އަހުރެން ދާދި ކުޑައިރު އެއްދުވަހަކު މަދަރަސާޔަށް ގޮސްފައި ހަވީރު ގެޔަށް އައިތަނާ ގޭގައި އުޅޭ ބެއްޔާ ބުނެފިއެވެ. އިސްމެހެލާ ހެރައިގެ ބަނޑުދޮށަށް ދާއަޅައިލާން ދާންކަމަށެވެ. މިޒާތުގެ ކަންކަމީވެސް ތައުލީމެވެ. އެހެންވީމާ އެކޮއި ދާންވާނެއެވެ. މިބެއްޔާއަށް ރަށު މީހުން ކިޔައި އުޅެނީ އާމިނަގެދަރިޔާއެވެ.
އޮއްސުނުއިރާއެކު ދެވެރިން ނައްޓާލައިފީމެވެ. ދިޔަވަރު ހިކިފައި އޮތް ވަގުތެކެވެ. އުޑުމަތީން ތަރިތަކުގެ ވިދުން ވަރަށް ސާފުކޮށް ނަލަކޮށް ފެނެއެވެ. މަސްހިފަމުން އަމުނަމުން ގޮސް ވަކި ހިސާބަކުން ބެއްޔާގެ ނަޒަރު އުދަރެހަށް އަމާޒުވެއްޖެއެވެ. އިރުކޮޅަކުން އަހުރެންގެ ކޮނޑުގައި ހިފައި ފަރުމަތީން ހިކިފައި އޮތް ހިރިއެއްގެ މައްޗަށް ގުޅަޔަކަށް ޖަހާން ދިމާކޮށްފިއެވެ. ބަލަބަލަ ތިޔަކުރަނީ ކީއްހޭ ކިޔައިފައި އެގޮތަކުން މިގޮތަކުން މީނާގެ އަތްދަށުން ނެއްޓިގެން ދުވެފައިގޮސް އެއްގަމަށް އަރައިފީމެވެ.
މީނާ އިސްދަށަށް ޖަހައިގެން ހުރެ މަޑުމަޑުން ހިނގާފައި އައިސް ބުންޏެވެ. ކޮޔާއެވެ. މަސް ހިފުން މިރެޔަކަށް ނިމުނީއެވެ. ގެޔަށް ހިނގާށެވެ. ބެއްޔާ އުޅުނީ އެވެނި ތަރިއެެއް މިވެނި ބުރުޖަކާ ހަމަވިތަން ފެނުނީމާ ދިވެހި ވެރިކަމުގެ ދާނުގައި އެކޮއި ވެޑުވޭތޯއެވެ. ފަރުމަތީގައި އެއޮތީ ހިރިޔެއްކަމުގައި ވިޔަސް އެވަގުތު އެއީ ދިވެހި ވެރިކަމުގެ ސިންގާސަނާއެވެ.
އޭގައި އިއްތައިނުލާންވެގެން ދުވެ ފިލީއެވެ. ދެން ކުރާނެ ކަމެއް ނެތެވެ. އަވަހަށް ހިނގާށެވެ. އަރައިފައި ހުރި ރުޅިއެއްގެ ގަދަކަމުން މީނާޔަށް އެއްވެސް ޒުވާބެއް ނުދީ ގެޔަށްގޮސް މާމަ ގާތުގައި ބުނެފީމެވެ. މިކަލޭގެޔާއެކު ތަންތަނަށް ދިޔުން ނިމުނީއެވެ. މީނާ މިހިރީ ދުނިޔެއިން މޮޔަވެފައެވެ. ފަރުމަތީގައި އޮތް ގަލެއްގެ މައްޗަށް އަހަރެން ގުޅަޔަކަށް ޖަހަން މީނާ އުޅެފިއެވެ. އެކަންވިނަމަ އަހުރެންނަށް ވަރަށް އަނިޔާވެސް ވީހެވެ. ނަސީބަކުން ދުވެ ބަޗައިފީމެވެ.
