Last Updated: November 25, 05:48
Monday, November 25, 2024

(މެއި 5، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

"އާނ…އަވަހަށް ހިނގާ." މިހެން ކިޔަމުން ވިއާމާ ވެސް ކޮޓަރިން މިކުމެގެން ކާ ގެއާ ދިމާއަށް ހިނގައިގަތެވެ.

ސާރާގެ ހިތް ބާރަށް ތެޅެމުން ދިޔަ އެވެ. އެވަގުތުކޮޅު ވެސް ސާރާ އަށް ވެގެން ދިޔައީ މާ ދިގު ވެގެން ދިޔަ ވަގުތުތަކެއް ކަމުގަ އެވެ. ކާ ގެއަށް ވަދެވުމާ އެކު ސާރާގެ ހިނގުން މަޑުވި އެވެ. އަދި ލަދުވެތި ގޮތަކަށް ސާހިލް އަށް ބަލާލި އެވެ.

"ސާހިލް…މިހިރީ އަހަރެންގެ ރަހްމަތްތެރި މަލްހާ…ހަފްތާއެއްވަރު ޗުއްޓީ ނަގައިގެން އަހަރެންނާ މަލްހާ މި އައީ ދުވަސްކޮޅެއް ރަށުގައި ހޭދަކޮށްލަން. ދޯ މަލް…" ވިއާމާ ސާހިލްގެ ކައިރީ އިން ގޮނޑީގައި އިށީންނަމުން ބުނެލި އެވެ.

"މި އޮތް ފޫހި ރަށައް ޗުއްޓީ ހޭދަ ކުރަން އަންނާނީ ހަމަ މޮޔައިންނެެއްނު." ހިނިތުންވެލާފައި ސާހިލް ބުނެލި އެވެ. ސާހިލްގެ އަޑަކީ ހަމަ ޖާދޫއެކެވެ. އަސަރެކެވެ. ސާރާ ހިތަށް އެރި އެވެ.

"ދެން މިހާ ފޫހި ރަށެއްގަ ސާހިލް ތި ހުންނަނީޔޯ؟" ކުޑަކޮށް ނުރުހުންވެއިވާ ރާގަކަށް ވިއާމާ ބުނެލި އެވެ.

"މަ ދޯ…އަހަރެން މި ހުންނަނީ ވަކި މީހަކަށްޓަކާވިއްޔާ…" ސާހިލް ގެ މި ޖުމްލައިން ވީއާމާގެ މޫނު ރަތްވެގެން ދިޔަ އެވެ.
ސާރާ ވެސް ހީކުރީ ވިއާމާ އާއި ސާހިލް އާ ދެމެދު ކޮންމެ ވެސް ގުޅުމެއް އޮންނަނީ ކަމަށެވެ.

"ބަލަ ތިޔަ ގެނާ ރަހްމަތްތެރިޔާ އަކީ ވާހަކަ ނުދެއްކޭ މަންމަން ކުއްޖަކީތަ؟" ސާހިލް ސާރާ އާ ދިމާކޮށްލި އެވެ.

"މަންމަން ނުވިއްޔާ ދެރައެެއްނު…އަހަރެން މި މަންޖެ އާ އެކު މި ދަތުރަށް ފެއްޓިފަހުންނާ މި ހިސާބަށް މި ދެއްކީ މި ރަށުގެ މޮޅު ވާހަކަ…ރީތި ކަމުގެ ވާހަކަ…އެހެނަސް އެންމެ ފަޅި ސިކުންތަކުން މަނިކުފާނު ތިޔަ މި ރަށް ބަދުނާމްކޮށްލީ. ދެން މި ކަމަނާ މި ރަށުގައި ހުރިހާ ދުވަހަކު މީނާ ފޫހިނުކޮށް ބަލާ ދޭން ވަޢުދުވޭ." ވިއާމާ ތުން އޫކޮށްލަމުން ބުނެލި އެވެ.
ވިއާމާ ހަދާލި ގޮތުން ސާރާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

ސާރާ ހީލި އިރު އިވުނު ނާޒުކު އަޑުން ސާހިލް އަށް ސިހުމެއް ލިބުނެވެ. އެހުނުމަކީ އޭނާ އަށް ވަރަށް ފަރިތަ އަޑެކެވެ. ސާހިލް ހާސްވި އެވެ. އެކަމަކު އެއީ އޭނާއަށް ކުރެވުނު ޝައްކަކަށް ވެސް ވެދާނެ އެވެ.

