އަންހެނުން ބާރުވެރިކުރެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް (މެޑަމް ފާތުން) ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކޮށް އެކަމަނާއަށް "ވުމަން އޮފް ދަ އިޔަރ" އެވޯޑް އަރުވާފައިފިއެވެ.
މެޑަމް ފާތުން އަށް މި އެވޯޑް އަރުވާފައިވަނީ ޕްރޮފެޝަނަލް ވުމަން އެންޑް ކެރިއަރ އެވޯޑްސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ދިދުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ޕްރޮފެޝަނަލް ވުމަން އެންޑް ކެރިއަރ އެވޯޑްސްއަކީ އަވައްޓެރި ސްރިލަންކާގައި ދޭ އެންމެ ވާދަވެރި އެއް އެވޯޑެކެވެ. ޕްރޮފެޝަނަލް ވިމެން އެންޑް ކެރިއަރ އެވޯޑްސް މޯލްޑިވްސް 2018 ގެ ނަމުގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި މި އެވޯޑް ދީފައިވަނީ ވިމެން އިން މެނޭޖްމެންޓް މޯލްޑިވްސްއިންނެވެ.
މިއެވޯޑަކީ މުޖުތަމަޢުގެ ލާބަޔަށް މަސައްކަތްކޮށްފައިވާ އަންހެނުންނަށާއި، ޤައުމަށް ރީތިނަން ހޯދައިދީފައިވާ އަންހެނުންނަށް ދޭ އެވޯޑެކެވެ.
އެކި ދާއިރާތަކުން މިއެވޯޑް ޙާސިލްކޮށްފައިވާ މީހުންނަށް އެވޯޑް ޙަވާލުކުރީ ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ޙަފްލާއެއްގައެވެ. ރާއްޖެއަށް އަލަށް ތަޢާރަފްކޮށްފައިވާ މިއެވޯޑް ދީފައިވަނީ ތިން ދާއިރާއަކުންނެވެ. އެއީ މެރިޓް އެވޯޑާއި ރިކޮގްނިޝަން އެވޯޑާއި ގޯލްޑް އެވޯޑެވެ.
ވިމެން އިން މެނޭޖްމެންޓް މޯލްޑިވްސް އިން ބުނީ މިއެވޯޑް ލިބުނު ފަރާތްތަކުގެ މެދުގައި އިތުރު ކަންތައް ތަކަކަށް ބެލުމަށް ފަހު ނޮމިނޭޓްވާ 5 ފަރާތަކަށް ސްރީލަންކާގައި ބާއްވާ ޕްރޮފެޝަނަލް ވުމެން އެންޑް ކެރިއަރ އެވޯޑްސްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ޢާއްމުކޮށް ނުފެންނަ ކަމިޔާބު މޫނުތަކުގެ އަގުވަޒަންކުރުމަކީ މިއެވޯޑުގެ މަގުސަދެއްކަމަށްވެސް ވުމަން އިން މެނޭޖްމެންޓް މޯލްޑިވްސްއިން ބުނެއެވެ.