Last Updated: November 25, 09:28
Monday, November 25, 2024

(މެއި 4، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ނިދާ އެނދު ކައިރީ ހުރި ކުޑަ މޭޒުމަތީ ހުރި ފެން ޖަގަކުން އޭގެ ކައިރީ އިން ތައްޓަށް ފެން އަޅާފައި ކަރިމު އާ ދިމާއަށް ދިއްކޮއްލަމުން ހުސްނާ ބުނެލި އެވެ.
އެއީ ހުސްނާގެ އާދަ އެވެ. ބަލިވެއްޖެއްޔާ ދެން އުޅޭނީ ހާސްވެގެންނެވެ.

"އަހަރެން ބަލިވީކީ ނޫން. މި ކުދިވެރިން ދެއްކި ވާހަކައަކަށް ހީގަތީމާ ކޮށިއެރީ. އެކުން މިހާ މުސްކުޅި ވީމާ ހޭކަށް ވެސް ނުވާނެތާ ދޯ؟" ކަރީމު ފެން ތަށިން އެތި ފޮދެއް ބޯލަމުން ހުސްނާ ކައިރީ ބުނެލި އެވެ.

ދަތުރަށް ސާރާ އާއި ވިއާމާ ތައްޔާރު ވަމުން ދިޔަ އިރު ބުނަން ނޭނގޭ މީރު ކަމެއް ސާރާއަށް އިހްސާސް ވަމުން ދިޔަ އެވެ. ދުވަހަކު ވެސް ސާރާ މާލެ ފިޔަވައި އެހެން ތާކަށް ނުދެ އެވެ. މިއީ އޭނާ ފުރަތަމަ ކުރާ ދަތުރު ވެސް މެ އެވެ.
ވިއާމާ ވެސް ސާރާ އޭނާ އާ އެކު ދާތީ ހުރީ ވަރަށް ބޮޑަށް އުފާވެފަ އެވެ. ދެފައި އެއްތާކު މަޑުނުކޮށް ތެޅިފޮޅެމުން ދަތުރަށް ތައްޔާރުވަމުން ދިޔަ އެވެ.
ހުސްނާ ސާރާ އަށް ގުރާދު އަށް ދިއުމަށް ހުއްދަދި ނީ ވަރަށް ބޮޑަށް ވިސްނާފަ އެވެ. ސާރާގެ އެތައް އާދޭހަކާ އެކުގަ އެވެ.

"ވިއާމާ ދަރިފުޅާ…މަލްހާ އަށް ރަނގަޅަށް ބަލަން ވާނެ. ވިއާމާ އެކު މި ފޮނުވަނީ ވަރަށް އިތުބާރު ކޮށްފަ." ހުސްނާ ވިއާމާ ކައިރީ ބުނެލި އެވެ.

"ދައްތާ…އަޅުގަނޑުގެ ދެ ލޮލުގެ ނޫރު ފަދައިން އަޅުގަނޑު މަލް އަށް ބަލާނަން. ދައްތަމެން ކަންބޮޑުނުވޭ." ވިއާމާ ހުސްނާ ގެ ދެ އަތުގައި ހިފާލަމުން ބުނެލި އެވެ. ހުސްނާ ހިނިތުންވެލަމުން ވިއާމާ ނިއްމަތީ ބޮސް ދިނެވެ. އަދި ސާރާގެ ގައިގައި ބައްދާލަމުން ނިއްމަތީ ބޮސް ދިނެވެ.

"މަންމާ…އަޅުގަނޑު ރަނގަޅު ވާނެ…ފިކުރު ބޮޑު ނުކުރައްވާ." ސާރާ މަންމަ ހިތްހަމަޖައްސައި ދޭން މަސައްކަތް ކުރި އެވެ. ހުސްނާ އާނއެކޭ ބުނާ ގޮތަށް ބޯ ޖަހާލިއެވެ. އަދި ހިނިތުންވެލި އެވެ.

ގުރާދު އަށް ދިޔަ ބޯޓުމަތީގައި ވެސް ވިއާމާ އަނގަ ހުއްޓާ ނުލަ އެވެ. ރަށުގެ މަޖާ ވާހަކަ އާއި ގޭގެ މާހައުލުގެ ވާހަކަ އެވެ. ސާހިލްގެ މަޖާކަމުގެ ވާހަކަ އެވެ.
އެންމެ ގަޔާވެގެން ސާރާ އަށް އަހަން އިނދެވުނީ ސާހިލްގެ ވާހަކަ ދެއްކި އިރު އެވެ. ދެން ހުރިހާވަ ގުތެއްގައި އޭނާ ގެއްލިފައި އިނީ ގުދުރަތުގެ ރީތި ކަމަށެވެ.

