މިދިޔަ ޖޫންމަހު ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާން އެއްބަސްވި ތޯމަސް ލެމާ އެކްލަބުން އިއްޔެ ތައާރަފްކޮށްފިއެވެ.
އުމުރުން 22 އަހަރުގެ ލެމާ ގެންދިއުމަށް އެތުލެޓިކޯ އިން ވަނީ 52 މިލިއަން ޕައުންޑުގެ ފީ އަކަށް އޭނާގެ ކުރީގެ ކްލަބު މޮނާކޯ އާއިއެކު އެއްބަސްވެފައިކަމަށް މީޑިއާ ރިޕޯޓްތަކުން ޚަބަރު ލިބެއެވެ.
އެތުލެޓިކޯ އަށް ލެމާ ބަދަލުވެފައިވާއިރު، މީގެކުރީން އިންގްލެންޑްގެ އާސެނަލް އާއި ލިވަޕޫލުންވެސް އޭނާ ގެންދިއުމަށް މަސައްކަތްކޮށްފައިވާކަމަށްވެއެވެ.
އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި މީޑިއާ އަށް ތައާރަފްކުރުމަށް ބޭއްވި ހަފްލާ އަށް ފަހު ލެމާ ބުނެފައިވަނީ އެތުލެޓިކޯއަށް ސޮއިކުރެވުމުން އޭނާ ވަރަށް އުފާވާ ކަމަށާއި ޓީމުގެ ހުރިހާ ކުޅުންތެރިންނާއި ސަޕޯޓަރުންނާއި ބައްދަލުކުރަން ވަރަށް ބޭނުންވާކަމަށެވެ.
"މިކްލަބަށް ސޮއިކުރެވުމުން އަހަރެން މިހުރީ ވަރަށް އުފާވެފައި. އަހަރެން ބޭނުމީ ޓީމުގެ ކުޅުންތެރިންނާއި ބައްދަލުކުރަން. މިހާރުވެސް ބައެއް ކުޅުންތެރިންނާއި ދިމާވެއްޖެ. އަދި ސަޕޯޓަރުންނާއި ބައްދަލުކުރަންވެސް އަހަރެން ބޭނުން." އެތުލެޓިކޯގެ ވެބްސައިޓްގައި ލެމާ ބުނެފައިވެއެވެ.
ލެމާ އިތުރަށް ބުނެފައިވާގޮތުގައި އޭނާއާއިއެކުގައި ފްރާންސްގެ ޤައުމީޓީމަށް ކުޅޭ އެތުލެޓިކޯ އަށް ނިސްބަތްވާ ދެކުޅުންތެރިންކަމަށްވާ އެންޓޮއިން ގްރީޒްމަން އާއި ލޫކަސް ހެނާންޑޭޒް ފަރާތުން އެކްލަބާއި ގުޅުންހުރި ވަރަށް ގިނަ މަޢުލޫމާތު ލިބިފައިވާކަމަށެވެ.
"ފްރާންސްގެ އެންޓޮއިން (ގްރީޒްމަން) އާއި ލޫކަސް (ހެނާންޑޭޒް) ގެ ފަރާތުން މިކްލަބާއި ގުޅޭ ވަރަށް ގިނަ މަޢުލޫމާތު ލިބިފައިވޭ. އަހަރެން މިނިންމުމާއިމެދު ހިތްހަމަޖެހޭ." ލެމާ ބުނެފައިވެއެވެ.
އެތުލެޓިކޯގައި ލެމާ ބޭނުންކުރާނީ 11 ނަންބަރު ޖާޒީއެެވެ. މީގެކުރިން މިނަންބަރު ބޭނުންކުރި އެންޚެލް ކޮރިއާ ދެން ބޭނުންކުރާނީ 10 ނަންބަރު ޖާޒީއެވެ.
ލެމާ ވަނީ ފްރާންސްގެ މޮނާކޯގައި ހޭދަކުރީ ތިން އަހަރުގެތެރެއިން 2016/17 ވަނަ އަހަރުގެ ސީޒަނުގައި ފްރެންޗް ލީގް ކާމިޔާބުކޮށް، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ވެސް ކުޅެފައެވެ. އޭނާ ވަނީ އެކްލަބަށް ކުޅުނު 127 މެޗުގައި ޖުމްލަ 22 ގޯލް ކާމިޔާބުކޮށްދިނުމުގެއިތުރުުން 32 ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ.
ނިމިދިޔަ ވޯލްޑްކަޕްގައި ފްރާންސް ޓީމާއި އެކު ތަށި އުފުލާލިނަމަވެސް އެމުބާރާތުގައި އޭނާ ފެނިގެންގޮސްފައިވަނީ ގްރޫޕް ސްޓޭޖުގެ ފަހުމެޗުގައި ޑެންމާކާއި ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގައެވެ.
ބެލެވޭގޮތުގައި އެތުލެޓިކޯގެ ޖާޒީގައި ލެމާ ކުޅޭ ފުރަތަމަ މެޗަކަށްވާނީ އަންނަ މަހުގެ 15 ވަނަ ދުވަހު ޔޫއެފާ ސުޕަ ކަޕްގައި ވާދަވެރި ރެއާލް އާ ބައްދަލުކުރާ މެޗެވެ.