މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން މެލޭޝިޔާގެ ބޮޑުވަޒީރުކަމުގައި ހުންނެވި ނަޖީބު ރައްޒާޤު ހުންނެވީ ދައުލަތުގެ ހުރިހާ ބާރެއް މުށުތެރެއަށް ލައްވައިގެން އާރާއި ބާރުގައެވެ. އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް ކުރެވުނު ނަމަވެސް، އެއިން މައްސަލައެއް ބަލަން ކެރޭނެ މުއައްސަސާއެއް މެލޭޝިޔާގައި އޭރު ނެތެވެ. އެންމެ ބާރުގަދަ މީހަކީ ނަޖީބެވެ.
މިފަދަ ގޮތަކަށް ހުރިހާ ބާރެއް މުށުތެރެއަށް ލައްވައިގެން ހުންނެވި ނަޖީބުގެ ވެރިކަން ދިހަ ވަރަކަށް އަހަރަށް ދެމިގެން ދިޔައެވެ. އެހެން ނަމަވެސް މެއި މަހު މެލޭޝިޔާގައި ބޭއްވި އިންތިޚާބަށް ފަހު ނަޖީބުގެ އާރާއި ބާރުވެރިކަމަށް އައީ ކުއްލި ނިމުމެކެވެ. އެއީ ހައިރާންކަމެކެވެ. އަދި މެލޭޝިޔާގެ ރައްޔިތުންނަށް ލިބުނު ބޮޑު އުފަލެއް ވެސް މެއެވެ.
ނަޖީބުގެ މައްޗަށް ކުރެވުނު ޚިޔާނާތުގެ ބޮޑެތި ތުހުމަތުތައް ތަހުގީގް ކުރަން ހުރަސްއެޅުއްވި!
އަގުބޮޑު ތަކެއްޗަށާއި ފައިސާވެރިކަމަށް ލޯބިކުރައްވާ ބޭފުޅެއްގެ ގޮތުގައި މެލޭޝިޔާގެ ގިނަ ބަޔަކު ސިފަކުރާ ނަޖީބުގެ މައްޗަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް ކުރެވުނު އިރު އެ މައްސަލަ ބަލަން އެ ގައުމުގެ އިދާރާތަކުން ދިޔައީ ފަސްޖެހެމުންނެވެ. އެހާ ވެސް ނަޖީބުގެ ބާރުގަދައެވެ.
ނަޖީބުގެ ވެރިކަމާއި ދެކޮޅަށް ރައްޔިތުން ނިކުތީ، އޭނާގެ ސަރުކާރުން ގާއިމްކުރި ސަވަރެއިން ފަންޑް "ވަން މެލޭޝިއާ ޑިވެލޮޕްމެންޓް ބަރުހާދު" (ވަންއެމްޑީބީ) ގެ ފައިސާއަށް ނަޖީބާއި އޭނާގެ އަރިސް ބޭފުޅުން ހިޔާނާތްތެރިވެވަޑައިގެންނެވި ހިސާބުންނެވެ.
ވަންއެމްޑީބީ ފަންޑުން ނަޖީބާއި އޭނާގެ އަރިސް ބޭފުޅުން 4.5 ބިލިޔަން ޑޮލަރު ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ. ނަޖީބު ވެރިކަމުގައި ހުންނެވިއިރު އެ މައްސަލައިގެ ތަހުގީގަށް ހުރަސް އަޅުއްވަމުން ގެންދެވިއެވެ.
އެގޮތުން ވަންއެމްޑީބީ ފަންޑުން ނަޖީބުގެ އަމިއްލަފުޅު އެކައުންޓަށް 681 މިލިއަން ޑޮލަރު ޓްރާންސްފަރ ކުރި މައްސަލައެއް ވެސް 2017 ވަނަ އަހަރުގެ ތެރޭގައި ފެންމަތިވިއެވެ. އެހެން ނަމަވެސް ނަޖީބުގެ ވެރިކަމުގައި ހުރިހާ ބާރަކާއި އެކު ހުންނަވި އިރު އެ މައްސަލައިގައި މެލޭޝިޔާގެ އެއްވެސް އިދާރާއަކަށް ފިޔަވަޅެއް ނޭޅުނެވެ.
