Last Updated: November 27, 18:13
Wednesday, November 27, 2024
ކުޅިވަރު

ޔުވެންޓަސް އިން ހިގުއައިން ވިއްކާލަން ތައްޔާރުވަނީ

ޔުވެންޓަސްގެ އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގުއައިން ވިއްކާލާނެކަމަށް އެކްލަބުގެ ޖެނެރަލް މެނޭޖަރު ބެޕޭ މަރޯޓާ ބުނެފިއެވެ.

ޔުވެންޓަސްގެ އިސް އޮފިޝަލެއް މިހެން ބުނެފައިމިވަނީ އިޓަލީގެ މީޑިއާ ރިޕޯޓްތަކުން ހިގުއައިން އޭސި މިލާނަށް ބަދަލުވާން އުޅޭ ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.

އުމުރުން 30 އަހަރުގެ ހިގުއައިން އިޓަލީގެ ނަޕޯލީ އިން ޔުވެންޓަސް އަށް ބަދަލުވީ އޭރުގެ އިޓާލިއަން ސެރިއޭގެ ރެކޯޑް ފީ އެއްކަމަށްވާ 90 މިލިއަން ޔޫރޯއަށް 2016 ވަނަ އަހަރުގައެވެ. އޭގެފަހުން، އޭނާ ވަނީ އެޓީމަށް ކުޅުނު 105 މެޗުގައި ޖުމްލަ 55 ގޯލް ކާމިޔާބުކޮށް އިތުރު 12 ގޯލް ޖެހުމަށް އެހީވެދީފައެވެ.

ނަމަވެސް، ދާދި ފަހުން ސްޕެއިނުގެ ރެއާލް މެޑްރިޑުން 100 މިލިއަން ޔޫރޯގެ ފީ އަކަށް ޔުވެންޓަސް އަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯ އެޓީމަށް ގެނައުމުން ހިގުއައިން އަށް ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް އުނދަގޫވާނެކަމަށް ބެލެވޭތީވެ އާއި ރޮނާލްޑޯ ގެނައުމަށް ހޭދަކުރީ ފީ އެކްލަބުން ހޯދުމަށް އޭނާ ރަނގަޅު އަގެއްގައި ވިއްކާލާނެކަމަށް ޤަބޫލުކުރެވެއެވެ.

އެންމެފަހުގެ ޚަބަރުތައް ބުނާގޮތުން ހިގުއައިން ގެންދިއުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ އިޓަލީގެ މިލާނުގެ އިތުރުން އިނގިރޭސި ކްލަބު ޗެލްސީ އެެވެ.

"އޭނާ އަކީ އަދިވެސް އަހަރެމެންނަށް ވަރަށް މުޙިއްމު ކުޅުންތެރިއެއް. އެހެންނަމަވެސް މިވަގުތު ފޯވާޑްލައިންގައި ވަރަށް ގިނަ މޮޅު ކުޅުންތެރިން ތިބުމުން އަހަރެމެން މިދަނީ އޭނާގެ މުސްތަޤުބަލާއި މެދު ވިސްނަމުން." ސްކައިސްޕޯޓްސް އިޓާލިއާ އަށް ދިން އިންޓަވިއުގައި މަރޯޓާ ބުންޏެވެ.

ޔުވެންޓަސް އިން ހިގުއައިން ވީއްކާލާނީ މަދުވެގެން 60 މިލިއަން ޔޫރޯގެ އަގެއްކަމަށް ފަހުގެ ޚަބަރުތަކުގައިވެއެވެ.

ޔޫއެފާ ފައިނޭންޝަލް ފެއާރޕްލޭ އާ އެއްގޮތަށް އަމަލުކުރުމަށްޓަކައި މިހާ ބޮޑު އަގެއް މިލާނުން އޭނާ ގެންދިއުމަށް ހޭދަކުރުމަކީ ދުރުކަމެއް ކަމަށް ބެލެވެއެވެ. ދާދިފަހުންވެސް ޔޫއެފާ އިން ވަނީ ކްލަބު ފުޓްބޯޅަ މުބާރާތްތަކުގައި ބައިވެރިނުވެވޭގޮތަށް މިލާނަށް އަދަބު ދީފައެެވެ. އެހެންނަމަވެސް، ކޯޓް އޮފް އާބިޓްރޭޝަންގައި މިލާނުން ކުރި އެޕީލް ކާމިޔާބުވުމުން އެ ސަސްޕެންޝަން އުވާލުމަށްފަހު ޔޫރޮޕާ ލީގުގައި ބައިވެރިވުމުގެ ފުރުޞަތުވަނީ ދީފައެވެ.

"ފައިނޭންޝަލް ފެއާރޕްލޭ އަށް އަހަރެމެން އިހުތިރާމްކުރަން. ކުޅުންތެރިން ބޮޑު އަގުގައި ގެންދިއުމުގެ ވިސްނުމެއް ނެތް." މިލާނުގެ ޓެކްނިކަލް ޑިރެކްޓަރު މަޤާމާއި ލިއޮނާޑޯ ޙަވާލުވުމަށްފަހު ދިން އިންޓަވިއުގައި ބުނެފައިވެއެވެ.

ބެލެވޭގޮތުގައި މިލާނުން ހިގުއައިން ގެންދިއުމަށްޓަކައި އެޓީމަށް ކުޅޭ ކްރޮއޭޝިއާގެ ނިކޮލާ ކަލިނިޗް ވިއްކާލާނެއެވެ. އޭނާ ގެންދިއުމަށް މަސައްކަތްކުރާ ކްލަބުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑެވެ.