އާ ސީޒަނަށް ތައްޔާރުވުމަށްޓަކައި ސިންގަޕޫރުގައި ކުޅެމުންދާ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ކުޅުނު މެޗުގައި އިންގްލެންޑްގެ އާސެނަލުން ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ލަދުގަންނަވާލައިފިއެވެ.
ސިންގަޕޫރުގެ ނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މިމެޗުން އާސެނަލް 5-1 އިން މޮޅުވިއިރު އެޓީމުގެ ލަނޑުތައް ޖަހައިދިނީ މެސުތު އޮޒިލް، އެލެކްސެންޑަ ލަކަޒޭ އާއި ރޮބް ހޯލްޑިންގެ އިތުރުން އެޑީ އެންކީޓިއާ އެވެ. ޕީއެސްޖީގެ ހަމައެކަނި ލަނޑުޖަހައިދިނީ ކްރިސްޓޮފާ ކުންކޫ އެވެ.
ޕްރީ ސީޒަން މިމެޗަށް ޕީއެސްޖީން ނިކުތީ ވޯލްޑްކަޕްގައި ކުޅުނު މުހިއްމު ބައެއް ކުޅުންތެރިންނާއި ނުލައެވެ. އެގޮތުން، ސީނިއާ ކުޅުންތެރިން ކަމަށްވާ ލަސާނަ ޑިއާރާ އާއި ޖިއަންލުއިޖީ ބުފޮން އަދި އެޑްރިއެން ރަބިއޯގެ އިތުރުން އެޓީމުގެ ފުރަތަމަ އެގާރައިގައި ދެން ހިމަނާފައިވަނީ މުޅިންވެސް ޒުވާން ކުޅުންތެރިންނެވެ.
އެއާހިލާފަށް، އާސެނަލުން މިމެޗަށް ނެރެފައިވާ ފުރަތަމަ އެގާރައިގައި ހިމަނާފައިވާ މަޓިއޯ ގުއެންޑޫޒީ ފިޔަވައި ދެން ތިބީ ސީނިއާ ކުޅުންތެރިންނެވެ. އެގޮތުން، މިއަދުގެ މެޗަށް އާސެނަލްގެ ކެޕްޓަނެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ދާދި ފަހުން ޖަރުމަނުގެ ޤައުމީޓީމަށް ކުޅުން ހުއްޓާލިކަން އިޢުލާންކޮށްފައިވާ މިޑްފީލްޑަރު މެސުތު އޮޒިލް އެވެ.
މިމެޗު ފެށިގެން އާސެނަލުން ގިނަ ވަގުތު ބޯޅަ ގެންގުޅެ ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްފައިވެއެވެ. އެހެންނަމަވެސް، މިމެޗުގެ ފުރަތަމަ ހާފުގައި ފެނުނު ހަމައެކަނި ލަނޑު ޖަހައިދިނީ 13 ވަނަ މިނެޓުގައި އޮޒިލް އެވެ. މިއީ އެޓީމުގެ ފޯވާޑް ޕިއޭރް އެމެރިކް އޮބަމަޔަން ތަނަވަސްކޮށްދިން ފުރުޞަތަކުން އޮޒިލް ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފު ފެށިގެން ޕީއެސްޖީގެ ޒުވާން ކުޅުންތެރިން ދިޔައީ އާސެނަލްގެ ޑިފެންސަށް އުނދަގޫތައް ކުރިމަތިކުރަމުންނެވެ. އޭގެ ނަތީޖާއެއްގެގޮތުން، ޕީއެސްޖީގެ ކުންކޫ ވަނީ 60 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ އެޓީމުގެ ޓިމޮތީ ވެއާ އަށް އާސެނަލްގެ ސެއަދު ކޮލާސިނަޗް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ޕީއެސްޖީގެ ލަނޑަށްފަހު އާސެނަލްގެ ކޯޗު އުނާއި އެމެރީ ވަނީ ފުރަތަމަ ހާފުގައި ކުޅެމުންދިޔަ ބައެއް ސީނިއާ ކުޅުންތެރިންގެ ބަދަލުގައި ގިނަ ޒުވާން ކުޅުންތެރިންތަކެއް ކުޅެން ނެރެފައެވެ.
އާސެނަލަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ 67 ވަނަ މިނެޓުގައި އެމީލް ސްމިތު ރޯވް ނަގައިދިން ހުރަހަކުން ލަކަޒޭ އެވެ.
އޭގެ ތިން މިނެޓުފަހުން، އާސެނަލްގެ ތިންވަނަ ލަނޑު ޖަހައިދިނީވެސް ލަކަޒޭ އެވެ. މިއީ އެޓީމުގެ ޑިފެންޑަރު ހޯލްޑިންގ ބޮލުން ޖައްސާލި ބޯޅަ ލަކަޒޭ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށްވެފައިވަނިކޮށް އާސެނަލްގެ ކުޅުންތެރިއަކު ނެގި ކޯނަރަކުން ލިބުނު ބޯޅަ ބޮލުން ފޮނުވާލައިގެން ހޯލްޑިން ވަނީ އެޓީމުގެ ލީޑް ފުޅާކޮށްދީފައެވެ.
އާސެނަލްގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ޒުވާން ކުޅުންތެރިޔާ އެންކީޓީއާ އެވެ.
މިމުބާރާތުގެ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ޕީއެސްޖީ ނިކުންނާނީ އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށެވެ.