ފްރާންސްގެ ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ފޯވާޑް ނޭމާ ވަނީ ރެއާލަށް ދާން އުޅޭ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތައް ދޮގުކޮށް އޭނާ ޕީއެސްޖީ ދޫކޮށް އެހެން ޓީމަކަށް ދިއުމަށް ނުވިސްނާކަމަށް ބުނެފައެވެ.
ރެއާލް މެޑްރިޑް ދޫކޮށް ކްރިސްޓީއާނޯ ރޮނާލްޑޯ ޔުވެންޓަސް އާއި ގުޅުމުން އެޓީމުން ދަނީ އޭނާ ނެތްތަން ފޫބެއްދުމަށްޓަކައި މަޝްހޫރު ތަރިއެއް ގެންދިއުމުގެ މަސައްކަތް ފައްޓާފައެވެ. އެގޮތުން މީޑިއާގައި އެންމެ ގިނައިން ދެކެވެނީ މިވަގުތު ދުނިޔޭގައި ހުރި އެންމެ އަގުބޮޑު ކުޅުންތެރިޔާކަމަށްވާ އުމުރުން 26 އަހަރުގެ ނޭމާ އެޓީމަށް ބަދަލުވާނެކަމުގެ ވާހަކަތަކެވެ.
ފޮކްސް ސްޕޯޓްސް އަށް ދިން އިންޓަވިއުގައި ނޭމާ ބުނީ ޕީއެސްޖީ ދޫކޮށް އެހެން ޓީމަކަށް ބަދަލުވުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށާއި ކްލަބާއި ދެމެދު އޮތް އެއްބަސްވުމުގެ މުއްދަތު ހަމަނުވާކަމަށެވެ.
"އަހަރެން މި ކްލަބުގައި މަޑުކުރާނަން. އަހަރެންނާއި ކްލަބާއި ދެމެދު ވެފައިވާ އެއްބަސްވުން އަދި ހަމަވާކަށް ނޫޅޭ. މި ކްލަބާއިއެކު އަހަރެން ހާސިލް ކުރަން ބޭނުންވާ ވަރަށް ގިނަ ލަނޑުދަނޑިތައް އަދިވެސް އެބަހުރި" ނޭމާ ބުންޏެވެ.
ނޭމާ އިތުރަށް ބުނެފައިވަނީ އޭނާގެ ވިސްނުން ބަދަލުނުވާނެ ކަމަށާއި ކުރިއަށް އޮތް ސީޒަނުގައި ޕީއެސްޖީއާއިއެކީގައި ގިނަ ކާމިޔާބީތައް ހޯދިދާނެކަމަށް އޭނާ ޤަބޫލުކުރާކަމަށެވެ.
"އަހަރެންގެ ވިސްނުމެއް ބަދަލެއް ނުވާނެ. އަހަރެން އުއްމީދުކުރަނީ ކުރިއަށް އޮތް ސީޒަނުގައި މި ކްލަބާއިއެކު ގިނަ ކާމިޔާބީތަކެއް ހާސިލްކުރެވޭނެކަމަށް. އެގޮތުން ގިނަ ތަށިތަކެއް ހޯދަން ބޭނުން."
"ނޫސްތަކުން އަބަދުވެސް ތަފާތު ޚަބަރުތައް ފެތުރުމަށް ޝައުގުވެރިވާނެ. ޕީއެސްޖީ އާއި މެދު އަހަރެން ދެކޭގޮތް އެންމެންނަށްވެސް އެނގޭނެ."
ރެއާލް މެޑްރިޑުން ނޭމާއާއި އެއްކޮށް ޕީއެސްޖީގައި ކުޅެމުންދާ ފްރާންސް ފޯވާޑް ކިލިއަން އެމްބާޕޭ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާގައި އަޑުފެތުރެމުންދާ ދަނޑިވަޅެއްގައި އެމްބާޕޭ އާއި ބެހޭގޮތުން ނޭމާ ބުނީ އެއީ އަޖައިބުން ފުރިފައިވާ މޮޅު އަދި ހުނަރުން ފުރިފައިވާ ކުޅުންތެރިއެއްކަމަށެވެ. އޭނާގެ ފެންވަރު ނުލާހިކު ރަނގަޅަށް ނޭމާއަށް އެނގޭކަމަށެވެ.
"އޭނާ އަކީ އަޖައިބުން ފުރިފައިވާ މޮޅު ކުޅުންތެރިއެއް. މީގެކުރިންވެސް އަހަރެމެންނަށް އެނގޭ އޭނާއަކީ މޮޅުކުޅުންތެރިއެއްކަން. އޭނާ ވޯލްޑްކަޕްގެ ތަށި ހޯދުމުން އަހަރެން މިހުރީ އުފާވެފައި." ނޭމާ ބުންޏެވެ.
ނޭމާ އިތުރަށް ބުނިގޮތުގައި ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އެމްބާޕޭ އަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ވާދަކުރެވޭނެކަމަށާއި ވޯލްޑްކަޕްގައި މެޗުތައް ކުޅެމުން ދިޔަ ދުވަސްވަރުވެސް އެދެމީހުން އެކަކު އަނެކަކަށް ޤަވާއިދުން މެސެޖުކުރަމުންދިޔަކަމަށެވެ.
"އަހަރެން ޤަބޫލުކުރާގޮތުގައި ކުރިއަށް އޮތް ތާނގައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް އެމްބާޕޭ ވާދަކުރާނެ. ވޯލްޑްކަޕްގެ މެޗުތައް ކުޅެމުން ދިޔަ ދުވަސްވަރު ވެސް އަހަރެމެން ދިޔައީ އެކަކު އަނެކަކަށް މެސެޖުކުރަމުން. ވޯލްޑްކަޕަށްފަހު އޭނާ އާއި އަލުން ދިމާވާތީވެ އުފާވޭ." ނޭމާ ބުންޏެވެ.
މީގެއިތުރުން ނޫސްވެރިންވަނީ ޕީއެސްޖީ އާއި ދާދި ފަހުން ގުޅުނު އިޓަލީ އަދި ޔުވެންޓަސްގެ ކުރީގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އާއި ބެހޭގޮތުން ސުވާލުކޮށްފައެވެ.
މި ސުވާލުތަކަށް ޖަވާބުދެމުން ނޭމާ ބުނީ "ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިއަކާއި އެއް ޑްރެސިންގ ރޫމެއް ހިއްސާކުރުމަކީ ލިބޭ ފަޚުރެއް. އޭނާއަކީ ތަޖުރިބާއިން ފުރިފައިވާ ހުނަރުވެރި ކުޅުންތެރިއެއް. އޭގެ ސަބަބުން އަހަރެމެންނަށް ވަރަށް ފައިދާކުރާނެ." ކަމަށެވެ.