އައްޑު އަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގެތަކަށް ފެން ވަދެ ގެއްލުން ލިބެމުންދާތީ ބިން ތިރިކޮށް ހުންނަ ގެތަކުގައި "ކުޑަ އޮޅިގަނޑެއް" ރޭނުމަށް ހައުސިން އައްޑޫ ޑިޕާޓްމަންޓުން އެދިއްޖެ އެވެ.
ހައުސިން އައްޑޫ ޑިޕާޓްމަންޓުގެ ކޯޑިނޭޓަރު އަހުމަދު އަމަން އަލީ (ޓޮމް) ފޭސްބުކްގައި ބުނެފައިވަނީ، "ބިން ތިރިކޮށް ހުންނަ ގެ ތަކުގެ ދޮރުމަތީގައި ކުޑަ އޮޅިގަނޑެއް ރާނާ ދެއްވުމަށް އާދޭހާއި އެކު ދަންނަވަން" ކަމަށެވެ.
2015 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން އައްޑޫގެ މަގުތައް ބެލެހެއްޓުމުގެ ޒިންމާ އަދާކުރަމުން ގެންދަނީ ހައުސިން މިނިސްޓްރީންނެވެ. ހައުސިންގެ ޑިޕާޓްމަންޓެއް އައްޑޫގައި ގާއިމްކޮށްފައި ވީ ނަމަވެސް އައްޑޫގެ މަގުތައް ބެލެހެއްޓުމުގެ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާނުކުރެވެއެވެ.
އިއްޔެ ހިތަަދޫގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ ގެތަކަށް ފެންގަނޑު ވަނުމުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައެއް އާއްމުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ހައުސިން އައްޑޫ ޑިޕާޓްމަންޓުގެ ކޯޑިނޭޓަރު އަމަން ބުނެފައިވާ ގޮތުގައި، އިއްޔެ ފެންވަދެގެެން ގެއްލުން ލިބުނު ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އާއްމުންގެ އެހީތެރިކަން ލިބުނު ކަން ފާހަގަކޮށްފައެވެ.
"އައްޑޫ ސިޓީ ހިތަދޫގެ ބައެއް ގެތަކަށް ފެން ވަދެގެން ހައުސިން މިނިސްޓްރީ އާއި އަމިއްލަ ފަރާތެއް މޫސާ އަރީފްގެ އެހީތެރިކަމާއި އެކު މިހާރު ވަނީ އާއްމު ހާލަތަކަށް ގެނެވިފައި. މިފަދަ ކަންކަމުގައި އާއްމު ފަރާތްތަކުން ވެސް އެހީތެރިކަން ބޭނުންވޭ." އަމަން ކުރި ފޭސްބުކް ޕޯސްޓްގައި ބުނެފައިވެއެވެ.
ބިން ތިރިކޮށް ހުންނަ ގެތަކުން އޮޅިގަނޑެއް ރާނަން ހައުސިން ޑިޕާޓްމަންޓުގެ ކޯޑިނޭޓަރު ގޮވާލުމުން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން ދަނީ މަގުތައް ބެލެހެއްޓުމުގެ ޒިންމާ އަދާނުކޮށް ގެތަކުން "ޝީޓް ޕައިލް" ކުރަން އަންގާފައި ނުވަނީ ކީއްވެތޯ ވެސް ސުވާލު އުފައްދާފައެވެ.