Last Updated: April 21, 16:03
Monday, April 21, 2025
ޚަބަރު

ޖަޕާނުގައި މުސްލިމުންނަށް މޮބައިލް މިސްކިތްތަކެއް

ދެހާސް ވިހި ވަނަ އަހަރު ޖަޕާނުގައި ބާއްވާ އޮލިމްޕިކްސް ކުޅިވަރު މުބާރާތް ބެލުމަށް ޒިޔާރާތް ކުރާ މުސްލިމުންނަށް ޚާއްސަކޮށްގެން މޮބައިލް މިސްކިތްތަކެއް ތައްޔާރުކޮށްފިއެވެ.

މޮބައިލް މިސްކިތްތައް ތައްޔާރުކުރަން ނިންމާފައިވަނީ 25 ޓަނުގެ ބޮޑެތި ޓްރަކްތަކުގައެވެ.

ޓްރަކްތަކުގައި މުސްލިމުންނަށް ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސަމުން ގެންދާ ޕްރޮޖެކްޓްގެ ސީއީއޯ ބުނެފައިވާ ގޮތުގައި އެކަން ފެށމުސްލިމުން ނަމާދުކުރަން އެކަށީގެންވާ ވަރަށް މިސްކިތްތައް ނެތުމުން ކަމަށެވެ.

މުސްލިމުންނަށް ޚާއްސަކޮށް ޖަޕާނުން ހެދި މިފަދަ ފުރަތަމަ މިސްކިތް ދައްކާލުން އޮތީ ފާޢިތުވި ހަފްތާގައި ޖަޕާނުގެ ޓޮޔޯޓާ ސްޓޭޑިއަމް ކައިރީގައެވެ.

25 ޓަނުގެ ޓްރަކެއްގައި ހަދާފައިވާ ވަގުތީ މިސްކިތުގައި އެއްފަހަރާ 50 މީހުންނަށް ނަމާދު ކުރެވޭއިރު ވުޟޫ ކުރުމަށް ވެސް ޚާއްސަ ބައެއް ހިމެނެއެވެ. ޓްރަކް ތައްޔާރުކޮށްފައިވަނީ ނަމާދު ކުރަން ވުމުން އޭގެ ދެފަރާތުގައިވާ ޕާޓިޝަންތައް ދަމާލެވޭ ގޮތަށެވެ.

ޖަޕާނުގެ ރައްޔިތުންނަކީ އެގައުމަށް ޒިޔާރަތްކުރާ މެހްމާނުންނަށް މަރުހަބާ ކިޔުމަށް އަބަދުވެސް ތަފާތު ކަންތައް ކުރާ ބައެކެވެ. މުސްލިމުންނަށް ޚާއްސަކޮށް މިސްކިތްތައް ތައްޔާރުކުރަން ނިންމީ، މުސްލިމުންނަށް އެމީހުންގެ އަމިއްލަ ޤައުމުގެ އިހްސާސްކުރެވޭ ގޮތް ހެދުމަށެވެ.