ރިޔާސީ އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، ތާއީދު އޮތީ ކޮން ކެންޑިޑޭޓަކަށް ތޯ ބެލުމަށް ސޯޝަލް މީޑިޔާގެ އެކި ވަސީލަތްތަކުގައި ދަނީ ޕޯލްތައް ނަގަމުންނެވެ. އެ މަސައްކަތް ބައެއް ފަރާތްތަކުން ވަރަށް "ސީރިއަސް" ކަމާއި އެކު ކުރަމުން ގެންދާއިރު، އައްޑޫ ސިޓީ ހިތަދޫގެ ޕީޕީއެމް ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ، އިބްރާހިމް ރަޝީދު ވަޖުދީ(އިބުރޭ) ވެސް ވަނީ ފޭސްބުކްގައި އެފަދަ ޕޯލް އެއް ނަންގަވާފައެވެ.
އިބުރޭ އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓް މެދުވެރިކޮށް ނެގި ޕޯލްގައި ތިން ހާހަށް ވުރެ ގިނަ މީހުން ވޯޓު ދީފައިވާއިރު، ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ އެންމެ %13 އެވެ. އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް(އިބޫ) އަށް ލިބިވަޑައިގެންނެވީ %87 އެވެ.
'އައްޑޫލައިވް' އާ ވާހަކަ ދައްކަަމުން އިބުރޭ ވަނީ ފޭސްބުކްގައި ރައީސް ޔާމީން އަށް ތާއީދު އޮތް މިންވަރު ބެލުމަށް ޕޯލް އެއް ނެގީ އޭނާ ކަން ކަށަވަރުކޮށްދީފައެވެ. އިބުރޭ ބުނީ ޕޮލްގެ ނަތީޖާ އަދި ބަލާ ނުލާކަމަށެވެ.
އައްޑޫގައި އެފްއޭއެމްގެ ހަރަކާތްތަކުގައި ކުރިން އިސްކޮށް އުޅުނު އިބުރޭ ސިޔާސީ ގޮތުން އެންމެ ފުރަތަމަ މަސައްކަތް ކުރީ، ކުރީގެ ޑީއާރްޕީގެ ދުވަސްވަރު އެޕާޓީގައެވެ. ޑީއާރްޕީ ދެފަޅިވިއިރު ވެސް އިބުރޭ ހުންނެވީ، ރައީސް މައުމޫންގެ ފެކްޝަނުގައެވެ.
އަދި ފަހުން ޕީޕީއެމް އުފެއްދުމަށް ފަހު ވެސް އެޕާޓީގެ ހަރަކާތްތައް އައްޑޫގައި ހިންގުމުގައި އިބުރޭ އިސްކޮށް އުޅުނު އިރު އޭނާ އަކީ ރައީސް މައުމޫނާއި ގާތްގުޅުމެއް އޮންނަ ފަރާތެކެވެ.
ޕީޕީއެމްގެ ތެރޭގައި ޚިޔާލު ތަފާތުވުންތައް އިތުރުވެ، އެ ޕާޓީގެ ބާރުތައް ރައީސް ޔާމީން ނަންގެވުމާއި ހިސާބުން ޕާޓީގެ ހަރަކާތްތަކުން ކޮންމެވެސް، ވަރަކަށް އިބުރޭ ވަނީ ގެއްލިފައެވެ. އެހެން ނަމަވެސް ފޭސްބުކް އަދި ޓްވިޓަރގައި އިބުރޭ ގެންދަނީ ރައީސް ޔާމީނަށް ތާއީދުކުރާ ކަން ހާމަކުރަމުންނެވެ.