އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން މި ހިނގާ ޖުލައި މަހުގެ 19ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގެ ނިޔަލަށް އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ މިފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އެކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ޝަކީލް މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހު ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުން ޝަކީލް އިސްތިއުފާ ދެއްވުމާ ގުޅިގެން އެކޮމިޝަންގައި މިވަގުތު ތިއްބެވި ހަތަރު މެމްބަރުންނަކީ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި، ނައިބް ރައީސް އަމްޖަދު މުސްތަފާއާއި، ދެ މެންބަރުން ކަމަށްވާ އިސްމާއީލް ހަބީބާއި، އަހްމަދު އަކްރަމް އެވެ.
އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ ކޮމިޝަންގެ މެންބަރަކު މަގާމުން އިސްތިއުފާ ދެއްވައިފިނަމަ އެ މަޤާމެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަޤާމަށް މީހަކު އަލުން އައްޔަންކުރަންވާނެ ކަމަށެވެ.