ވޭތުވެދިޔަ ހަތަރު އަހަރު ރައީސް ޔާމީން މާލީ ބަޔާން ރައްޔިތުންނަށް ހާމަކޮށްފައިނުވުމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް ތަބާނުވުން ކަމުގައި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން އެމަނިކުފާނުގެ މާލީ ބަޔާން ރައްޔިތުންނަށް ހާމަކޮށްފައި ނުވުމަކީ ޤާނޫނު އަސާސީއަށް ތަބާނުވުން ކަމަށާއި އެއީ އިޚްލާސްތެރި ވެރިން ކަންތައް ކުރައްވާނެ ގޮތެއް ނޫން ކަމަށެވެ.
އަލީ ހުސައިން ވިދާޅުވި ގޮތުގައި ރައީސް ޔާމީން އަކީ އިޚްލާސްތެރި ވެރިޔަކު ނަމަ ރައްޔިތުންނަށް އޮޅުވާލާ ސިއްރުކުރަން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.
Faaithuve dhiya 4 aharuge maalee bayaan Raees Yaameenu hushahalhaa rayyithunnah haama koffai nuvumakee QA ah thabaanuvun. Ikhulaastheri veriyaku nama rayyithunnah olhuvaalaa sirru kuran jehey kameh noannaane.
— Ali Hussain (@AleeVoice) July 31, 2018
އަލީ ހުސައިން މިހެން ވިދާޅުވި އިރު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މަހްލޫފް ވަނީ، ރައީސް ޔާމީން ފާއިތުވި ހަތަރު އަހަރު ރައީސް ޔާމީން މާލީ ބަޔާން ހުށަހަޅުއްވާފައި ނުވާ ކަމަށް ވިދާޅުވެފައެވެ.
މަހްލޫފްގެ ވާހަކަތައް ރައްދު ދެއްވައި ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މުއާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މާލީ ބަޔާން ހުށަނާޅުއްވާކަމަށް ދައްކާ ވާހަކައަކީ ދޮގެއް ކަމަށެވެ. އެހެން ނަމަވެސް މުއާޒުގެ ޓްވީޓްގައި ރައީސް ޔާމީން އެމަނިކުފާނުގެ މާލީ ބަޔާން އާއްމު ނުކުރައްވާ ކަމަށް ވަނީ އެއްބަސްވެވަޑައިގެންފައެވެ.