ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ވެސް ބޭނުންކުރައްވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަދުރޭ މިހެން ވިދާޅުވީ، ޕީޕީއެމް އިން މާލޭގައި އަލަށް ގާއިމްކުރި ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އަދުރޭ ވިދާޅުވީ، ގިނަ ޕާޓީތައް ހިމނޭ ޑިމޮކްރެސީގެ ނިޒާމުގައި ވެރިކަމުގައި އޮންނަ ޕާޓީން އިތުރު ދައުރެއް ހޯދަން މަސައްކަތް ކުރާނީ ސަރުކާރުގެ ވަސީލަތްތަކާއި މަގާމުތަކުގައި ތިބި މީހުންނާ ވެސް އެކުގައި ކަމަށެވެ. އަދުރޭ މިހެން ވިދާޅުވީ، ޕީޕީއެމްގެ ފަރާތުން ކެމްޕެއިންގައި ސަރުކާރުގެ ވަސީލަތް ބޭނުންކުރާ ކަމުގެ ޝަކުވާ އިތުރުވެފައިވާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުން ކަމަށް ބެލެވެއެވެ.
ވަރަށް ޖޯޝާއި ފޯރީގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، މިފަހަރު ޕީޕީއެމުން ކެމްޕެއިން ކުރާނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުޅި ސަރުކާރު ބޭނުން ކޮށްގެން ކަމަށެވެ.
""އިދިކޮޅު ފަރާތްތަކަށް ދަންނަވާލަން އޮތީ އަޅުގަނޑުމެން ނުކުންނާނީ މުޅި ސަރުކާރު އެކީގައޭ. ހަމަ ވަސީލަތްތައް ބޭނުންކޮށްގެނޭ އިންތިޚާބު ކާމިޔާބު ކުރާނީ." އަދުރޭ ވިދާޅުވިއެވެ.
ރާއްޖޭގެ ގާނޫނުތައް ހުރި ގޮތުން ދައުލަތުގެ ފައިސާ އާއި ވަސީލަތް ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ބޭނުންކޮށްގެން ވެރިކަމަށް އައުމަށް މަސައްކަތްކުރުމަކީ މަނާކަމެކެވެ. އިންތިޚާބު ތަކުގައި ވަކި ބަޔަކަށް ފައިދާ ހޯދަން ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރުމަކީ މާލިއްޔަތު ގާނޫނުގައި ކަނޑައަޅާފައިވާ ކުށެކެވެ. އެފަދަ ބަލައި ހުއްޓުވުމަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މުއައްސަސާތަކުގެ ޒިންމާ އެކެވެ.