Last Updated: April 21, 15:31
Monday, April 21, 2025
ދުނިޔެ

މިއަހަރު ޔޫރަޕަށް ހިޖުރަކުރަން އުޅުނު 1500 މީހުން ވަނީ މަރުވެފައި

2018 ވަނަ އަހަރުގެ މިހާތަނަށް ޔޫރަޕްގެ ޤައުމުތަކަށް ހިޖުރަކުރަން އުޅުނު 1500 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޮރ މައިގްރޭޝަން (އައިއޯއެމް) އިން ބުނެފިއެވެ.

އައިއޯއެމް އިން ބުނެފައިވާ ގޮތުގައި މަރުވި މީހުންގެ ތެރެއިން ގިނައީ މެޑިޓަރޭނިއަން ކަނޑުގެ މަގުން ލީބިޔާ އިން އިޓަލީއަށް ދަތުރުކުރުމުގެ ތެރޭގައި ގެނބިގެން ކަމަށެވެ. އެއީ 1،111 މީހުންނެވެ.

މީގެ އިތުރުން ސްޕެއިން އަދި ގްރީސް އަށް ދަތުރުކުރަނިކޮށް އިތުރު 393 މީހަކު މަރުވެފައިވާ ކަމަށް އައިއޯއެމް އިން ވަނީ ހާމަކޮށްފައެވެ.

އެފްރިކާ އަދި މެދުއިރުމަތީގެ ގައުމުތަކުގެ ގިނަ ބަޔަކު މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް ޔޫރަޕަށް ދާއިރު ކޮންމެ އަހަރަކު ވެސް އެތައް ބަޔަކު ގެނބިގެން މަރުވުމުގެ ހާދިސާތައް ހިނގައެވެ.

އެގޮތުން 2016 ވަނަ އަހަރު 5143 މީހުން މަރުވެފައިވާއިރު 2017 ގައި 3139 މީހަކު ވަނީ މަރުވެފައެވެ.