އެއީ ތެދެއްހޭ މީހެއްގެ ދަރިޔަކަށް އަނިޔާކުރާން ކަލޭ ތިޔައީ އެކޮއިގެ ތިމާގެ މީހެއްވެސް ނޫނޭ ކިޔައިގެން މާމަ އަޑުލާން ފެށީމާ ބެއްޔާ ބުންޏެވެ. އަހުރެން އުޅުނީ އަނިޔާކުރާކަށް ނޫނެވެ. ދިވެހިރާއްޖޭގެ ވެރިކަން އެކޮޔަށް ހޯދައިދޭންވެގެންނެވެ. އިހު މީހުން ކިޔައިއުޅޭތީ އަޑުއަހަމެވެ. ދިޔަމިގިލީ ވަންހައިގެ ސުލްތާން މުހައްމަދު އިމާދުއްދީން ދެވަނަ މީލާދުން ސަތާރަސަތޭކަ ހަތަރެއްގައި ދިވެހިރާއްޖޭގެ ތަޚުތުގައި އިއްތައިލެއްވީވެސް މިމަގުންނެވެ.
އެރަދުންގެ ބޭބެޔާއެކު މަސްހިފާން ކޮޅުމަޑުލު ކޮންމެވެސް ފަޅު ރަށެއްގެ ފަރުމަތީގައި ތިއްބައި އެވެނި ތަރިޔެއް މިވެނި ބުރުޖާއި ހަމަވިތަން ފެނިފައި ވަގުތުން އެތާގައި އޮތް ގަލެއްގެ މައްޗަށް ކޮއްކޯ ކޮއްޕައި ވައްޓައިލީއެވެ. ދެން އަނިޔާވެގެން ރޮއިގަތީމާ ބޭބެ ބުންޏެވެ. ކޮއްކޯއޭ ނުރޯށެވެ. ތިޔަ ބޭންދީ ދިވެހި ތަޚުތުގައެވެ. އަހަރުތަކެއްފަހުން މިބަސް ތެދުވެ އެކޮއްކޮއަށް ދިވެހި ތަޚުތު މިލްކުވެއްޖެއެވެ.
އަހުރެންނަށް މިރޭ އެތަރިޔާއި ބުރުޖު ހަމަވިތަން ފެނުނީމާ އުޅެވުނީ މީނާޔަށްވެސް އެނަސީބު ހޯދައިދޭންވެގެންނެވެ. އެކަމަކު މީނާގެ ނުލަފާކަމާއި ބަސްއެހުން ކުޑަކަމާއި ހަރުކަށިކަމުން މިހިރީއަކީ ތަގުދީރުގައި މީނާޔަށް ހުރި ދަރަޖަތަކެއް ކަމުގައި ނުފެނެއެވެ. ވަރަށް ދެރައެވެ. އަހުރެން ބުނެފީމެވެ. ދެން އެހެންވިއިރު ކަލޭ އެގަލުގެ މަތީގައި ނަލަކޮށް އިއްތާލައިގެން ތިޔަ ބުނާ ތަޚުތަށް އެރިނަމަ ނިމުނީ ނޫންހެއްޔެވެ.
ތިޔަކަހަލަ ވާހަކަތަކަކީ މިޒަމާނު މީހުން ގަބޫލުނުކުރާނޭ ފުލޯކު މޮޔަ ވާހަކަތަކެކެވެ. ބެއްޔާ ބުންޏެވެ. ކޮޔާއެވެ. ކޮންމެ ގޮތަކުން ވެރިކަން ލިބުނަސް އިރުވަރު ބަލައިގެން އެވެރިކަން ދެމެހެއްޓުމާއި އިރުވަރު ބަލައިގެން ކަންކަން ހާސިލު ކުރުމަކީ އެންމެންވެސް ކުރާ ކަމެކެވެ. ޒަމާން ބަދަލުވިޔަސް ޚިލާފެއްނެތި ހިނގަމުން އަންނަ އާދައެކެވެ. އެކޮއިވެސް ބޮޑުވެ ކަންކަން މޭރުންވާވަރުވީމާ ބެއްޔާ މިބުނި ބަހުގެ ތެދުކަން ފެންނާނެއެވެ.
