Last Updated: November 27, 18:13
Wednesday, November 27, 2024
ކުޅިވަރު

އެތުލެޓިކޯ އަތުން އާސެނަލް ބަލިވެއްޖެ

އާސެނަލްގެ އެމީލް ސްމިތު ރޯވް (މ) އެތުލެޓިކޯގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލަނީ. --ފޮޓޯ: ރޮއިޓާސް

ޕްރީ ސީޒަނަށް ތައްޔާރުވުމަށްޓަކައި އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގެ ސިންގަޕޫރުގައި ކުޅުނު ބުރުގައި އެތުލެޓިކޯ މެޑްރިޑް އަތުން ޕެނަލްޓީ ޖަހައިގެން އާސެނަލް ބަލިވެއްޖެއެވެ.

ދެޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު 1-1 އިން އެއްވަރުވުމުން ޕެނަލްޓީ ޝޫޓްއައުޓްގައި އެތުލެޓިކޯ ކާމިޔާބުކުރީ 3-1 އިން ނެވެ.

މިމެޗަށް ދެޓީމު ނިކުތްއިރު އެންމެ ފަހުގެ ވޯލްޑްކަޕްގައި ވާދަކުރި އެއްވެސް ޤައުމަކަށް ނިސްބަތްވާ ކުޅުންތެރިއަކު ދެޓީމުން ނެރުނު ސްކޮޑްގައި ހިމަނާފައެއްނުވެއެވެ.

ސިންގަޕޫރުގެ ނޭޝަނަލް ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް އެތުލެޓިކޯ އަށް ލީޑް ނަގައިދިނީ ލޫޗިއާނޯ ވިއޭޓީ އެވެ. މިއީ އެޓީމުގެ އެންޚެލް ކޮރިއާ ނަގައިދިން ހުރަހަކުން ލިބުނު ބޯޅަ އޭނާ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން އެތުލެޓިކޯ ކުރީގައޮވެގެންނެވެ.

ދެވަނަ ހާފުގައި ދެޓީމަށްވެސް ގިނަ ބަދަލުތަކެއް ގެނެސްފައިވާއިރު ދެޓީމުގެ ކޯޗުންވެސް ވަނީ ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން ކުޅެން ނެރެފައެވެ.

މިހާފު ފެށިގެން ދެވަނަ މިނެޓުގައި އާސެނަލަށް ނަތީޖާ ހަމަހަމަކޮށްދިނީ ފުރަތަމަ ހާފުގައިވެސް މޮޅުކުޅުމެއް ދެއްކި އުމުރުން 17 އަހަރުގެ އެމީލް ސްމިތު ރޯވް އެވެ. އެތުލެޓިކޯގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ސްމިތު ވަނީ ޕެނަލްޓި އޭރިޔާގެ ބޭރުގައި ހުރެ ގޯލްގެ މަތީކަނަށް އަމާޒުކޮށްލާފައެވެ.

މިމެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން އިތުރު ގޯލެއް ފެނިގެންގޮސްފައިނުވީނަމަވެސް ލަނޑުޖަހާނެ ފުރުޞަތުތައް ދެޓީމަށްވެސް ލިބި ބޭކާރުވެފައިވެއެވެ.

މިމެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި އާސެނަލުން ފޮނުވާލި ތިން ޕެނަލްޓީއެއް މަތަކޮށް އެތުލެޓިކޯ އިން ޖެހި ފަހު ޕެނަލްޓީ ކާމިޔާބުކުރީ ދެވަނަ ހާފުގައި ކުޅެން ނިކުތް ބަދަލު ކީޕަރު އެންޓޯނިއޯ އަޑާން އެވެ.

މިމުބާރާތުގައި އާސެނަލް ދެން ކުޅޭ މެޗުގައި މިމަހުގެ 28 ވަނަ ދުވަހު ނިކުންނާނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އާ ދެކޮޅަށެވެ. އެތުލެޓިކޯ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗު ކުޅެވޭނީ މިމަހުގެ 30 ވަނަ ދުވަހުގައެވެ.