އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ކާނެ އެއްޗެއް ނުލިބިގެން 3 ކުއްޖަކު ބަނޑަށް މަރުވެއްޖެއެވެ.
މި ތިން ކުދިން މަރުވީ ކާނެ އެއްޗެއް ނުލިބި ގިނަ ދުވަސްތަކެއް ވުމުން ކަން އެނގުނީ އެކުދިންގެ ޕޯސްޓް މޯޓަމް ރިޕޯޓުގެ ނަތީޖާއިންނެވެ.
މަރުވި ތިން ކުދިންނަކީ 8 އަހަރުގެ މަންސީ، 4 އަހަރުގެ ޝައިހާ އަދި އުމުރުން އެންމެ 2 އަހަރުގެ ޕަރޫލް އެވެ.
ދިއްލީގެ ފުލުހުން ބުނެފައިވާ ގޮތުގައި 3 ކުދިންގެ ބައްޕަ އަށް ވީނުވީ އެއް ނޭނގި "ގެއްލިފައިވާ" ކަމަށެވެ. އެހެން ނަމަވެސް ބައެއް ފަރާތްތަކުން ވަނީ އޭނާ ފިލީ ކަމަށް ވެސް ތުހުމަތުކޮށްފައެވެ.
އަދި އެކުދިން މަންމަ، އުމުރުން 29 އަހަރުގެ ބީނާ އަށް ސިކުނޑީގެ މައްސަލަތަކެއް ދިމާވެފައިވާޢިރު ބަނޑުހައި ހޫނުކަން ފިލުވަން ކާއެއްޗެހި ހޯދަމުން ދިޔައީ އެކުދިން އަމިއްލައަށް ކަމަށެވެ.
3 ކުދިންގެ މަރާއި ގުޅިގެން އެންމެ ފުރަތަމަ ބެލީ އެކުދިން މަރުވީ ވިހަ އެއްޗެއް ކެވިގެން ކަމަށެވެ. އެހެން ނަމަވެސް މަރުގެ ހަގީގަތް ހޯދުމަށް ހެދި ޕޯސްޓް މޯޓަމް އިން ހާމަވި ގޮތުގައި އެ ކުދިން މަރުވީ ނުކައި ގިނަ ދުވަސްތަކެއް ވުމަށް ފަހުއެވެ.
"އަހަރުމެން ހެދި ފޮރެންސިކް ޓެސްޓުތަކުން ވަރަށް ސާފުކޮށް އެނގޭ އެކުދިން މަރުވީ ކާނެ އެއްޗެއް ނުލިބިގެން ބަނޑަށް ކަން. އެކުދިންގެ ހަށިގަނޑުގައި އެއްވެސް ވަރަކަށް ފެޓްގެ އަސަރެއް ނެތް" 3 ކުދިންގެ ޕޯސްޓް މޯޓަމް ހެދި ލާލް ބަހަދޫރ ޝަސްތްރީ ހޮސްޕިޓަލްގެ މެޑިކަލް ސުޕްރިންޑެންޓް ޑރ އަމީތާ ސަކްސޭނާ ބުންޏެވެ.
ޑރ. އަމީތާ ބުނިގޮތުގައި، އެކުދިންގެ މުޅި ގޮހޮރު ވެސް ހުރީ ހުހަށް ކަމަށާއި ފާއިތުވި 9 ވަރަކަށް ދުވަހު އެކުދިން އެއްވެސް އެއްޗެއް ކެއި ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ.
3 ކުދިންގެ މަންމަ، އުމުރުން 29 އަހަރުގެ ބީނާ އާއި ކުދިން މަރުވި މައްސަލައިގައި ފުލުހުން ދަނީ ސުވާލު ކުރަމުންނެވެ.
އިންޑިޔާގެ ފަޤީރު ހިސާބުތަކުގައި ބަނޑުހައި ހޫނުކަމާއި ކުރިމަތލާން ޖެހޭ ކުދިން މަރުވުމުގެ ހާދިސާތައް ހިނގައެވެ. އެހެން ނަމަވެސް އެ ގައުމުގެ އެންމެ މުއްސަނދި އެއް ސިޓީ ކަމުގައިވާ ވެރިރަށް ނިއު ދިއްލީގައި 3 ކުއްޖަކު ބަނޑަށް މަރުވުން އިންޑިޔާގެ ނޫސްތަކުގައި ސިފަކޮށްފައިވަނީ "ބަސްތަކަކުން ބަޔާން ނުކުރެވޭ ފަދަ ހިތްދަތިކަމެއްގެ" ގޮތުގައެވެ.