓިވަލްގައި ރާއްޖެ ތަމްސީލު ކުރަން ޒިޔާ އަށް ފުރުސަތު ފަހިވީ ޕީއެސްއެމް މެދުވެރިކޮށެވެ. އޭނާ އެ ފެސްޓިވަލްގައި ބައިވެރިވާން ލަަވައެެއް ހުށަހެޅީ އަމިއްލަ ގޮތުންނެވެ.
ޕީއެސްއެމްގެ ޓީވީމުން ގެނެސް ދިން މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގައި ވެސް ވާދަ ކުރި ޒިޔާ ފެސްޓިވަލަށް ފޮނުވައިގެން ހޮވުނީ އޭނާ އަމިއްލަ އަށް ހެދި ލަވައެކެވެ. އެ ލަވައަކީ ލޯފަން ކުދިންނަށް ހާއްސަކޮށްގެން ހަދާފައިވާ "ކުރިއަށް ދާނީ ގަދަ ހިތްވަރުން" އެވެ. މިއީ އަމިއްލަ ރާގުގެ ލަވައެކެވެ.
ފެސްޓިވަލް ނިންމާލައި މިއަދު މާލެ އައިސް "އައްޑޫ ލައިވް" އަށް މަރަދު އަށް އުފަން ޒިޔާ ބުނީ އޭބީޔޫ ރޭޑިއޯ ސޯންގް ފެސްޓިވަލަކީ އޭނާ ތިން އަހަރު ކުރި އުންމީދެއް ކަމަށެވެ.
"ވަރަށް އުފާވި މި އަހަރު މި ފުރުސަތު ލިބުނީމަ. އެހެންވެ އެކަން ފަހިކޮށް ދިން ފީއެސްއެމަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާ ކުރަން،" އޭނާ ބުންޏެވެ.
ޒިޔާ ބުނި ގޮތުގައި ފެސްޓިވަލް ކުރިއަށް ދިޔައީ އޭނާ އުންމީދު ކުރި ވަރަށް ވެސް ފުރިހަމަކޮށެވެ. އަދި މީގެ ތެރެއިން ރާއްޖެ ތަމްސީލު ކުރަން ފުރުސަތު ލިބުމަކީ ލިބުނު ޝަރަފެއް ކަމަށް ބުންޏެވެ.
"އެންމެ ބޮޑަށް އުފާވި ކަމަކީ ރާއްޖޭން ބޭރުގައި ރާއްޖެ ތަމްސީލު ކުރަން ފުރުސަތު ލިބުނީމަ،" ޒިޔާ ބުންޏެވެ.
މި ފެސްޓިވަލްގައި ރާއްޖޭގެ އިތުރުން އޭޝިއާ ޕެސިފިކްގެ 9 ގައުމަކުން ވާދަ ކުރި އެވެ. އޭގެ ތެރޭގައި އޭގެ ތެރޭގައި ފެސްޓިވަލް ބޭއްވި ކަޒަކަސްތާން، އިންޑިއާ، އަފްގާނިސްތާން، މަކާއޯ، ނޭޕާލް، ތުރުކީ، ތުރުކެމެނިސްތާން އަދި ވިއެޓްނާމް ހިމެނެ އެވެ.