އަންނަ މަހުގެ 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފްރެންޗް ލީގަށް ޓީމު ވަރުގަދަކުރުމަށްޓަކައި އިތުރު ކުޅުންތެރިން ގެންނާނެކަމަށް ޕީއެސްޖީގެ ކޯޗް ތޯމަސް ޓުޝެލް ބުނެފިއެވެ.
ފްރެންޗް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި އަމިއްްލަ ދަނޑުގައި އެޓީމު ނިކުންނާނީ ކޭން އާ ދެކޮޅަށެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޯގަސްޓްމަހުގެ 13 ވާ ހޯމަ ދުވަހުއެވެ. އޭގެކުރިން އެޓީމު އާ ސީޒަނުގައި ކުޅޭ ފުރަތަމަ މެޗުގައި ފްރެންޗް ސުޕަ ކަޕް ގައި މޮނާކޯ އާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗު އޮންނާނީ އޯގަސްޓްމަހުގެ 4 ވަނަ ދުވަހުއެވެ.
އާ ސީޒަނަށް ތައްޔާރުވުމަށްޓަކައި ޕީއެސްޖީ އިން މިހާތަނަށް ކުޅުނު ދެމެޗުންވެސް އެޓީމު ވަނީ ބަލިވެފައެވެ. ޖަރުމަނުގެ ބަޔާން މިއުނިކް އަތުން 3-1 އިން ބަލިވިއިރު އިއްޔެ ކުޅުނު ދެވަނަ މެޗުގައި އާސެނަލް އަތުން ބަލިވީ 5-1 އިންނެވެ. ޕްރީ ސީޒަންގައި އެޓީމު މިހާތަނަށް ކުޅުނު ދެމެޗުގައިވެސް ކޯޗް ޓުޝެލް ގިނައިން ބޭނުންކޮށްފައިވަނީ ޒުވާން ކުޅުންތެރިންނެވެ.
ޕީއެސްޖީގެ ކޯޗް ޓުޝެލް ބުނީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އިތުރު ކުޅުންތެރިން ގެންނާނެކަމަށާއި އެގޮތުން އެޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު ޑެނީ އަލްވޭޒް މިވަގުތު އަނިޔާއިން އަދި ރަނގަޅުނުވާތީވެ އެމަޤާމަށްވެސް އިތުރު ކުޅުންތެރިއަކު ހޯދާނެކަމަށް ބުނެފައިވެއެވެ.
"އަހަރެމެންގެ ސްކޮޑްގެ އެކި މަޤާމްތަކަށް އަދިވެސް އެބަ ބޭނުންވޭ ކުޅުންތެރިން. މިހާރުވެސް އިތުރު ކުޅުންތެރިން ހޯދުމުގެ މަސައްކަތްކުރިއަށް އެބަދޭ." ޓުޝެލް ބުންޏެވެ.
މީގެއިތުރުން ޕީއެސްޖީގެ އުމުރުން 23 އަހަރުގެ މިޑްފީލްޑަރު އެޑްރިއެން ރަބިއޯ އެހެން ޓީމަކަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކަތަކަށް ރައްދު ދެމުން ޓުޝެލް ބުނީ އޭނާއަކީ މިކްލަބަށް ވަރަށް މުހިއްމު ކުޅުންތެރިއެއްކަމަށާއި އޭނާ ވިއްކާލުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އެހެންނަމަވެސް، ރަބިއޯގެ ކޮންޓްރެކްޓް ހަމަވާން ބާކީ އެންމެ އަހަރެއް އޮތުމުން ހުރިހާ ކަމެއް ބިނާވެގެންވަނީ އޭނާގެ ވިސްނުންހުރި ގޮތެއްގެ މައްޗަށެވެ.
ޕީއެސްޖީ އިން އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާތަނަށް ގެނެސްފައިވާ ހަމައެކަނި ކުޅުންތެރިއަކީ އިޓަލީ އަދި ޔުވެންޓަސްގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން އެވެ. އެހެންނަމަވެސް، އެޓީމުގެ މިޑްފީލްޑްގައި ގިނަ ދުވަސްތަކެއްވަންދެން ކުޅުނު އުމުރުން 35 އަހަރުގެ ތިއާގޯ މޯޓާ ކުޅުން ހުއްޓާލައިފައިވާއިރު، ހަވިއާ ޕަސްޓޯރޭ އާއި ޔޫރީ ބެރިޗީޗް އަދި ގްރިގޯޒް ކްރިކޯވިއަކް އެހެން ޓީމުތަކަށް ބަދަލުވެފައިވާތީވެ މިޑްފީލްޑްގައި ކުޅޭނެ އިތުރު ކުޅުންތެރިން ގެންނާނެކަމަށް ބެލެވެއެވެ.