2019 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަޖިލީހަށް އިތުރު ދެ ގޮނޑިއެއް އިންތިހާބު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް އިން އިއްޔެ ނެރެފައިވާ މަޖިލީހުގެ 2019 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތަކުގެ އާބާދީ ކަނޑައެޅި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މަޖިލިސް މެމްބަރުންގެ ޖުމްލަ އަދަދު 85 އިން 87 އަށް އިތުރުވާނެއެވެ.
އިތުރުވާ ދެ މެންބަރުން އިންތިޙާބު ކުރަން ޖެހެނީ މާލެ ދާއިރާ އަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން، އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ އެ އަދަދަށް އާބާދީ ހަމަނުވާ ނަމަ ދާއިރާތަކަށް ދެ މެމްބަރަކު އިންތިޚާބުކުރަން ޖެހެއެވެ. އަދި 5،000 އަށް ވުރެ އާބާދީ އިތުރުވާ ނަމަ، އިތުރުވާ ކޮންމެ 5،000 މީހަކަށް އިތުރު މެމްބަރަކު އިންތިޚާބުކުރަން ޖެހޭނެއެވެ.
އިލެކްޝަންސް އިން ނެރުނު ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާއި ގުޅޭ ވަގުތީ ރިޕޯޓެކެވެ. މި ރިޕޯޓާއި ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް 3 ހަފްތާގެ މުއްދަތެއް އިލެކްޝަންސް އިން ވަނީ ދީފައެވެ.