އައްޑޫ ހިތަދު އަށް އުފަން އަލްއުސްތާޛް ޙުސައިން ޝަހީދު ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ޙާސިލްކުރައްވާފައިވަނީ މިޞްރުގެ އިތުރުން ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ (މިހާރުގެ އިސްލާމިކް ޔުނިވާސިޓީ) އިންނެވެ.
ގާޒީ ޝަހީދު ޤާނޫނީ ވަކީލު ކަމުގެ ހުވާކުރައްވާފައިވަނީ 2012 ވަނަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ. އޭގެ ފަހުން ޕްރައިވެޓް ލޯ ފާމެއް ކަމުގައިވާ އިކުއިޓީ ޗެމްބާސްގައި މަސައްކަތް ކުރެއްވި އިރު ފަހުން އެބޭފުޅާ ވަނީ ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރައްވާފައެވެ.
ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރ ކަމުގެ ވަޒީފާ އަދާކުރެއްވުމަށް ފަހު ގާޒީ ޝަހީދު އައްޑޫ ސިޓީ ފޭދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
އެ ކޯޓުގައި މަސައްކަތް ކުރައްވަމުން ދަނިކޮށް ވަގުތީ ގޮތުން ޝަހީދު ނ.ހޮޅުދޫ މެޖިސްޓްރޭޓް ކޯޓަށް ވެސް ބަދަލުކުރިއެވެ. އެހެން ނަމަވެސް 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އަނެއްކާ ވެސް ޝަހީދު ވަނީ ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ޝަހީދު ކުރިމަތިލެއްވީ ފޭދޫ ކޯޓުގެ މެޖިސްޓްރޭޓް އަކަށް ހުންނަވަނިކޮށެވެ.
ގިނަ ބަޔަކަށް ޝަހީދު ގާޒީ އެނގިގެން ގޮސްފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރިތާ 48 ގަޑިއިރު ތެރޭގައި، ފަތިހުގެ ވަގުތެއްގައި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރުއްވި ހިސާބުންނެވެ.
ކްރިމިނަލް ކޯޓަށް ގާޒީ ޝަހީދު އައްޔަން ކުރިތާ އެންމެ 180 ދުވަހުގެ ތެރޭގައި ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖޭއެސްސީ އިން ނިންމާފައިވާއިރު، މިހާ ކުރު މުއްދަތެއްގައި ހައިކޯޓާއި ހަމައަށް ވަޑައިގެންނެވުމަކީ ރެކޯޑެކެވެ.