"އާނ…ކަމަނާގެ ހުކުމް ކުރައްވާ…އަޅުގަނޑު މިހިރީ ހަމަ ޙިދުމަތުގައި. އެކަމަކު އިހަށް މި ކާއެތިކޮޅު ކެއުމުގެ އަަމުރުދެެއްވާ."

ވަރަށް އުފާވެރި މާހައުލެއްގާ ތިން ވެރިން ކައި ނިންމާލައިފި އެވެ. އަދި ކައި ނިމުމާ އެކު ބަގީޗާ އަށް މިސްރާބު ޖެހިއެވެ.
އެވަގުތު ކުޑަކޮށް ވާރޭވެހޭހެން ހީވީމާ ވިއާމާ ސާރާ އާއި ސާހިލް ބަގީޗާގައި މަޑުކުރާށޭ ބުނެފއި ދިޔައީ ރޯނުގައި ހުރި ހެދުންތަށް ނަގާށެވެ.

"ސާހިލް…މަގޭ އެކުވެރިޔާ ފޫހިނުކުރުވައްޗޭ. މަ މިދަނީ ދޮންތަ ގޯތީގައި މަންމަ ދޮވެފައި ރޯނުގައި ހިއްކަން އެޅި ހެދުންތައް ގެއަށް ވައްދަން." ވިއާމާ ހިނގައިގަންނަމުން ސާހިލް ކައިރީ ބުނެލި އެވެ.

"ޔަގީންތާ…އަހަރެންނާ ބައިވެރިވަންޏާ އޭނާ ފޫހި ނުކުރުވާނަން. އެކަމަކު އެ ކަމަނަ އަށް ވެސް އަހަރެން ފޫހި ނުކުރުވާށޭ ކިޔާ ނަސިޭހަތް ދޭން ވާނެ. އާނ އަދި ބަހެއް ކީ އަޑު ގައިމު ނުއިވޭ ވީއްޔާ. އާންމު ގޮތެއްގައި އިވެނީ ހޭ އަޑު އެކަނި." ސާހިލް ލާނެއް ރާގަކަށް ބުނެލި އެވެ.

"ތިކަން އާކަން ކެނޑުނީމާ ހިނގައި ދާނެ. އޭރުން ވާހަކަ ދައްކާވަރުން ބޮލަށް ނުކުޅަދާނަ ވާނެ." މިހެން ބުނެފައި ވިއާމާ ދިޔުމުން އެ ދެ މީހުންގެ ދެމެދަށް ބުނަން ނޭނގޭ ކަހަލަ ހިމޭން ކަމެއް އަ އެވެ. މި ހިމޭންކަން ފޫދުއްވާލީ ސާހިލް އެވެ.

"ކަމަނާ އަށް ފެންނަ މަންޒަރު ނިކަން ސިފަކޮށް ދީބަލަ. އަހަރެންނަކީ ކަމަނާހެން މިއަދު ފެނުމުގެ ނަސީބު ލިބިފައިވާ މީހަކީމެއް ނޫން." ސާހިލް ކުރިއަށް ފިޔަވަޅު ނަގަމުން ބުނެލި އެވެ.

"ސާހިލް ގެ ލޮލުގެ ފެނުން ގެއްލުނީ ކިހިނެއް؟" ފުރަތަމަ ފަހަރަށް ސާރާ ވާހަކަ ދެއްކި އެވެ.

"އަހަރެންގެ ލޯ ތަ؟ އެއީ ދިމާވި އެކްސިޑެންޓެއްގެ ސަބަބުން."

"ދެން ބުނެބަލަ…މިތަނުގެ މާހައުލާ މެދު ކަމަނާ ހިތްހަމަޖެހޭތަ؟" ސާހިލް ބަގީޗާގައިވާ ދިގު ގަހެއްގައި ލެގިލަމުން ބުނެލި އެވެ.

"އާނ…ވަރަށް ބޮޑަށް." ސާރާ ވާހަކަ ދައްކާ ވަރަކަށް ސާހިލްގެ މާޔޫސްކަން އިތުރުވަމުން ދިޔަ އެވެ.

