ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައި ނުދެވޭ ކަމުގެ ޝަކުވާ ރައްޔިތުންނާއި ބައްދަލުކުރެއްވުމުން ލިބިވަޑައިގަންނަވާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
އައްޑޫއާއި ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އިއްޔެ ފޭދޫގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން އައްޑޫ ރައްޔިތުންނަށް ވައުދުވި އެއްވެސް ކަމެއް ފުރިހަމަ ކޮށްދީފައި ނުވާކަމަށެވެ.
އެގޮތުން އައްޑޫގައި 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލެއް އަޅުއްވަނެ ކަމަށް ރައީސް ޔާމީން ވައުދުވެވަޑައިގެންނެވި އިރު، ހޮސްޕިޓަލެއް އެޅުން ލަސްވެ އެންމެފަހުން ސާކް ސަމިޓަށް ބިނާކުރި ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަން އިބޫ ފާހަގަކުރެއްވިއެވެ.
އިބޫ ވިދާޅުވި ގޮތުގައި އައްޑޫ ހޮސްޕިޓަލް ޕްރޮޖެކްޓަށް އެމްޑީޕީގެ ވެރިކަމުގައި ފައިސާ ހޯދާފައިވާ ކަމަށެވެ. އެގޮތުން އޯޕެކް ފަންޑުންނާއި ސައުދީގެ އެހީގައި ޖުމްލަ 20 މިލިއަން ޑޮލަރުގެ ފައިސާ ހަމަޖެހުނުކަން އިބޫ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އިބޫ ވަނީ އައްޑޫގައި ގާއިމްކުރައްވާނެ ކަމަށް ޔާމީންގެ ސަރުކާރުން ވައުދުވި 5000 ފަތުރުވެރިކަމުގެ އެނދާއި އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫޢު ވެސް ކުރިއަށް ނުދާކަން ފާހަގަކުރައްވާފައެވެ.