Last Updated: November 27, 21:29
Wednesday, November 27, 2024
ކުޅިވަރު

ޔުނައިޓެޑްގެ ކެޕްޓަނަކަށް ވެލެންސިއާ

ޔުނައިޓެޑްގެ އާ ކެޕްޓަން ވެލެންސިއާ (ކ) އަށް އެޓީމުގެ ކޯޗް މޮރީނިއޯ (ވ) އިރުޝާދުދެނީ. --ފޮޓޯ: ގެޓީ އިމޭޖަސް

އަންނަ މަހުގެ 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޕްރިމިއާ ލީގަށް ތައްޔާރުވަމުންދާ މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަންކަން ކުރާނީ އެޓީމަށް ކުޅޭ އިކުއޭޑޯގެ ޑިފެންޑަރު އެންޓޯނިއޯ ވެލެންސިއާ ކަމަށް ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ވެލެންސިއާ އަށް ކެޕްޓަންކަން ލިބުނީ ކުރިން އެމަޤާމް އަދާކުރަމުންދިޔަ އިންގްލެންޑްގެ މައިކަލް ކެރިކް ޔުނައިޓެޑާއިއެކު 12 އަހަރު ހޭދަކުރުމަށްފަހު ނިމިދިޔަ ސީޒަނަށްފަހު ކުޅުން ހުއްޓާލުމާއި ގުޅިގެންނެވެ.

އިކުއޭޑޯގެ ކެޕްޓަންކަންވެސް މިހާރު ކުރަމުން އަންނަ އުމުރުން 32 އަހަރުގެ ވެލެންސިއާ، ޔުނައިޓެޑާއި ގުޅިފައިވަނީ 2009 ވަނަ އަހަރު ވިގަން އެތުލެޓިކް އިން 18.9 މިލިއަން ޔޫރޯގެ އަގަކަށެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ވެސް ގިނަ މެޗްތަކެއްގައި ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފައެވެ. މީގެއިތުރުން، މި ވަގުތު އެޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ ތަޖުރިބާކާރު، އަދި އެންމެ ގިނަ ދުވަހު ކުޅެފައިވާ އެއް ކުޅުންތެރިޔަކީވެސް ވެލެންސިއާ އެވެ.

ވެލެންސިއާ ވަނީ މިހާތަނަށް ޔުނައިޓެޑަށް އިނގިރޭސި ޕްރިމިއާ ލީގް ދެ ފަހަރު ކާމިޔާބު ކޮށްދިނުމުގެ އިތުރުން އިނގިރޭސި ލީގު ކަޕް ވެސް ދެ ފަހަރު އެޓީމަށް ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އަދި އަދި އެފްއޭ ކަޕަކާއި ޔޫރޮޕާ ލީގް އެއް ފަހަރު ޔުނައިޓެޑަށް ކާމިޔާބު ކޮށްދިނުމުގައި ވެސް އޭނާ ވަނީ މުހިއްމު ރޯލެއް އެކުލަބުގައި އަދާކޮށްފައެވެ.

"ވެލެންސިއާ އަކީ ކެޕްޓަން، އޭނާ ނުކުޅޭނަމަ ކޮންމެވެސް އެހެން ކުޅުންތެރިއަކަށް އެޒިންމާ އަދާކުރެވޭނެ. މިހުރިހާ ކަމެއް ބިނާވެގެންވަނީ އެވަގުތަކު ދަނޑުމަތީގައި ތިބޭ ކުޅުންތެރިންގެ މައްޗަށް." ކުލަބްގެ އޮފިޝަލް ވެބްސައިޓްގައި މޮރީނިއޯ ބުނެފައިވެއެވެ.

"ސްމޯލިން، ޔަންގު، ހެރޭރާ އަދި މަޓާ އަކީވެސް ދަނޑުމަތީގައި ހުރިނަމަ ކެޕްޓަންގެ މަސްޢޫލިއްޔަތު އަދާކުރެވޭނެ ކުޅުންތެރިން، މީގެއިތުރުން މަޓިޗް އަކީ ވެސް ކެޕްޓަންކަން ކުރެވޭނެ ފަދަ ކުޅުންތެރިއެއް."

"ޓީމުގެ ކެޕްޓަންކަމާއި މެދު އަހަރެން އެހައިބޮޑަށް ނުވިސްނަން. އަހަރެން އެންމެ ބޮޑު އިސްކަމެއްދެނީ ޓީމު ޑްރެސިންގ ރޫމްގައި އުޅޭ ގޮތާއިމެދު." މޮރީނިއޯ އިތުރަށް ބުނެފައިވެއެވެ.

އާ ސީޒަނަށް ތައްޔާރުވުމަށްޓަކައި ޔުނައިޓެޑުން ދަނީ އެމެރިކާގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅެމުންނެވެ. އެގޮތުން އެޓީމު ކުޅުނު ފުރަތަމަ މެޗުގައި މެކްސިކޯގެ ކުލަބެއްކަމަށްވާ ކްލަބް އެމެރިކާ އާއި ކުޅެ 1-1 އިން ވަނީ އެއްވަރުވެފައެވެ. މިމެޗުގައި އެޓީމަށް ކުޅޭ ޗިލީގެ ތަރި އެލެކްސިސް ސަންޗޭޒް ނުފެނުނު ނަމަވެސް ކުރިއަށްއޮތް މެޗުތަކުގައި އޭނާ ފެނިގެންގޮސްދާނެކަމުގެ އިޝާރާތެއް މޮރީނިއޯ ވަނީ ދީފައެވެ.