ސަބަބަކީ އެ އަޑަކީ ސާހިލް ދެނެފަރިތަ އަޑަކާ ވައްތަރުކަމެވެ. މިއަޑު އޭނާ އަށް އޮޅުވައެއް ނުލެވޭނެ އެވެ. އެކަމަކު ވެސް އެއީ އޭނާ އެހީކު ރާ އަޑެއް ނޫނެވެ. އެކަމަކު އެއީ މައްސަލައެއް ނޫނެވެ. ދެ އަޑެއް އެއް ވައްތަރު ވެދާނެ އެވެ. ސާހިލް ވިސްނަމު ންދިޔަ އެވެ. އެވަގުތު ކުއްލިއަކަށް ވިދާލާފައި ބާރު ގުގުރިއެއް ޖަހާލި އެވެ.
ސާރާ ގަތް ބިރުން ސާހިލްގެ މޭގައި ތަތްވި އެވެ. ދުވަހަކު ވެސް ނުދެކޭ އަމުދުން ނުވެސް ދަންނަ މީހެއްގެ މޭގެ އެހީ އޭނާ ހޯދީ ކީއްވެ ބާވަ އެވެ؟ އެ މޭގައި އޭނާ އަށް ރައްކާތެރިކަން ލިބޭނެ ކަމަށް އޭނާ އަށް އިހްސާސްވީ ކީއްވެ ބާވަ އެވެ؟

"ބިރުގަތީ ދޯ؟" އެވަގުތު އެތަނަށް އައި ވިއާމާ އަހާލި އެވެ.

ކުއްލިއަކަށް ސިއްސައިގެންގޮސް ސާހިލް އާއި ސާރާ ދުރަށް ޖެހިލި އެވެ. ސާރާ ވަގުތުން އެތަނުން ވެސް ދުރަށް ގެއާ ދިމާއަށް ހިނގައިގަތެވެ.

"ވިއާމާގެ އެކުވެރިޔާއަކީ ވަރަށް ބިރު ގަންނަ ފިނޑި ކުއްޖެއް." ސާހިލް ތުރުތުރު އަޅާ އަޑަކުން މިހެން ބުނުމުން ވެސް ވިއާމާ އިތުރު އެއްޗެކޭ ނުބުނެ އެވެ. އޭނާގެ ސިކުނޑި އާއި ހިތުގައި ހައިޖާނެއް އުފެދިގެން ދަނީ އެވެ.
މާތް ރަސްކަލާކޯ އެވެ. އަނެއްކާ މަލްހާ މަގޭ ސާހިލް ދެކެ ލޯބި ވަނީ ނޫން ބާވަ އެވެ؟
ވިއާމާ ހިތުން ކިޔާލި އެވެ. ނޫނެކެވެ. އެހެނެއް ނުވާނެ އެވެ. އަނެއްކާ ވެސް ވިއާމާ ހިތުން ކިޔާލި އެވެ. އަދި ލޮލުން އައިސްފައި ހުރި ކަރުނަ ފޮހެލި އެވެ.

ސާރާ ކޮޓަރި އަށް އައި ގޮތަށް އެނދުމަށްޗަށް ވެއްޓި ރޯން އޮތެވެ. ވިއާމާ އައިސް ކައިރީގައި އިށީނުމުން ތެދުވެލާފައި އޭނާ ވިއާމާ ގައިގާ އޮޅުލައިގެންފައި ރޯން ފެށި އެވެ.

"މަލް…ކިހިނެއްވީ…ކީއްވެ ތި ރޮނީ؟" އިސް ދަށަށް ޖަހާލަމުން ވިއާމާ އަހާލި އެވެ.

"ވިއާމާ…އަހަރެންނަށް މި ކުރެވުނު ކަންތަކުން ސާހިލް ހީކުރާނީ ކީކޭ؟" ސާރާ ދެރަވެ ލަދު ގަނެފައި އިނދެ ބުނެލި އެވެ.

"ކަމަނާ…އަހަރެން އެއްޗެކޭ ހިތަކަށް ނާރާ. ކަމަނާ ބިރުގަތީކަން އަހަރެންނަށް އެނގޭ. އެހެން ނޫނަސް ނާޒުކް އަންހެން ކުދިން ބިރު ގަންނާނެ އެވެ. އެއީ ޖާއިޒް ކަމެެއް." ހިނިތުން ވެލާފައި ދޮރު ކައިރީ ހުރެފައި ސާހިލް ބުނެލި އެވެ. މިކަމާ ސާރާ އަދި މާ ބޮޑަށް ލަދުގަތެވެ.

(ނުނިމޭ)