މިއަދު ފުރަ މާލެއަށް ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް އުޅެމުން ދަނީ، ޒަމާނުއްސުރު ރާއްޖޭގެ މައި ސަރުކާރުގެ ވިސްނުން ހުރިގޮތުންނެވެ. ހުރިހާ ކަމެއްގައި ރައްޔިތު މީހާ މާލެ އަށް ދާން ޖެހޭ ގޮތަށް ސިޔާސަތުތައް ބައްޓަން ކޮށްފައި ހުރުމުންނެވެ. މާލެ ފިޔަވައި އެހެން ސަރަހައްދެއް ތަރައްޤީ ކުރުމުގެ ވިސްނުން ސަރުކާރު ތަކުގައި ނެތީމައެވެ.
މާލެ ފިޔަވައި އެހެން ސަރަހައްދުތައް ތަރައްޤީކުރައްވާނެ ކަމުގެ ވައުދާއި އެކު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފަސޭހަވި ސަބަބަކީ ވެސް އެއީ އެވެ.
ނަޝީދުގެ ވެރިކަން 3 އަހަރުގެ ތެރޭގައި ވައްޓާލިއިރު، ކޮންމެ ކަމަކަށް މާލެ އަންނަން ޖެހުން ހުއްޓުވަން މަސައްކަތްތަކެއް ފެއްޓެވިއެވެ. އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އައިޑީ ކާޑާއި ޕާސްޕޯޓު ހެދުން ފަދަ ކަންތައް އަތޮޅު ތެރޭގެ ރަށްތަކުން ކުރެވޭ ގޮތް ހަމަޖެއްސިއެވެ.
2011 ވަނަ އަހަރުގެ ސާކް ސަމިޓް މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަހައްދުގައި ބޭއްވިއެވެ. އެއީ ރާއްޖޭގެ ތާރީޚުގައި އެފަދަ ބޮޑު ބައްދަލުވުމެއް މާލެ އިން ބޭރަށް ގެންދެވުނު ފުރަތަމަ ފަހަރެއެވެ.
ނަޝީދުގެ ވެރިކަމަށް ފަހު 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް ވަޑައިގަތުމަށް ދެއްކެވީ އަތޮޅު ތެރޭގެ ތަރައްޤީގެ ވާހަކައެވެ. އެންމެ ބާރަށް ދެއްކެވީ "ކޮންމެ އަތޮޅަކަށް ހުޅުމާލެއެއް" ގާއިމްކުރައްވާނެ ވާހަކައެވެ.
މިއަދު އެމަނިކުފާނުގ ފުރަތަމަ ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު "ކޮންމެ އަތޮޅަކަށް ހުޅުމާލެއެއް" ގާއިމްކުރުން އޮތީ ކިހާ ހިސާބެއްގައި ހެއްޔެވެ؟
އެކަން އެނގޭ އެއްވެސް މީހަކު ނެތެވެ. އެހެނަސް ކަށަވަރުވާ ކަމަކީ ވެރިކަމުގެ ދައުރުގައި އެތައް ފަހަރަކު މާލެއަށް ހިޖުރަ ކުރުމަށް ރައީސް ޔާމީން ގޮވާލައްވާފައިވާ ކަމެވެ.
މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ތިން ލައްކަ އަށް ވުރެ ގިނަ މީހުން އަނެއްކާވެސް މާލެ ސަރަހައްދަށް ޖަމާކުރައްވާނެ ވާހަކަ ވިދާޅުވުމުން ދެން "ކޮންމެ އަތޮޅަކަށް ހުޅުމާލެއެއް" ވައުދު ބިލާހަކަށް ވެއްޖެކަން ޔަގީންވީއެވެ. ރައީސް ޔާމީންގެ ސަރުކާރުން "ކޮންމެ އަތޮޅަކަށް ހުޅުމާލެއެއް" ގާއިމް ނުކުރާނެކަން ސާފުވީއެވެ.