ރައީސް ޔާމީންގެ ސަރުކާރުން ހިތަދޫގައި ޖިމެއް ހަދަން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަތާ 5 އަހަރުވާން ބާކީ އޮތީ މަދު ދުވަސްކޮޅެކެވެ. އެހެން ނަަމަވެސް ހިތަދޫގައި އެ ޖިމް ގާއިމްކުރެވޭ ތަނެއް ނުފެނެއެވެ. އެވާހަކަ ސަރުކާރު ނުފޫޒުގަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އެއްގޮތަކަށް ވެސް ނުދައްކަވައެވެ.
ހިތަދޫ ޒުވާނުންގެ މަރުކަޒުގައި ކުރިން ޖިމް ހިންގި ތަނަށް ބޭނުންވަނީ ހަމައެކަނި ޖިމް އިކުއިޕްމަންޓެވެ. އެތަކެތި ހޯދުމަކީ ސަރުކާރަށް އެހާ އުނދަގޫ ކަމަކަށް ވެގެން އުޅެނީ ކީއްވެ ހެއްޔެވެ؟
އައްޑޫގައި ތިބި ޔޫތް މިނިސްޓްރީގެ ކޯޑިނޭޓަރުންގެ އަދަދު ގިނަ ވިޔަސް މި ސުވާލުގެ ޖަވާބު އެނގޭ ކޯޑިނޭޓަރަކު ނެތެވެ. ޖިމްގެ ވާހަކަ އަހާލިޔަސް ޖަވާބު ދޭން އެ ކޯޑިނޭޓަރުންގެ ބޭނުމެއް ނުވެއެވެ.
އެހެން ނަމަވެސް އެއީ ޒުވާނުންގެ ކަންބޮޑުވުންތައް އޮޅުންފިލުވަން ތިބި މީހުންނެވެ.
ހިތަދޫ ޔޫތް ސެންޓަރަށް ޖިމް އިކުއިޕްމަންޓް ހޯދުމަށް 2016 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޔޫތް މިނިސްޓްރީން އިއުލާން ކުރިއެވެ. އެ އިއުލާނުގެ މުއްދަތު ހަމަވި ފަހުން 3 އަހަރު ވެގެން ދާއިރު ވެސް ޖިމް ޤާއިމްކުރުމާއި ބެހޭގޮތުން އެއްވެސް ޚަބަރެއް ނުވެއެވެ.
ޖިމްގެ މައްސަލައިގައި ހިތަދޫ ޒުވާނުން އެމީހުންގެ ކަންބޮޑުވުންތައް އެންމެ ފަހުން ހިއްސާކުރީ، ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމަށެވެ. އެކަމަނާ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އައްޑޫއަށް ވަޑައިގެންނެވުމުން ހިތަދޫ ޒުވާނުންތަކެއް ޖިމްގެ ވާހަކަ ހިއްސާކުރިއެވެ.
ޤާނޫނީ ގޮތުން ބަލާއިރު ފަސްޓްލެޑީ އަކީ ސަރުކާރު އެއްވެސް މަގާމެއްގައި ހުންނެވި ބޭފުޅެއް ކަމުގައި ނުވިޔަސް، އެ ކަމަނާއާއި ބައްދަލުކުރި ޒުވާނުންގެ ޝަކުވާތަކަށް އަވަސް ހައްލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ފަސްޓް ލޭޑީގެ ފަރާތްޕުޅުން ހިތަދޫ ޒުވާނުންނަށް ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން ލިބުނަސް އަދިވެސް ހިތަދޫ ޖިމް ގާއިމްކުރެވޭނެ ދުވަހެއް ނޭނގެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު ނިމެން ބާކީ އޮތީ އެންމެ 3 މަހާއި 21 ދުވަހެވެ. ސުވާލަކީ މި މުއްދަތުގެ ތެރޭގައި ޖިމުގެ އިކުއިޕްމަންޓްސް ހިތަދޫ އާއި ހަމައަށް ފޯރަފާނެ ހެއްޔެވެ؟