ސްޕެއިނުގެ ރެއާލް މެޑްރިޑްގެ ފޭނުންގެ މެދުގައި ނެގި ސާވޭގައި ވޯޓުން ދައްކާގޮތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތްތަން ފޫބައްދަން އެކްލަބަށް ގެންދަން އެންމެ ބޭނުމީ ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅޭ އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން އެވެ.
ކޭން އާއި އެންމެ ގާތުން ވާދަކުރީ އިންޓަ މިލާންގެ ފޯވާޑް މައުރޯ އިކާޑީގެ އިތުރުން ޕީއެސްޖީ އަށް ކުޅޭ އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ އެވެ. ޕީއެސްޖީ އަށް ކުޅޭ ކިލިއަން އެމްބާޕޭ އާއި ނޭމާގެ ނަން މިސާވޭގައި ނުހިމެނެއެެވެ.
ސްޕެއިނުގެ ނޫހެއްކަމަށްވާ މާސާއިން ނެގި ސާވޭގައި ބައިވެރިވި ދެ ލައްކައެއްހައި މީހުންގެ ވޯޓްގެ ތެރެއިން 26 އިންސައްތަ މީހުން ބޭނުންވަނީ ކޭން ގެނައުމަށެވެ. ކަވާނީ އާއި އިކާޑީ އަށް 14 އިންސައްތަ ލިބުނުއިރު ދެން އެންމެ ގާތުން ވާދަކުރި މަރިއާނޯ ޑިއާޒް އާއި ރޮބަޓް ލެވަންޑޯސްކީ އަށް ލިބުނީ 12 އިންސައްތައެވެ. ވެލެންސިއާ އަށް ކުޅޭ ސްޕެއިނުގެ ފޯވާޑް ރޮޑްރިގޯ އަށް ލިބުނީ ވޯޓްގެ އެންމެ 6 އިންސައްތައެވެ.
މިސާވޭގައި އެންމެ ގިނަ ވޯޓް ހޯދީ އުމުރުން 24 އަހަރުގެ ހެރީ ކޭން ވަނީ ނިމިދިޔަ ވޯލްޑްކަޕްގައި އިނގިރޭސީންނަށް ހަތަރުވަނަ ހޯދައިދިނުމުގައި މުޙިއްމު ދައުރެއް އަދާކޮށް އެމުބާރާތުގައި ހަ ގޯލް ކާމިޔާބުކޮށް ރަންބޫޓްވެސް ހޯދާފައެވެ. މީގެއިތުރުން އޭނާ ވަނީ ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 153 މެޗުގައި 108 ގޯލް ކާމިޔާބުކޮށްފައެވެ.