އައްޑޫ ސިޓީ ހިތަދޫ ސިޓީ ސްކެއާގައި ހުރި ދިދަ ދަނޑި އާއި އެތަނުގައި ހުރި މޮނިއުމެންޓް ނެގީ އެތަނުގައި ހުރި "ސިހުރު" ނައްތާލަން ކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ހައުސިން އައްޑޫ ޑިޕާޓްމަންޓުގެ ސީނިއަރ މުވައްޒަފަކު ބުނި ގޮތުގައި ދިދަ ދަނޑި ނެގުމުގެ ދެ ހަފްތާއެއް ހާ ދުވަސްކުރިން މާލެ އިން އައި ވަފްދަކާއި އެތަނުގައި (ދިދަ ދަނޑި ހަރުކޮށްފައިވާ ބުޑުގައި) ސިހުރު ވަޅުލާފައިވާ ކަމުގެ ވާހަކަ ހިއްސާކުރީ ހިތަދޫ ބަޔަކު ކަމަށެވެ.
"ސިހުރު ހުރި ކަމުގެ މައުލޫމާތު ހިއްސާކުރީ ހިތަދޫ ބަޔަކު. ވަފްދު މާލެ ދިޔަފަހުން ގިނަ ދުވަސްތަކެއް ނުވެ އޯޑަރު އައީ ވަކި އިރެއްގެ ކުރިން ދިދަ ދަނޑި ނަގަން." ނަން ހާމަނުކުރުމަށް ޝަރުތުކޮށް ވާހަކަ ދެއްކި މުވައްޒަފު ބުންޏެވެ.
އޭނާ ބިނު ގޮތުގައި ހިތަދޫގެ އުމުރުން ދުވަސްވީ މީހެއްގެ ނަން ބުނުމަށް ފަހު އެމީހާ އެތަނުގައި "ސިހުރު" ވަޅުލާފައިވާ ކަން އެނގޭ ކަމަށް ޕީޕީއެމްގެ ވަފްދުގެ މީހުންނަށް ވަރަށް ތަފްސީލުކޮށް ވަނީ ކިޔައި ދީފައެވެ.
ދިދަ ދަނޑި ނެގުމަށް އައްޑޫގައި ހުންނަ ހައުސިންގެ ޑިޕާޓްމަންޓަށް މިނިސްޓްރީން އެންގީ ޕީޕީއެމްގެ ވަފްދު މާލެ ދިޔަތާ މާ ގިނަ ދުވަހެއް ނުވެއެވެ.
ދިދަ ދަނޑި ނެގުމުގެ މަސައްކަތާއި ބެހޭގޮތުން އައްޑޫ ޑިޕާޓްމަންޓުން ބުނެފައިވަނީ "އެދަނޑި ނަގަނީ މީހެއްގެ ބޮލަށް ވެއްޓި އަނިޔާއެއް ވެދާނެކަމަށް ފެންނާތީ" ކަމަށެވެ.
އެހެން ނަމަވެސް ދިދަ ދަނޑި ނެގުމަށް ފަހު އެ ހަރުކޮށްފައި ހުރި ފައުންޑޭޝަން ވެސް އެއްކޮށް ވަނީ ތަޅާލާފައެވެ. އަދި އެ ފައުންޑޭޝަން ހުރި ދިމާލުން ކޮނުމުގެ މަސައްކަތް ވެސް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދިޔައެވެ.
ސިޓީ ސްކެއާގައި ދިދަ ދަނޑި ހަރުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު އައްޑޫގައި ބޭއްވި ސާކް ސަމިޓާއި ދިމާކޮށެވެ.