މެލޭޝިޔާގެ އިދާރާތަކުން އެ މައްސަލަ ތަހުގީގް ކުރުމަށް ނަޖީބު ހުރަސް އެޅުއްވި ނަމަވެސް ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ނަޖީބު ޚިޔާނާތުގެ މައްސަލަ ދިޔައީ ތަހުގީގް ކުރަމުންނެވެ. އެހެން ނަމަވެސް ނަޖީބުގެ ނުފޫޒު ގަދަ ކަމުން އެ މައްސަލަ ތަހުގީގް ކުރި ގައުމުތަކަށް މެލޭޝިއާ އިން އެއްބާރުލުން ދިނުން ވެސް އޮތީ ހުއްޓުވާފައެވެ.
އިންތިޚާބަށް ނިކުންނެވީ ފައިސާވެރިކަމާއި އާރާއި ބާރާއި އެކުގައި!
އިންތިޚާބުގެ ކުރިން ނަޖީބުއަށް ތާއީދު ކުރާ މީހުންގެ ބޮޑެތި ރެލީތައް ބޭއްވިއެވެ. ބޮޑެތި މަތިންދާބޯޓުތަކުގައި ނަޖީބަށް ތާއީދުކޮށް ލިޔުންތައް ލިޔުނެވެ. މެލޭޝިޔާގެ އިލެކްޝަންސް ކޮމިޝަނަރު ވެސް އަމަލުކުރައްވަމުން ގެންދެވީ ސީދާ ނަޖީބު އަށް އެންމެ ފައިދާ ހުންނެވި ގޮތަށެވެ.
މެއި މަހު ބޭއްވި މެލޭޝިޔާގެ އާއްމު އިންތިޚާބާއި ކުރިމަތިލި އިރު ނަޖީބުގެ މައްޗަށް ބޮޑެތި ތުހުމަތުތައް ކުރެވުނު ނަމަވެސް އޭނާ ހުންނެވީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަޤީންކަމުގައެވެ. ނަޖީބު އަރިސް ބޭފުޅުން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރައްވައި ކެމްޕެއިން ކުރައްވަމުން ގެންދެވިއެވެ. ވިދާޅުވަމުން ގެންދެވީ، "ފަސޭހަކަމާއި އެކު އިންތިޚާބު ކާމިޔާބު" ކުރާނެ ކަމަށެވެ.
އާރާއި ބާރުގައި، ފައިސާވެރިކަމާއި އެކު ނަޖީބު އިންތިޚާބަށް ނިކުމެވަޑައިގެންނެވި އިރު އެބޭފުޅާ އާއި ވާދަކުރައްވަން ނިކުމެވަޑައިގަތީ އުމުރުފުޅުން 92 އަހަރުގެ މަހާތީރު މުހައްމަދެވެ. މަހާތީރަކީ، ނަޖީބް ރައްޒާކް ބޮޑުވަޒީރު ކަމަށް ގެންނެވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅާއެވެ.
ނަޖީބު އާދި ދެކޮޅަށް މަހާތީރު ނިކުމެވަޑައިގެންނެވީ، ނަޖީބުގެ ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް އިންތިހާއަށް ބޮޑުވުމާއި ގުޅިގެންނެވެ. އެއަށް ފަހު އަމިއްލަފުޅު ޕާޓީއެއް އުފައްދަވައި ނަޖީބުގެ ސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ފެށި މަސައްކަތް ލީޑްކުރައްވަން ފެއްޓެވީއެވެ.
"އުއްމީދީ އިއްތިހާދު"ގެ ނަމުގައި އުފެއްދެވި ޕާޓީ އަކާއި އެކު މަހާތީރު އެނބުރި ސިޔާސީ ދާއިރާ އަށް ވަޑައިގެންނެވި ނަމަވެސް ނަޖީބު ވިދާޅުވަމުން ގެންދެވީ، "އެކަމާއި ޖެހިލުން ނުވާ" ކަމަށެވެ.
ނަޖީބު އެހެން ވިދާޅުވިއިރު، މެލޭޝިޔާގައި އޭރު ނެގި ޚިޔާލު ހޯދުމުގެ ވޯޓްތަކުން ވެސް ދައްކާފައި އޮތީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ނަޖީބު ކަމަށެވެ. އެހެންވެ ނަޖީބުގެ ކެމްޕެއިން ވެގެން ގޮސްފައިވަނީ އިދިކޮޅު ފަރާތްތަކަށް ޖެއްސުން ކުރުމުގެ ހަރަކާތެއްގެ ގޮތުގައެވެ.
