Last Updated: November 27, 18:13
Wednesday, November 27, 2024
ކުޅިވަރު

ޔުނައިޓެޑްގެ ޕްލޭން ބީއަކީ ޔެރީ މީނާ

ވޯލްޑްކަޕްގައި ކޮލަމްބިއާ އަށް ގޯލެއް ޖަހައިދިނުމަށްފަހު ޔެރީ މީނާ އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

މެންޗެސްޓަރ ޔުނައިޓެޑުން ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީއަށް ކުޅޭ އިނގިރޭސި ޑިފެންޑަރު ހެރީ މެގުއަޔާ ނުލިބިއްޖެނަމަ ދެން ގެންދާނެކަމަށް ބެލެވެނީ ކޮލަމްބިއާގެ ޑިފެންޑަރު ޔެރީ މީނާ ކަމަށް ފަހުގެ މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.

ނިމިދިޔަ ވޯލްޑްކަޕްގައި އިންގްލެންޑްގެ ޑިފެންސްލައިންގައި މޮޅު ކުޅުމެއް ދެއްކި އުމުރުން 25 އަހަރުގެ މެގުއަޔާ ގެންދިއުމަށް ޔުނައިޓެޑުން ކުރާ މަސައްކަތަށް މިހާތަނަށް ކުރިއެރުމެއް ލިބިފައިނުވާއިރު ލެސްޓާ އިން އޭނާ ދޫކޮށްލުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއް ކަމަށް ބައެއް ޚަބަރުތަކުގައިވެއެވެ.

އެހެންކަމަށްވާނަމަ، ޔުނައިޓެޑުން ގެންދަން މަސައްކަތްކުރާނީ އެންމެފަހުގެ ވޯލްޑްކަޕްގައި ކޮލަމްބިއާގެ ގައުމީ ޓީމާއިއެކު މޮޅު ކުޅުމެއް ދެއްކި ސްޕެއިނުގެ ބާސެލޯނާ އަށް ކުޅޭ ޔެރީ މީނާ އެވެ.

ބާސެލޯނާގެ ފުރަތަމަ އެގާރައިން ގަވާއިދުން ޖާގަ ނުލިބުނު ނަމަވެސް އޭނާ ވަނީ މިދިޔަ ސީޒަނުގައި ކުޅުނު މަދު މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. ޔުނައިޓެޑުން މީނާ ގެންދަން މަސައްކަތްކުރާއިރު މީގެކުރީން ޕްރިމިއާ ލީގުގެ ކްލަބެއްކަމަށްވާ އެވަޓަން އިން އޭނާ ގެންދަން ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ.

އުމުރުން 23 އަހަރުގެ ޔެރީ މީނާ، ޕަލްމެއިރާސް އިން ބާސެލޯނާއަށް ބަދަލުވީ މިދިޔަ ޖަނަވަރީ މަހުގެ ޓްރާންސްފާ ބާޒާރުގައެވެ. އޭނާގެ ކުރީގެ ކުލަބު ޕަލްމެއިރާސް އަށް ކުޅުނު 33 މެޗުގައި 8 ލަނޑުޖަހާފައިވާއިރު 2016 ވަނަ އަހަރުން ފެށިގެން ކޮލަމްބިއާގެ ގައުމީ ޓީމަށް ކުޅެދިން 15 މެޗުގައި ޖުމްލަ 6 ގޯލް ކާމިޔާބުކޮށްފައިވެއެވެ. އޭގެތެރެއިން، ނިމިދިޔަ ވޯލްޑްކަޕްގައި ކޮލަމްބިއާ އަށް ތިން ގޯލް ކާމިޔާބުކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ޔުނައިޓެޑުން ޝައުގުވެރިވާ އިތުރު ޑިފެންޑަރުންގެ ތެރޭގައި އޭސީ މިލާނުގެ އިޓަލީގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އާއި ޓޮޓެންހަމްގެ ބެލްޖިއަމް ޑިފެންޑަރު ޓޯބީ އަލްޑަވެއިރަލްޑް ހިމެނެ އެވެ.

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޔުނައިޓެޑުން މިހާތަނަށް ގެނެސްފައިވަނީ ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް އާއި ޕޯޗުގަލްގެ ޒުވާން ޑިފެންޑަރު ޑިއޯގޯ ޑަލޮޓްގެ އިތުރުން ސްޓޯކް ސިޓީގެ ކުރީގެ ގޯލްކީޕަރު ލީ ގްރާންޓް އެވެ. އެޓީމު ދޫކޮށް ދިޔަ ކުޅުންތެރިންގެ ތެރޭގައި އަޔެކްސް އަށް ބަދަލުވި ޑިފެންޑަރު ޑެލޭ ބްލިންޑްގެ އިތުރުން މިދިޔަ ސީޒަނުގައި ކުޅުން ހުއްޓާލި އިނގިރޭސި މިޑްފީލްޑަރު މައިކަލް ކެރިކް ހިމެނެއެވެ.