Last Updated: November 27, 21:29
Wednesday, November 27, 2024
ކުޅިވަރު

ޗެލްސީގެ އެސިސްޓެންޓް ކޯޗަކަށް ޒޯލާ

ޗެލްސީގެ އެސިސްޓެންޓް ކޯޗުކަމާއި ހަވާލުވި ޖިއާން ފްރޭންކޯ ޒޯލާ.

ލަންޑަން، އިންގްލެންޑް: އިޓަލީ އަދި ޗެލްސީގެ ކުރީގެ ސްޓްރައިކަރު ޖިއާން ފްރޭންކޯ ޒޯލާ އެޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

މީގެކުރީން ޒޯލާ ވަނީ ޕްރިމިއާ ލީގުގެ ތިން ޓީމުކަމަށްވާ ވެސްޓްހޭމް ޔުނައިޓެޑް އަދި ވަޓްފޯޑްގެ އިތުރުން ބާމިންހަމް ސިޓީއަށް ކޯޗްކޮށްދީފައެވެ.

ޒޯލާ ވަނީ ކުޅުންތެރިއެއްގެގޮތުގައި 1996 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރާއި ހަމައަށް ޗެލްސީ އާއި އެކު އެފްއޭކަޕް ތަށި ދެފަހަރު ހޯދައި ޔޫއެފާކަޕް، ޔޫއެފާ ކަޕްވިނާސްކަޕް އަދި ޔޫއެފާ ސުޕަކަޕްގެ އިތުރުން ލީގްކަޕް ތަށި އެއްފަހަރު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އެޓީމަށް ކުޅުނު 312 މެޗުގައި ޖުމްލަ 80 ގޯލް ކާމިޔާބުކޮށްދީފައެވެ.

"މިއީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. އެކަމާއި މިހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި" ޒޯލާ ބުންޏެވެ.

މިދިޔައަހަރުގެ އޭޕްރީލްމަހު ބާމިންހަމް ސިޓީގެ ކޯޗުކަމުން އިސްތިއުފާދިން ޒޯލާ ވަނީ އާސީޒަނަށް ތައްޔާރުވުމަށްޓަކައި ޗެލްސީން އޮސްޓްރޭލިއާ އަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި ބައިވެރިވެފައެވެ.

ޗެލްސީގެ ކޯޗުކަމުގެ މަޤާމް 59 އަހަރުގެ ސާރީ އާއި ހަވާލުކުރީ މިދިޔަ ހަފްތާގައި އެޓީމުގެ ކުރީގެ ކޯޗްކަމަށްވާ ކޮންޓޭ މަޤާމުން ދުރުކުރުމަށްފަހުގައެވެ. ސާރީ އާއި އެއްޤައުމަކަށް ނިސްބަތްވާ ކޮންޓޭ ވަނީ ޗެލްސީ އާއި އެކު ހޭދަކުރީ ދެއަހަރު ދުވަހުގެ ތެރޭގައި ޕްރިމިއާ ލީގާއި އެފްއޭކަޕް ތަށި އެއްފަހަރު ކާމިޔާބުކޮށްފައެވެ.

"މައުރީޒިއޯ އާއި އެކު ކުލަބަށް ރަނގަޅު ކާމިޔާބީއެއް ހޯދައިދެވިއްޖެނަމަ ވަރަށް އުފާ ވާނެ. އަހަރެން އެންމެ ރަނގަޅަށް މަސައްކަތްކުރާނަން، ކުޅުންތެރިއެއްގެގޮތުގައި ދެއްކި މޮޅު ކުޅުމާއި ހޯދި ކާމިޔާބީތައް ކޯޗެއްގެ ގޮތުގައި ތަކުރާރުކުރަން ބޭނުން." އުމުރުން 52 އަހަރުގެ ޒޯލާ އިތުރަށް ބުނެފައިވެއެވެ.

މީގެކުރިން އޭނާ ވަނީ އިނގިރޭސި ދެކުލަބްކަމަށްވާ ވެސްޓްހޭމް ޔުނައިޓެޑާއި ވަޓްފޯޑްގެ އިތުރުން އިޓަލީގެ ކަލިއާރީއަށްވެސް ކޯޗްކޮށްދީފައެވެ.

ޒޯލާ އެންމެފަހުން ކޯޗްކޮށްދިން ބާމިންހަމް ސިޓީއާއި އެކު ދެއަހަރާއި ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށް އެޓީމުގެ ކޯޗުކަމާއި 2016 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ހަވާލުވިނަމަވެސް ޓީމުގެ ފަރާތުން ފެނުނު ދަށްކުޅުމުގެ ސަބަބުން އޭގެ ހަތަރު މަސް ފަހުން ވަނީ ކޯޗުކަމުން އިސްތިއުފާދީފައެވެ.