އައްޑޫ ސިޓީގައި ތިބި ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުންތަކެއް ރައީސް މައުމޫނު އަށް ތާއީދު ކުރާ ފަރާތްތަކުން އުފައްދާފައިވާ މައުމޫން ރިފޯމް މޫވްމެންޓު (އެމްއާރްއެމް) އާއި މަޝްވަރާކޮށްފައިވާ ކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭގެ ތެރޭގައި ހިތަދޫ އަށް ނިސްބަތްވާ އެކްޓިވިސްޓުން ގިނައެވެ.
މައުމޫން ރިފޯމް މޫވްމެންޓު (އެމްއާރްއެމް)ގެ ހަރަކާތްތަކުގައި އުޅުއްވާ އޮފިޝަލަކު ބުނި ގޮތުގައި، އައްޑޫގައި ތިބީ ޕީޕީއެމްގެ ގިނަ އެކްޓިވިސްޓުން ތިބީ މައުމޫންގެ އިސްލާހީ މަސައްކަތުގައި ބައިވެރިވާ ގޮތަށް ކަމަށެވެ. އޮފިޝަލް ބުނި ގޮތުގައި އޭގެ ތެރޭގައި މުޖްތަމަޢުގައި ގިނަ ބައެއްގެ އިހްތިރާމް ލިބިފައިވާ ފަރާތްތަކާއި "އޮޕީނިއަން ލީޑަރުން" ވެސް ހިމެނޭ ކަމަށެވެ.
"އަޅުގަނޑުމެންނާއި އައްޑޫގައި ތިބި ބައެއް ސީނިއަރ ޕީޕީއެމް އެކްޓިވިސްޓުން ވާހަކަ ދެއްކި. އޭގެ ތެރޭގައި ވަރަށް ހަރު ބޭފުޅުންނާއި މައުމޫނުގެ ސަރުކާރުގައި މަގާމުތައް އަދާކުރި ބޭފުޅުން ހިމެނޭ. އަދި އޮޕީނިއަން ލީޑަރުން ހިމެނޭ" އޮފިޝަލް ބުންޏެވެ.
އައްޑޫގައި ޕީޕީއެމްގެ އިސް ސަފުގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުންގެ ތެރޭގައި ރައީސް މައުމޫނުގެ ސަރުކާރުގައި މަގާމުތައް ފުރުއްވި އަދި އެމަނިކުފާނާއި ގާތް ގުޅުމެއް ބާއްވަމުން ގެންދެވި ބޭފުޅުން ހިމެނިވަޑައިގަންނަވައެެ. އެހެން ނަމަވެސް ޕީޕީއެމްގެ ޚިޔާލު ތަފާތުވުންތަކަށް ފަހު، މައުމޫން ޖަލަށް ލެވިފައިވާއިރު އޭގެ ތެރެއިން ސަރުކާރުގެ ކުންފުނިތަކާއި އެކި ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތަކުން ބަހެއް ނުބުނެއެވެ.
ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި، އެގޮތަށް އެފަރާތްތަކުން އަމަލުކުރަމުން ދަނީ، ވަޒީފާ އާއި މަގާމު ގެއްލިދާނެތީ ބިރުންނެވެ.
މައުމޫން ރިފޯމް މޫވްމެންޓު (އެމްއާރްއެމް) އާއި ވާހަކަ ދެއްކި އައްޑޫގައި ތިބި ޕީޕީއެމްގެ އެކްޓިިވިސްޓުންގެ މައުލޫމާތު 'އައްޑޫލައިވް' އަށް ވަނީ ލިބިފައެވެ. އެހެން ނަމަވެސް އަބުރު ރައްކާތެރިކުރުމުގެ ގާނޫނު އޮތްގޮތުން މިކަމުގައި އެބޭފުޅުންގެ ބަހެއް ނުލިބޭތީ އެމައުލޫމާތު އަދި ހާމަކުރެވޭކަށެ ނެތެވެ.