2013 ވަނަ އަހަރުން ފެށިގެން ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ މާލީ ބަޔާން ހުށަހަޅުއްވާފައި ނުވާކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު ކުރެއްވި ޓްވީޓުތަކާއި އެކު އިތުރު ސުވާލުތަކެއް ފެންމަތިވެއްޖެއެވެ.
ރައީސް ޔާމީން ފާއިތުވި 4 އަހަރު ދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅުއްވާފައި ނުވާކަމަށް ވިދާޅުވީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މަހްލޫފެވެ.
މަހްލޫފްގެ ވާހަކަތައް ދޮގުކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ވަނީ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު މާލީބަޔާން ހުށަހަޅުއްވާފައިވާ ކަމަށެވެ. އެހެން ނަމަވެސް، ރައީސް ޔާމީން މާލީ ބަޔާން ހުށަހެޅި ތާރީޚެއް މުއާޒު ވިދާޅެއް ނުވެއެވެ.
މުއާޒްގެ އެހެން ޓްވީޓެއްގައި ވަނީ މާލީ ބަޔާން ހުށަހަޅާނެ ގޮތް އިސްލާހް ކުރައްވައި އޮޑިޓަރ ޖެނެރަލް ވަނީ މާލީބަޔާން ހުށަހަޅާނެ ފޯމެޓެއް ރައީސް ޔާމީން އަށް އޮޑިޓަރ ޖެނެރަލް ދެއްވާފައިވާ ކަަމަށެވެ. އަދި އެ ފޯމެޓާ އެއްގޮތަށް ވަރަށް އަވަހަށް ރައީސް ޔާމީން މާލީ ބަޔާން ހުށަހަޅުއްވާނެ ކަމަށް ވެސް މުއާޒް ވަނީ ވިދާޅުވެފައެވެ.
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 120 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި، ކޮންމެ އަހަރަކު ވެސް ރައީސުލްޖުމްހޫރިއްޔާ،
އޭނާގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަޙަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓަރ ޖެނެރަލަށް ހުށަހަޅަން ވާނެއެވެ.
މުއާޒްގެ ޓްވީޓާއި ގުޅިގެން ޤާނޫނީ ވަކީލާ ހިސާން ވިދާޅުވެފައި ވަނީ އެ ޓްވީޓުގައި ރައީށް ޔާމީން އެންމެ ފަހުން މާލީ ބަޔާން ހުށަހެޅީ، 2013 ވަނަ އަހަރުގައި ކަން މުއާޒް ކަށަވަރުކޮށްދީފި ކަމަށެވެ.
އަދި 2014 އިން ފެށިގެން 2017 އަށް އެ ބަޔާން ހުށަހަޅުއްވާފައި ނުވަނީ ކީޢްވެތޯ ހިސާން ވަނީ ސުވާލު އުފައްދަވާފައެވެ.
މީގެ އިތުރުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވެސް ވަނީ، ރައީސް ޔާމީން އެމަނިކުފާނުގެ މާލީ ބަޔާން ހާމަނުކުރެއްވުމަކީ، ޤާނޫނު އަސާސީ އާއި ޚިލާފުވުން ކަމުގައި ވިދާޅުވެފައެވެ.