ޕީޕީއެމް ދޫކޮށް އެ އޮޑިން ފުންމާލައި ދިޔަ ބަޔަކަށް ހެދޭނެ ރީފޯމް މޫވްމަންޓެއް ނޯންނާނެކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް އެމަނިކުފާންގެ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ދެވަނަ ދައުރަކަށް ރައީސްކަމަށް ކުރިމަތިލެއްވުމަށް ޕީޕީއެމްގެ ޓިކެޓު ހަވާލު ކުރެއްވުމަށް ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި މައުމޫންއަށް ފާޑު ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް އުފައްދަން މަޝްވަރާކުރި ހަތް ބޭފުޅުންގެ ތެރެއިން މިވަގުތު ޕާޓީގައި ދެމިހުންނެވީ އެމަނިކުފާން އެކަނިކަމަށެވެ.
އަދި ޕާޓީ އުފައްދަން މަޝްވަރާ ކުރެއްވި އެހެން ބޭފުޅުން އޮޑިން ފުންމަވާލައްވާފައިވަނީ އަމިއްލަ ބޭނުންތައް މަތިވެގެން ކަމަށާއި، އޭގެ ސަބަބުން ޕާޓީއަށް ބޮޑު ހީނަރުކަމެއް ލިބިގެން ދިޔަ ކަމަށެވެ.
ރައީސް ވިދާޅުވީ މިއަދު ފެންނަ ޕީޕީއެމް މިގޮތުގައި ފެންނަނީ އެމަނިކުފާން އަތޮޅުތަކަށް ވަޑައިގެން ޕީޕީއެމްގެ ސަފުތައް ވަރުގަދަ ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުން ކަމަށެވެ.
"ރައްޔިތުންނަށް ވަކި ކަންކަމެއް ބުނެދީގެން އެކަންކަން ރައްޔިތުން ގަބޫލު ކުރީމާ ފިލޯސޮފީއެއްގެ ތެރެއިން އައި ބަޔެއް ޕީޕީއެމް އަކީ. މި ޕާޓީގައި އޮންނާނީ އުސޫލުތަކެއް. އެ އުސޫލުތައް ގަބޫލު ނުކުރެވިގެން މަވެތި ގޮތްތަކެއް އިސް ކުރެވިގެން އަމިއްލަ ކަންތައްތަކެއްގައި އުޅެވުނީމާ އެބޭފުޅުން ޕާޓީގެ އުސޫލު އިސްނުކޮށް އެ ދިޔައީ. ޕާޓީގެ އުސޫލުތައް ހުރީ ލިޔެވިފައި. ދެން މިވަރު ބަޔަކު ކޮން ރިފޯމެއް ކުރައްވަންތޯ؟ އެފަދަ ބަޔަކު ކުރާނެ ރިފޯމެއް ނޯންނާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
އަމިއްލަ އެދުމާއި އެކު ހެދި ޕާޓީ ދޫކޮށް ދިޔަ ބަޔަކު ކުރާނެ އިތުރު ރީފޯމެއް ނޯންނާނެކަމަށެވެ.
ރައީސް ޔާމީން މިފަދައިން ފާޑު ވިދާޅުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހުގެ ކެންޑިޑޭސީ ފޯމު އިލެކްޝަނަށް ހުށަހެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މައުމޫންއަށް ތާއިދު ކުރާ ފަރާތްތަކުން "އެމްއާރްއެމް" ޖަހާފައިވާ ދިދަ ތަކެއް ގެންގުޅުމާއި ގުޅިގެންނެވެ.
މައުމޫންގެ ވަފާތެރިން އެދުވަހު ބުނެފައިވަނީ "އެމްއާރްއެމް" އަކީ މައުމޫން ރިފޯމް މޫވްމަންޓު ކަމަށެވެ.