އިނގިރޭސިވިލާތުގެ ލިވަޕޫލްގެ ހުނަރުވެރި މިޑްފީލްޑަރު އަލެކްސް އޮކްސްލޭޑް ޗެމްބަލެއިން އަށް އަނިޔާގެ ސަބަބުން ކުރިއަށް އޮތް ސީޒަނުގައި ނުކުޅެވޭނެ ކަމަށް އެޓީމުގެ ކޯޗް ޔާގަން ކްލޮޕް ބުނެފިއެވެ. ކުރިން ބެލެވިފައިއޮތީ އަނިޔާއިން ރަނގަޅުވެ ސީޒަނުގެ ކޮންމެވެސް ހިސާބަކުން ކުޅުމަށް އެނބުރި އާދެވޭނެ ކަމަށެވެ.
ޗެމްބަލެއިންގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވީ މިދިޔަ އޭޕްރީލް މަހުގައި ކުޅެވުނު ޗެމްޕިއަންސްލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އޭއެސް ރޯމާ އާއި ދެކޮޅަށް ކުޅުނު މެޗުގައެވެ.
މިސީޒަނުގައި ލިވަޕޫލްގެ ޖާޒީގައި ޗެމްބަލެއިންގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުމުގެ ސަބަބުން، ލިވަޕޫލާއި އެކު ސީޒަން ރަނގަޅަށް ނިންމާލުމަށްފަހު ޖޫން މަހުގައި ފެށުމަށް ހަމަޖެހިފައިއޮތް ވޯލްޑްކަޕްގައި އިންގްލެންޑްގެ ސްކޮޑުން ޖާގަ ހޯދައި ރަޝިޔާއަށް ދާނެ ކަމަށް ގިނަ ބަޔަކު ދިޔައީ އުއްމީދުކުރަމުންނެވެ. އެހެންނަމަވެސް ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ލިބުނު އަނިޔާއާއި ގުޅިގެން ކުރަމުން އައު އުއްމީދުތައް ފެނަށް ދިޔައީއެވެ.
ކްލޮޕް ބުނިގޮތުގައި ސާޖަރީއާއި ގުޅުންހުރި ބައެއް މުހިއްމު މަޢުލޫމާތުތައް ކުރީން ހާމަކޮށްފައިނުވީ އޮކްސްގެ އެދުމުގެ މަތީން އެއީ އެވަގުތަށް އެންމެ ރަނގަޅުގޮތް ކަމަށް ފެންނާތީކަމަށެވެ. އެހެންނަމަވެސް މިހާރު އެހުރިހާ ތަފްޞީލެއް ހާމަކުރަންވީ ވަގުތު އައިސް ޖެހިއްޖެ ކަމަށާއި ކުރިއަށްއޮތް ސީޒަނަށް އޮކްސްގެ އަމާޒަކަށްވާންވާނީ އެއްވެސް އުނދަގުލެއްނެތި އަނިޔާއިން ކުޅުމަށް އެނބުރިއައުމަށް ރިކަވަރީ އަދި ރިހެބިލިޓޭޝަންގެ ކަންތައް އެންމެ ރަނގަޅަށްކުރިއަަށް ގެންދިއުން ކަމަށެވެ.
"އަހަރެންނަށް ޤަބޫލުކުރެވޭގޮތުގައި މިހާރު މިއޮތީ އެހުރިހާ މަޢުލޫމާތެއް ހާމަކުރަންވީ ވަގުތު އައިސް ޖެހިފައި. މިސީޒަނުގައި އޮކްސްގެ މައިގަނޑު ފޯކަސްއަކަށްވާންވާނީ އަނިޔާއިން ކުޅުމަށް އެނބުރިއައުމަށްޓަކައި ރިހެބިލިޓޭޝަން އާއި ރިކަވަރީގެ ކަންތައް އެންމެ ރަނގަޅަށް ކުރިއަށް ގެންދިއުން." ކުލަބުގެ އޮފިޝަލް ވެބްސައިޓްގައި އޭނާ ބުނެފައިވެއެވެ.
މިދިޔަ އޯގަސްޓް މަހު އިންގްލެންޑްގެ އާސެނަލުން 35 މިލިއަން ޕައުންޑަށް ލިވަޕޫލަށް ބަދަލުވެ އޭނާގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންގޮސްފައިވާއިރު މިދިޔަ ސީޒަނުގައި ކުޅުނު ހުރިހާ މެޗެއްގައި ޖުމްލަ ފަސް ގޯލް ކާމިޔާބުކޮށްފައިވެއެވެ. މީގެއިން އެންމެ ފާހަގަ ކޮށްލެވެނީ ޔޫއެފާ ޗެމްޕިއަންސް ލީގުު ގެ ކުއާޓާ ފައިނަލްގައި މެންޗެސްޓަރ ސިޓީ ކޮޅަށް ޕެނަލްޓީއޭރިޔާ ބޭރުން ވައްދާލީ ލަނޑެވެ.
"އޮކްސް ބޭނުންނުވީ އަނިޔާގެ ސީރިއަސްކަމުގެ ވާހަކަތައް ހާމަކުރުމަށް، އޭގެ ސަބަބުން ޓީމަށް އެއްވެސް އަސަރެއް ކުރާން އޭނާ ބޭނުންނުވި. އަހަރެމެންނަށްވެސް ވިސްނުނީ އެއީ އެވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށް. އެހުރިހާ ކަމެއް ހާމަކުރަންވީ ދަނޑިވަޅުގެ އިންތިޒާރުގައި އަހަރެމެން ތިބީ" ކްލޮޕް ބުންޏެވެ.
"އޭނާގެ ސާޖަރީ ވަރަށް ކާމިޔާބުކޮށް ދިޔައީ. ރިކަވަރީގެ ކަންތައްތައްވެސް އަދި ދަނީ ރަނގަޅަށް."
"އަހަރެމެން ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތަކީ އާ ސީޒަނަށް ތައްޔާރުވަމުންދާ މިދަނޑިވަޅުގައި މުޙިއްމު މެޗުތަކެއް ކުރިއަށްއޮތްއިރު އަވަސް މުސްތަޤްބަލެއްގައި އޭނާ ދަނޑުމަތީން ފެނުމުގެ ފުރުޞަތުކުޑަކަން. އެހެންނަމަވެސް ސީޒަން ނުނިމެނީސް އޭނާ އަށް ކުޅުމަށް އެނބުރި އާދެވިއްޖެނަމަ އެއީ ލިބޭ ބޯނަހެއް." ކްލޮޕް ބުންޏެވެ.
އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ލިވަޕޫލުން ވަނީ އެޓީމުގެ މިޑްފީލްޑްލައިން ވަރުގަދަކުރުމަށްޓަކައި ނަބީ ކެއިޓާގެ އިތުރުން ފަބީނިއޯ ގެނެސްފައެވެ. މީގެއިތުރުން، ސްވިޒަލޭންޑްގެ އެޓޭކިންގ ކުޅުންތެރިޔާ ޒަރްދާން ޝަކީރީ ވެސް އެޓީމަށް ސޮއިކޮށްފައެވެ.
މިފަހަރުގެ ޕްރިމިއާ ލީގުގައި ލިވަޕޫލް ކުޅޭ ފުރަތަމަ މެޗުގައި ނިކުންނާނީ އޯގަސްޓް 12 ވަނަ ދުވަހު ވެސްޓްހޭމް ޔުނައިޓެޑާއި ދެކޮޅަށެވެ.