ސްޕެއިނުގެ ބާސެލޯނާ އިން ބޯޑޯ އަށް ކުޅެމުން އައި ބްރެޒިލްގެ 21 އަހަރުގެ މެލްކޮމް ގެނައުމަށް އެއްބަސްވުމަކަށް އަތުވެއްޖެއެވެ. މީގެކުރީން ބޯޑޯ އިން ވަނީ ރޯމާ އާއިއެކު އޭނާ ވިއްކާލުމަށް އެއްބަސްވެފައެވެ. އެހެންނަމަވެސް، އެންމެ ފަހު ވަގުތު ސްޕެއިނުގެ ބާސެލޯނާ އިން މެލްކޮމް ގެންދިއުމަށް ޝައުޤުވެރިކަން ފާޅު ކުރުމުން އެ ޓްރާންސްފާގެ ކަންތައް ވަނީ މަޑުޖައްސާލައިފައެވެ.
އެންމެފަހުގެ ރިޕޯޓްތައް ބުނާގޮތުގައި، ފްރާންސްގެ ބޯޑޯ އަށް ކުޅެމުން އައި މެލްކޮމް ވަނީ ބާސެލޯނާ އާ އެކީ ފަސް އަހަރުގެ އެގްރީމަންޓެއްގައި ސޮއިކުރުމަށް އެއްބަސްވެފައެވެ. ބެލެވޭގޮތުގައި، ބޯނަހާއިއެކު އޭނާގެ ޓްރާންސްފާ ފީ ގެ ގޮތުގައި 42 މިލިއަން ޔޫރޯގެ އަގެއް ބާސެލޯނާ އިން ވަނީ ބޯޑޯ އަށް ދިނުމަށް އެއްބަސްވެފައެވެ.
މެލްކޮމް ދިން އިންޓަވިއުގައި އޭނާ ބުނެފައިވަނީ ބާސާ އަށް ކުޅުމަކީ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއްކަމަށާއި ހުރިހާ ފޭނުންނަށް އުފާވެރިކަން ގެނެސްދޭން ބޭނުންވާކަމަށެވެ. މީގެއިތުރުން، ބާސާގެ ޖާޒީގައި ކުޅެލުމަށް ކެތްމަދުވެފައިހުރި ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
މިއަދުގެ ވަގުތެއްގައި އޭނާ މެޑިކަލް ހެދުމަށް ހަމަޖެހިފައިވާއިރު އެއަށްފަހު ބާސެލޯނާ އިން ޕްރީ ސީޒަންގައި މެޗުތަކެއް ކުޅުމަށް އެމެރިކާ އަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި ބައިވެރިވާނެ އެވެ.
ބްރެޒިލްގެ ސީނިއަ ޤައުމީޓީމަށް މެޗެއް ކުޅެފައިނުވީނަމަވެސް މެލްކޮމް ވަނީ 2015 ވަނަ އަހަރުގެ ފީފާގެ 20 އަހަރުން ދަށުގެ ވޯލްޑްކަޕްގެ ދެވަނަ ހޯދި ބްރެޒިލް ޓީމުގައި ހިމެނިފައެވެ.
އޭނާ ވަނީ ކްލަބް ކެރިއަރުގައި 150 މެޗު ކުޅެ 30 ގޯލް ޖަހައިދީފައެވެ. މީގެތެރެއިން 20 ގޯލް ކާމިޔާބުކޮށްފައިވަނީ ފްރާންސްގެ ބޯޑޯގެ ހޭދަކުރި ދެ އަހަރު ދުވަހުގެތެރޭގައެވެ.
މެލްކޮމް އަކީ ބާސެލޯނާގެ ތާރީޚުގައި އެޓީމަށް ކުޅޭ ބްރެޒިލްގެ 40 ވަނަ ކުޅުންތެރިޔާ އަށް ވާއިރު އޭނާ އަކީ އާސީޒަނަށް ބާސެލޯނާ އަށް ގެނައި ތިންވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެޓީމުން ވަނީ ސެވިއްޔާގެ ޑިފެންޑަރު ކްލެމެންޓް ލެންގްލެޓްގެ އިތުރުން ގްރެމިއޯ އަށް ކުޅެމުން އައި ޒުވާން މިޑްފީލްޑަރު އާތަރ މެލޯ ގެނެސްފައެވެ.