އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން މާލެ ސަރަހައްދުގައި ދިރިއުޅުއްވާ ފަރާތްތަކަށް ރިޔާސީ އިންތިޚާބުގައި ވޯޓަށް ރީ ރަޖިސްޓަރ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހިތަދޫގެ ޓީމަކުން ކުރަމުން އެބަގެންދެއެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު އަދި މެދު ދާއިރާގެ މެންބަރު އިބްރާހިމްދީދީ އިސްކޮށް ހަރަކާތްތެރިވާ މި ޓީމުގެ ފަރާތުން ގެންދަނީ، މާލޭގެ އެކި ހިސާބުތަކުގައި ރީ ރަޖިސްޓަރ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ހިތަދޫއަށް ނިސްބަތްވާ ދެ މަޖިލިސް މެންބަރުންގެ އިތުރުން މިޓީމުގައި ދެން ހިމެނެނީ އިސްލާޙަށް ލޯބިކުރާ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް އެކްޓިވިސްޓުންނެވެ.
މި ޓީމުގެ ފަރާތުން މިއަދު ވަނީ ހުޅުމާލޭގައި ދިރިއުޅުއްވާ ހިތަދޫއަށް ނިސްބަތްވާ ބައެއް ފަރާތްތަކަށް ރިޔާސީ އިންތިޚާބުގެ ވޯޓަށް ރީ ރަޖިސްޓާރ ކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލޭގައި ދޮރުން ދޮރަށް ހިނގުމަށް ފަހު މިއަދު ވެސް ހިތަދޫގެ ޓީމުން ވަނީ ގިނަ ބަޔަކަށް ރީ ރަޖިސްޓްރޭޝަން ފޯމު ފުރުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.