ކެލިފޯނިއާ، އެމެރިކާ: އާ ސީޒަނަށް ތައްޔާރުވުމުގެގޮތުން އިނގިރޭސި ކްލަބު މެންޗެސްްޓަރ ޔުނައިޓެޑުން އެމެރިކާގައި ކުޅެމުންދާ އެކުވެރިކަމުގެ މެޗުތަކުގެތެރެއިން ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެއްޖެއެވެ.
ޕްރީ ސީޒަނުގައި ޔުނައިޓެޑުން އެންމެ ފުރަތަމަ ކުޅުނު ދެ މެޗުން ވަނީ މެކްސިކޯގެ ކްލަބް އެމެރިކާގެ އިތުރުން މޭޖާ ލީގް ސޮކާގެ ސަންހޯސޭ އާތުކުއޭކްސް އާ ދެކޮޅަށް ކުޅެ އެއްވަރުވެފައެވެ.
އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި އިޓަލީގެ އޭސީ މިލާނާއި ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު 1-1 އިން އެއްވަރުވުމުން ޕެނަލްޓީ ޝޫޓް އައުޓްގައި ދެޓީމުގެ ފަރާތުން ޖުމްލަ 26 ޕެނަލްޓީ ފެނިގެންދިޔަ މިމެޗުން ޔުނައިޓެޑް މޮޅުވީ 9-8 އިން ނެވެ.
އެމެރިކާގެ ކެލިފޯނިއާގައި ކުޅުނު މިމެޗު ފެށިގެން 12 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑް ނަގައިދިނީ ޗިލީގެ އަލެކްސިސް ސަންޗޭޒް އެވެ. މިއީ ސްޕެއިނުގެ ހުއާން މަޓާ ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ނަމަވެސް، އޭގެ ތިން މިނެޓުފަހުން ސޫސޯ ވަނީ މިލާނަށް އެއްވަރުކޮށްދީފައެވެ.
މުޅި މެޗުގައިވެސް ޔުނައިޓެޑްގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ދެއްކި ސަންޗޭޒް އަށް ވަނީ އެޓީމު މޮޅުކޮށްދިނުމަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވެފައެވެ.
މިމެޗަށްފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެމުން ޔުނައިޓެޑްގެ ކޯޗް ހޯސޭ މޮރީނިއޯ ބުނީ ޓީމުގެ ޕްރީ ސީޒަނުގައި ބައިވެރިވެފައިވާ ކުޅުންތެރިން މަދުވުމުގެ ސަބަބުން ހިތްހަމަނުޖެހޭ ކަމަށާއި ފޯވާޑްލައިންގައި ކުޅޭ ހަމައެކަނި ކުޅުންތެރިއަކަށް ސަންޗޭޒް ހުރުމުން އޭނާގެ ފަރާތުން އެންމެ ރަނގަޅު ކުޅުން ފެންނަން ބޭނުންވާ ކަމަށެވެ.
މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޔުނައިޓެޑާއި އަލަށް ގުޅުނު ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް މިހާތަނަށް ޓީމުގެ ޕްރެކްޓިހުގައި ބައިވެރިވެފައިނުވާއިރު ޕޯޗުގަލްގެ ޒުވާން ޑިފެންޑަރު ޑިއޭގޯ ޑަލޮޓަށް ވަނީ އަނިޔާވެފައެވެ. އަދި މީގެއިތުރުން، ވޯލްޑްކަޕްގައި ކުޅުނު އެކްލަބަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ޓީމާ ނުގުޅެއެވެ. އޭގެތެރޭގައި، ފްރާންސް އާއި ބެލްޖިއަމްގެ އިތުރުން އިންގްލެންޑްގެ ކުޅުންތެރިން ހިމެނެއެވެ.
މިމުބާރާތުގައި މިއަދު ކުޅެވުނު އަނެއް މެޗުގައި މެންޗެސްޓަރ ސިޓީ އަތުން ލިވަޕޫލް ވަނީ މޮޅުވެފައެވެ. މިމެޗު ލިވަޕޫލް ކާމިޔާބުކުރީ 2-1 އިން ނެވެ.
އެމެރިކާގެ ނިއުޔޯކުގައި ކުޅުނު މިމެޗުގެ 57 ވަނަ މިނެޓުގައި ސިޓީއަށް ލީޑް ނަގައިދިނީ އެންމެ ފަހުގެ ވޯލްޑްކަޕްގައި ބައިވެރިވި ޖަރުމަނުގެ ޓީމުން ޖާގަ ނުލިބުނު ލެރޯއީ ސާނޭ އެވެ.
އޭގެ ހަމިނެޓުފަހުން ލިވަޕޫލަށް އެއްވަރުކޮށްދިނީ މިސްރުގެ ތަރި މުޙައްމަދު ސަލާހު އެެވެ.
މިމެޗުން ލިވަޕޫލް މޮޅުވި ލަނޑު އެންމެފަހު ވަގުތުކޮޅުގައި ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ސަޑިއޯ މާނޭ އެވެ. މިއީ އެޓީމުގެ ޑޮމިނިކް ސޮލާންކޭ އަށް ސިޓީގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ.