Last Updated: November 25, 11:46
Monday, November 25, 2024
ރިޕޯޓް

އައްޑޫން ރައީސް ޔާމީނަށް ވަރުގަދަ މެސެޖެއް!

އައްޑޫ ސިޓީ (13 ޖުލައި) - އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ކެމްޕެއިން ޓީމް އައްޑޫއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ގިނަ ބަޔަކު ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައި

އައްޑޫގެ ރައްޔިތުންނަށް އެކަށީގެންވާ ސިއްޙީ ޚިދުމަތް ލިބޭނެ ވަސީލަތެއް ޤާއިމްކުރުމަށް ރައީސް ޔާމީންގެ ސަރުކާރު ފެއިލް ވެއްޖެއެވެ. މަގުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މިހާތަނަށް ކުރެވުނު ހަމަ އެއްވެސް ކަމެއް ނެތެވެ.

އައްޑޫ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބު ކުރި ކައުންސިލެއްގެ ބާރުތައް ހަނިކުރަމުން ގޮސް އެންމެ ފަހުން ކައުންސިލް ހިންގާ އިމާރާތް ވެސް އަތުލަން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީގެ ޑިޕާޓްމަންޓެއް އުފައްދައި، "ރައްޔިތުންނާއި ގުޅުން ކުޑަ" ސިޔާސީ ބަޔަކާއި ހަވާލުކޮށްގެން އައްޑޫ ރައްޔިތުންގެ ލާބައަށް ސިޓީ ކައުންސިލުން ކުރާ ކަންތަކަށް ޖެއްސުން ކުރުން އިތުރު ވެއްޖެއެވެ.

އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް ވެސް ހަމަ ޔަގީނުން ވެސް ރައީސް ޔާމީންގެ ސަރުކާރު ވަނީ ފެއިލްވެފައެވެ. އެހެން ބުނަން ޖެހެނީ މި ވެރިކަމުގައި އައްޑޫގައި ފަތުރުވެރިކަމުގެ އެންމެ އެނދެއް ވެސް އިތުރު ކުރެވިފައި ނެތީމައެވެ.

ވަޒީފާގެ ފުރުސަތު އިތުރު ކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވެއެވެ. އައްޑޫގައި ހުރި ސަރުކާރަށް ބާރު ހިންގޭ ހުރިހާ ވަޒީފާތަކަށް ހަމައެކަނި ވަކި ސިޔާސީ ފިކުރެއްގެ މީހުން ނަގައި، ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅެން ވަނީ ފަށާފައެވެ. ވަޒީފާ އަކީ ހަމައެކަނި "ފިޔާތޮށި ފިކުރު"ގެ އެއްޗަކަށް ހަދައިފިއެވެ.

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ރައީސް ޔާމީންގެ ސަރުކާރުން އައްޑޫ ރައްޔިތުންނަށް ޖެއްސި ހާލުގެ ވާހަކައިގެ މި ލިސްޓަކީ ކިތަންމެ ދިގުކޮށް ވެސް ކިޔެން އޮތް ލިސްޓެކެވެ.

މިއަދު އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓަށް މަރުޙަބާ ކިޔަން ގޮސް ދިނީ ވަރުގަދަ މެސެޖެކެވެ. އައްޑޫގެ ތަރައްޤީ އާޢި މެދު އިހުމާލުވާ ސަރުކާރު ބަދަލުކުރަން އެމީހުން ބޭނުންވެފައި ތިބި މިންވަރެވެ. ރައީސް ޔާމީންގެ ސަރުކާރުން އައްޑޫ ރައްޔިތުންނަށް ކުރާ ޖެއްސުންތަކަށް ދިން ވަރުގަދަ ރައްދެކެވެ.