މިހާދިސާއަށް އެތަކެއް އަހަރު ފަހުން އަހުރެން ރާއްޖޭގެ ބޮޑު ނޫހުގައި މަސައްކަތްކުރި ޒަމާނުގައި ކޮންމެވެސް ދޮންދީދީއެއްގެ ވާހަކަޔާއި އެވެނި މީހަކަށް ވެރިކަން ހޯދައިދޭން އިރުވަރުބަލައި މިވެނި އެވެނި ކަންތައްތަކެއް ކުރި ވާހަކަ ނޫހުގައި ލިޔާން ޖެހިއްޖެއެވެ. ހަމަވަގުތުން އެއްކަލަ ރޭ ބެއްޔާ ދެއްކި ވާހަކަތައް ހަނދާނަށް އަތުވެއްޖެއެވެ. ހިތުގައި ޖެހުނެވެ. މިވެސް ބެއްޔާއަށް ދަރިވަރުވެފައިވާ ބަޔަކީތާއެވެ.
މާލޭ ސިޓީ ކައުންސިލުގެ ފަރާތުން މަޖީދީމަގުގައި އިންދާފައިހުރި ފެންފޯއް ރުއްތައް އެއްދުވަހަށް އިރުއެރިއިރު ކޮންމެވެސް ބަޔަކު ވަނީ ބުރިކޮށް ވައްޓާލައިފައެވެ. ވާހަކަ ދެކެވުނެވެ. ވެރިކަމާއި ގުޅުންހުރި ކަންވެރިކަމުގެ ތެރެއިން ހިނގި ކަމެކެވެ. ދުވަސްތަކެއްފަހުން އަނެއްކާވެސް ކޮންމެވެސް އަސޭލާއެއްގެ ވާހަކަ އިވޭން ފަށައިފިއެވެ.
ވެރިކަމާ ނުރުހޭ މީހުން ފަނޑިޔާރުގެޔަށް ގެންގޮސް އެކި ވިޔައަކުރާއި ގުޅުންހުރި ދުވަސްތަކުގައި ހަމަ އެއަކުރުތަކަށް ފެތޭ ނިޔާތައް އިއްވުމުގެ ވާހަކަވެސް ދެކެވޭން ފަށައިފިއެވެ. މީހުން ބުނެއެވެ. ވައްތަރީ އިއްތިފާގަކަށްވުރެ ރޭވިގެން ކުރެވޭ ކަމަކާއެވެ. ހިތަށް އަރައެވެ. ބެއްޔާ އެރޭ އެބުނީ ހަމަ ތެދެއްތާއެވެ. އިރުވަރަށް ބަލައި ވިޔައަކުރަށް ބަރޯސާވެ ކަންކަން ކުރުމަކީ ކޮންމެ ޒަމާނެއްގައިވެސް ހަމަ އޮންނަ ކަމަކީއެވެ. އެޔަށް އީމާންވާ ބަޔަކު ނޫޅޭނަމަ މިވާހަތަކަށް ޖާގައެއްވެސް ނޯންނާނެއެވެ.
އަހުރެން ކަހަލަ ބަޔަކު އެޔަށް އީމާން ނުވިޔަސް އަނެއްބައެއްގެ އީމާނާއި މިކަން މިއޮތީ ގުޅިފައެވެ. އެހެންވީމާ ކަމެއް ހާސިލުކުޅައުމަށާއި ހާސިލުކުޅަ އެއްޗެއް ދެމެހެއްޓުމަށް ފަރުމަތީން ގާގަލުގައިވެސް އިށީންނާނެއެވެ. ނުފޮރުޅާކަށް އެންމެ ގަލެއްވެސް ނުބާއްވާނެއެވެ. ކޮށްފައި ނުކުރާކަށް ހަމައެއްކަމެއްވެސް ނޯންނާނެއެވެ.