ތަފާތު ގޮތްގޮތަށް ސިފަވަމުންދާ އުޑުމަތީގެ ވިލާތަކަށެވެ. ސާރާ އަށް މި މަންޒަރުތައްވީ ވަރަށް ރީތި އަދި ބަލައި ފޫހި ނުވާ މަންޒަރަކަށެވެ. އުޑުމަތި އެހާ ރީއްޗެވެ. ތިރިން ހުޅި ލަމުންދާ ރާޅުތައް ވެސް ސާރާ އަށް ވަރަށް ހިތްގައިމުވި އެވެ. ދުރުދުރުން ދޭރެތެ ދޭތެރެއިން ފުމެލާ ކޯމަސްތައް އޭނާއަށްވީ އަޖާއިބު ކުރުވަނިވި ކަމަކަށެވެ.
މީގެ ކުރިން ދުވަހަކު ވެސް ސާރާމި ކަހަލަ މަންޒަރެއް ނުދެކެ އެވެ. އޭނާ ހިތުގެ އަޑިން އޭނާ އަށް ދިން ފަރާތަށް ޝުކުރު އަދާކުރި އެވެ. އަދި ﷲ އަށް ހަމްދު ކުރި އެވެ.

ވިއާމާ ހައިރާންވެފައި ސާރާގެ ހަރަކާތްތަކަށް ބަލަން އިނެވެ. ތެދެކެވެ. ވާނީ ވެސް އެހެންނެވެ. އެ ހުރިހާ މަންޒަރަކީ ވިއާމާ އަށް އާ މަންޒަރުތަކެއް ނޫނެވެ. އެހެނަސް ސާރާއަށް ލޮލުގެ އަލިކަން ލިބުނުތާ އަދި މިވީ އެންމެ ހަ އަހަރެވެ. ވީއިރު މިއަދު ފެންނަ ކޮންމެ މަންޒަރަކީ އޭނާ އަށް އާ މަންޒަރަކަށް ވާނެ އެވެ.

ސާރާމެން ގުރާދު އަށް ފޭބި އިރު އެމީ ހުންގެ އިސްތިގުބާލުގައި ވިއާމާގެ އާއިލާ ބައިވަރު މީހުން އަތިރި މަތީގައި ތިއްބެވެ. މި ވެސް ސާރާ އަށް ވަރަށް އާ ކަމަކަށް ވި އެވެ. ސާާރާގެ އަތުގައި ހިފައިގެން އެންމެންނަށް ސާރާ ތައާރަފް ކޮށްދެމުން ދިޔައެވެ. ކޮންމެ މީހަކު ވެސް ހައިރާންވެފަައި މި ރީތީގެ ރާނީ އަށް ބަަލަމުން ދިޔަ އެވެ. ރީތި މަޑު ފިޔާތޮށި ކުލައިގެ ޕާކިސްތާނު ހެދުމުގައި ހުރި އިރު ސާރާ ހީވަނީ ފަތިހަށް ފޮޅިފައިވާ ފިޔާތޮށި ފިނިފެންމަލެއް ހެންނެވެ.

ގެއަށް ވަދެވުމާ އެކު ސާރާ ހިނގުން ހުއްޓުނެވެ. ވަށައިގެން ހޯދާލި އެވެ. ކޮންމެވެސް އެއްޗެއް ނުފެނިގެން ބަލާ އުސޫލުންނެވެ.

"މަލް…ކިހިނެއްވީ؟" ވިއާމާ އެެނބުރިލަމުން ސާރާ އާ ސުވާލު ކުރި އެވެ.

"ކަމެއް ނުވޭ…ހަމަ ބަލާލީ." ކުރިއަށް ހިނގައިގަންނަމުން ސާރާ ބުނެލި އެވެ.

ވިއާމާ ގޭގެ އެކި ތަންތަން ސާރާ އަށް ދައްކަމުން ދިޔަ އެވެ. މިއީ ސާހިލް ގެ ކޮޓަރިއެވެ. އޭނާ އާންމު ގޮތެއްގައި ކޮޓަރިން ބޭރަށް ނުނިކުންނާނެ އެވެ. އޭނާގެ ރީތި ސިފަ ފެނިފައި މީހުން މޮޔަވެދާނެތީ ތޯއްޗެކެވެ. ވިއާމާ މަޖާވެފައި ސާހިލްގެ ވާހަކަ ދެއްކި އެވެ.

ސާރާ އެންމެ ބޭނުންވީ ސާހިލް ދެކޭށެވެ. އޭނާގެ އަޑު ލަވައެއްގެ ސިފައިގައި އިވުނު ފަހުން ސާރާ އަބަދު ސާހިލް ދެކޭ ހިތުން ހުންނަނީ ރުންކުރުވެފަ އެވެ. އެހެނަސް އޭނާއަކަށް ވިއާމާ ކައިރީ އެހެން ބުނާކަށް ނުކެރުނެވެ.

"ދަރިފުޅުމެން ކާންދާންވީނު. ސާހިލް ވެސް ކާމޭޒް ކާރީ އިންތިޒާރުގައި އެބަ އިން." ވިއާމާގެ މަންމަ އައިސް މިހެން ބުނެލުމުން އެންމެ ފުރަތަމަ ފުންމައިގެން ތެދުވެ ދާން ހިނގައިގަތީ ސާރާ އެވެ.

ވިއާމާ ހީކުރީ ސާރާ ހުރީ ވަރަށް ބަނޑުހައިވެފައި ކަމަށެވެ.

"އާނ…އަވަހަށް ހިނގާ."

(ނުނިމޭ)