ޗެލްސީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ އެޑެން ހަޒާޑް ރެއާލް މެޑްރިޑަށް ބަދަލުވުމަށް ތައްޔާރުވަމުން އަންނަ ވާހަކަ ހިއްސާކޮށްފައިވާ ކަމަށް ޑެންމާކުގެ ލެޖެންޑް ބްރިއަން ލައުޑްރަޕް ބުނެފިއެވެ.
ޗެލްސީ އާއި އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ލައުޑްރަޕް ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި ހަޒާޑް ރެއާލް އަށް ބަދަލުވާނެ ކަމުގެ ޔަގީންކަން އޭނާއަށް އެބައޮތެވެ.
"އަހަރެން މީގެ ދުވަސްކޮޅެއް ކުރިން ހަޒާޑް އާއި ވާހަކަ ދެއްކިން. އޭނާ ދަނީ މެޑްރިޑަށް ބަދަލުވާން ތައްޔާރުވަމުން"، ކްރޮއޭޝިޔާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ލައުޑްރަޕް ބުނެފައިވެއެވެ.
ލައުޑްރަޕް ބުނި ގޮތުގައި ހަޒާޑް ވަނީ އޭނާގެ ފެންވަރު ރަޝިޔާގައި ވަރަށް ރަނގަޅަށް ދައްކާފައި ކަމަށާއި އަދި ރެއާލް އަށް ހަޒާޑް ބަދަލުވުމަކީ އެ ކްލަބަށާއި ކުޅުންތެރިޔާ އަށް ވެސް ރަނގަޅު ނިންމުމެއް ކަމަށެވެ.
ހަޒާޑް އާއި ބެހޭގޮތުން މިފަދަ ވާހަކަތަކެއް ލައުޑްރަޕް ދައްކާފައިވާއިރު މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ޗެލްސީ ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ހަޒާޑް ވެސް ވަނީ ދީފައެވެ.