Last Updated: November 27, 21:29
Wednesday, November 27, 2024
ކުޅިވަރު

ޕިޔަނިޗް ގެންދިއުމުގެ ރޭހުގެ ކުރީގައި ސިޓީ

ޔުވެންޓަސްގެ މިޑްފީލްޑްގައި މުހިއްމު ދައުރެއް އަދާކުރާ މިރަލެމް ޕިޔަނިޗް --ފޮޓޯ: ޔުވެންޓަސް.ކޮމް

އިޓަލީގެ ޔުވެންޓަސް އަށް ކުޅޭ ހުނަރުވެރި މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް ގެންދިއުމަށް މަސައްކަތްކުރާ ކްލަބުތަކުގެ ލިސްޓުގެ އެންމެ ކުރީގައި މިވަގުތު އުޅެނީ މެންޗެސްޓަރ ސިޓީ ކަމަށް އިޓަލީގެ ނޫސްތަކުން ޚަބަރުލިބެއެވެ.

ސްޕޯޓް މީޑިއާސެޓުން މަޢުލޫމާތު ދޭ ގޮތުގައި ޕިޔަނިޗް ގެންދިއުމަށް މަސައްކަތްކުރާ ކްލަބުތަކުގެ ތެރޭގައި ބާސެލޯނާ އާއި ސިޓީގެ އިތުރުން ޗެލްސީވެސް ހިމެނެއެވެ. އެހެންނަމަވެސް، މިހާރު އެ ލިސްޓްގެ އެންމެ ކުރީގައި އުޅެނީ ސިޓީކަމަށާއި ކޯޗް ޕެޕް ގާޑިއޯލާވެސް އެ ކުޅުންތެރިޔާއާއި ފޯނުން ވާހަކަދައްކާފައިވާކަމަށްވެއެވެ.

ސިޓީއިން ޕިޔަނިޗް ގެންދިއުމަށް 100 މިލިއަން ޔޫރޯ ހޭދަކުރުމަށް ތައްޔާރަށް އޮތް ކަމަށްވެސް އެ ޚަބަރުގައިވެއެވެ. މީގެކުރިން ސިޓީއިން ވަނީ ނަޕޯލީއިން ދާދިފަހުން ޗެލްސީ އަށް ބަދަލުވި އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ ގެންދިއުމަށްވެސް މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް، ޗެލްސީ ގެ އައު ކޯޗު މައުރީޒީއޯ ސާރީ ވަނީ އެންމެފަހު ވަގުތު އެ ކުޅުންތެރިޔާ ޗެލްސީއަށް ގެންގޮސްފައެވެ.

ޕިޔަނިޗް ވަނީ ސްޕެއިނުގެ ބާސެލޯނާއަށް ކުޅުމަކީ ދެކޭ ހުވަފެނެއްކަމަށް މީގެކުރީން ބުނެފައެވެ. ނަމަވެސް، ދާދިފަހުން ޔުވެންޓަސް އާއި ގުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އެކުގައި ކުޅުމަށްޓަކައި އެޓީމުގައި މަޑުކުރުމަކީވެސް އެކަށީގެންވާކަމެކެވެ.

ބޮސްނިއާގެ އުމުރުން 28 އަހަރުގެ ޕިޔަނިޗް ވަނީ 2016 ވަނަ އަހަރުން ފެށިގެން ޔުވެންޓަސް އަށް ކުޅުނު 91 މެޗުގައި 15 ލަނޑު ކާމިޔާބުކޮށް 28 ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ. މިޑްފީލްޑްގެ ކޮންމެ މަޤާމަކަށްވެސް ކުޅުމުގެ އިތުރުން ހިލޭޖެހުން އަދި ޕެނަލްޓީއޭރިޔާގެބޭރުން ގޯލްޖެހުމުގެ ޤާބިލްކަން ލިބިފައިވާ މިކުޅުންތެރިޔާ ވަނީ މީގެކުރީން އިޓަލީގެ ރޯމާ އަށާއި ފްރާންސްގެ ލިޔޯނަށްވެސް ކުޅެފައެވެ.

މީގެއިތުރުން ޔުވެންޓަސް އަށް ކުޅޭ އިޓަލީގެ ޑިފެންޑަރު ޑެނިއެލް ރުގާނީ ޗެލްސީއަށް ބަދަލުވުމަށް އެއްބަސްވެފައިވާކަމަށް އެޤައުމުގެ ނޫހެއްކަމަށްވާ ޓުޓޯސްޕޯޓްސްއިން ހާމަކޮށްފައިވެއެވެ. މިދެޓީމުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައިނުވަނީ ހަމައެކަނި ޓްރާންސްފާ ފީ ކަމަށްވެސް އެ ޚަބަރުގައިވެއެވެ. ބެލެވޭގޮތުގައި ޔުވެންޓަސް އިން އޭނާގެ ޓްރާންސްފާ ފީ ގެ ގޮތުގައި 50 މިލިއަން ޔޫރޯ އަށް ވުރެ ކުޑަނޫން އަގެއް ބޭނުންވެއެވެ.