Last Updated: November 25, 12:52
Monday, November 25, 2024
ޚަބަރު

އައްޑޫ ތަރައްޤީ ނުވެ ރާއްޖެ ތަރައްޤީ ނުވާނެ: އިބޫ

އައްޑޫ ސިޓީ ތަރައްޤީ ނުވެ ދިވެހިރާއްޖެ ތަރައްޤީ ނުވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވީ މިއަދު އައްޑޫއަށް ވަޑައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުންނެވެ.

އިބޫ ވިދާޅުވި ގޮތުގައި، ޒަމާނުއްސުރެ އައްޑޫ އާއި މެދު ސަރުކާރުތަކުން ތަފާތުކުރުންތައް ގެންގުޅުނު ކަމަށާއި އެކަން ބަދަލުކުރެއްވީ ރައީސް ނަޝީދުގެ ސަރުކާރުގައި ކަމަށެވެ.

ރައީސް ނަޝީދު އައްޑޫސިޓީ އަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރެއްވިކަން ފާހަގަކުރައްވައި އިބޫ ވިދާޅުވި ގޮތުގައި އެއީ އެކަން އޮންނަންޖެހޭނެ ގޮތްކަމަަށެވެ.

"އަޅުގަނޑު ޔަގީންކޮށް މި އަރުވަނީ އައްޑޫގެ ހުރިހާ ރައްޔިތުންނަށް ރައީސް ނަޝީދު ފައްޓަވައިދެއްވާފައި ހުރި ތަރައްގީގެ މަޝްރޫއު ތަކަކީ ހިފެހެއްޓުމެއްނެތި މަޑުޖެހުމެއްނެތި އަޅުގަނޑުމެން ކުރިޔަށް ގެންދާނެ ކަންކަން"

އައްޑޫ ސިޓީ ތަރައްޤީ ނުވެ ދިވެހިރާއްޖެ ތަރައްޤީ ނުވާނެ ކަމަށް އިބޫ ވިދާޅުވި އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މީގެ ކުރިން އެމަނިކުފާނުގެ ވިސްނުންފުޅަކީ ވެސް އެއީ ކަމަށް ވިދާޅުވެފައެވެ.