Last Updated: November 27, 21:29
Wednesday, November 27, 2024
ކުޅިވަރު

މަޓާގެ ލަނޑުން ޔުނައިޓެޑް އެއްވަރުވެއްޖެ

ޔުނައިޓެޑަށް ލަނޑުޖަހައިދިން ހުއާން މަޓާ (ވ) އަތުން ބޯޅަ ހޯދުމަށް ކްލަބް އެމެރިކާގެ ކުޅުންތެރިއެއް މަސައްކަތްކުރަނީ

އެމެރިކާގައި ކުރިއަށްދާ މެންޗެސްޓާ ޔުނައިޓެޑުގެ ޕްރީ ސީޒަން ޓުއާގައި އެޓީމު ކުޅުނު ފުރަތަމަ މެޗުގެ ފަހު ވަގުތުކޮޅުގައި ހުއާން މަޓާ ކާމިޔާބުކުރި ގޯލުން މެކްސިކޯގެ ކްލަބް އެމެރިކާ އާއި ދެކޮޅަށްކުޅެ 1-1 އިން އެއްވަރުވެއްޖެއެވެ.

ޔުނައިޓެޑްގެ ކޯޗް ހޯސޭ މޮރީނިއޯ ކުރިން ފާހަގަކޮށްފައިވީ ފަދައިން އެޓީމު މިމެޗަށް ނިކުތީ މުހިއްމު ގިނަ ކުޅުންތެރިންނާއި ނުލައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ވިސާ ނުލިބުމުގެ ސަބަބުން އެމެރިކާ އަށް ދަތުރުކުރުމުގެ ފުރުޞަތު ނުލިބުނު އެލެކްސިސް ސަންޗޭޒް އެވެ.

އެރިޒޯނާގެ ޔުނިވާސިޓީ އޮފް ފީނިކްސް ސްޓޭޑިއަމްގައި ގަދަ ހޫނުގައި ކުޅުނު މިމެޗުގައި ކުރިން ލަނޑުޖަހައި ލީޑް ނެގީ ކްލަބް އެމެރިކާ އިން ނެވެ. ދެވަނަ ހާފުގެ ކުރީކޮޅު މިލަނޑު އެޓީމަށް ޖަހައިދިނީ ހެންރީ މާޓިންއެވެ. މިއީ އެޓީމުގެ އެންޓޯނިއޯ ލޮޕޭޒްގެ ހުރަހަކުން އައި ބޯޅައެއް ޔުނައިޓެޑްގެ އެރިކް ބެއިލީ އަށް ލިބުމުގެ ކުރީން ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މެންޗެސްޓަރ ޔުނައިޓެޑަށް އެއްވަރުކޮށްދިނީ މެޗުގެ 78 ވަނަ މިނެޓުގައި ހުއާން މަޓާ އެވެ. މިއީ ހޮލެންޑްގެ ޒުވާން ކުޅުންތެރިޔާ ޓަހިތު ޗޮން ނަގައިދިން ރީތި ހުރަހަކުން ލިބުނު ބޯޅަ އެންޑާ ހެރޭރާ ބޮލުން ފޮނުވާލުމުން ގޯލްގެ ހުރަސްދަނޑީގައި ޖެހިފައި ނިކުތްވަގުތު މަޓާ ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މިއީ، 18 އަހަރުގެ ޗޮން ޔުނައިޓެޑްގެ ސީނިއަ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. އޭނާ ކުޅެން ނިކުމެފައިވަނީ އެންތަނީ މާޝިއަލްގެ ބަދަލުގައެވެ. އޭނާގެ އިތުރުން އުމުރުން 16 އަހަރުގެ މޭސަން ގްރީންވުޑް ވަނީ މުޅިން އަލަށް ޔުނައިޓެޑްގެ ސީނިއަ ޓީމުގެ ޖާޒީގައި މިމެޗުގެ ދެވަނަ ހާފުގައި ކުޅެން ނިކުމެފައެވެ.

މިމެޗުގައި ޔުނައިޓެޑްގެ ގޯލް ބެލެހެއްޓީ ސްޓޯކް ސިޓީއިން ދާދިފަހުން އެޓީމާއި ގުޅުނު ކީޕަރު ލީ ގްރާންޓް އެވެ. މިމެޗުގެ ފުރަތަމަ ހާފުގައި އޭނާގެ ފަރާތުން ރަނގަޅު ދެ ސޭވް ފެނިގެންގޮސްފައިވާއިރު ދެވަނަ ހާފުގައި އޭނާގެ ބަދަލުގައި ޖޮއެލް ޕެރެއިރާ ވަނީ ކުޅެން ނިކުމެފައެވެ.

ޔުނައިޓެޑްގެ ޕްރީ ސީޒަން ޓުއާގައި ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ މިމަހުގެ 22 ވަނަ ދުވަހު އެމެރިކާގެ މޭޖާ ލީގު ސޮކާގައި ކުޅޭ ޓީމެއްކަމަށްވާ ސެން ހޯސޭ އާތުކުއޭކްސްއާ އެވެ. އެއަށްފަހު އޭސީ މިލާން، ލިވަޕޫލް އަދި ރެއާލް މެޑްރިޑާ ދެކޮޅަށް ވެސް ޔުނައިޓެޑް ނުކުންނާނެ އެވެ.