އިންތިހާބަށް ނަޖީބުގެ ސަރުކާރުން ނުފޫޒު ފޯރުވިކަމުގެ ތުހުމަތު ކުރެވުނު އިރު ވަކި އެޑްރެހެއް ނެތި ދެ މިލިއަން މީހުން އިންތިޚާބުގައި ވޯޓު ލުމަށް ރަޖިސްޓްރީކޮށްފައިވާ ކަން ވެސް ފަޅާއެރިއެވެ.
ނަޖީބުގެ ކުއްލި ވެއްޓުން، ޢިބްރަތުން ފުރިފައި!
ދައުލަތުގެ ހުރިހާ ވަސީލަތަކާއި ވެރިކަމުގެ އާރާއި ބާރުގައި ހުންނަވައި ނަޖީބު ރައްޒާޤް ކެމްޕެއިން ކުރެއްވި ނަމަވެސް އިންތިޚާބުގައި ނަޖީބުގެ މައްޗަށް ކުރި ހޯދީ އިދިކޮޅު ލީޑަރު މަހާތީރު މުހައްމަދެވެ. އިންތިޚާބުގައި ނަޖީބު ބަލިވި ހިސާބުން ފެށިގެން މުޅި މަންޒަރު ބަދަލުވާން ފެށިއެވެ. ނަޖީބަށް ތާއީދުކޮށް ގަދަބަސް ބުނަމުން ދިޔަ މީހުންގެ އަޑުތައް މަޑުވާން ފެށިއެވެ.
އޭގެ ތެރޭގައި ވިޔަފާރިވެރިންނާއި ނަޖީބުގެ އަމިއްލަފުޅު ޕާޓީގެ އިސް ބޭފުޅުން ވެސް ހިމެނެއެވެ. އަދި ނަޖީބުގެ ނުފޫޒަށް ބިރުން އޭނާގެ ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ނުކެރިފައި ތިބި މުއައްސަސާތައް ވެސް މަސައްކަތް ކުރަން ފެށިއެވެ.
ދެން ފެންނަން ފެށީ ނަޖީބުގެ ގެކޮޅުތަކާއި އޭނާ އާއި ގުޅުންހުރި ތަންތަނުން ފައިސާ ފޮށިތަކާއި އަގުބޮޑު ގަހަނާތައް ނެރެން ފެށި މަންޒަރެވެ. އެ ތުހުމަތުތަކަށް މިހާރު ނަޖީބު ހައްޔަރުކުރެވިފައިވާއިރު، އޭނާގެ ފޮޓޯ ޖެހި މަތިންދާ ބޯޓުތައް ތައްޔާރު ކުރި މީހުން ވެސް ވަނީ އެކަން ކުރެވުނީތީ މައާފަށް އެދިފައެވެ. ނަޖީބުގެ ދިފާޢުގައި އެއްޗެއް ވިދާޅުވާން ކެރިވަޑައިގަންނަވާ ސިޔާސީ އެއްވެސް ބޭފުޅަކު މެލޭޝިޔާގައި ނެތް ކަހަލައެވެ. ނަޖީބުގެ އަމިއްލަ ފުޅު ޕާޓީގެ ލީޑަރު ކަމަށް ވެސް ނަޖީބު ފިޔަވައި އެހެން ބޭފުޅަކު ވަނީ އިންތިޚާބުކޮށްފައެވެ.
މެލޭޝިޔާގެ ރައްޔިތުން ފައިސާވެރިކަމާއި އާރާއި ބާރުގައި ހުންނެވި "އެންމެ ބާރުގަދަ" ބޮޑުވަޒީރުގެ ވެރިކަން މުލުން ލުހެލީ ހިތްވަރާއި އެކު ނިކުމެ ވޯޓު އަޅައިގެންނެވެ. ނަޖީބުގެ ވެރިކަން ނިންމަން ކޮރަޕްޝަނާއި ދެކޮޅަށް މެލޭޝިޔާގެ ރައްޔިތުން ނިކުމެ ކުރި މަސައްކަތާއި ނަޖީބުގެ ކުއްލި ވެއްޓުމަކީ ކޮރަޕްޓް ވެރިންނަށް ފިލާވަޅެކެވެ.