Last Updated: November 24, 20:29
Sunday, November 24, 2024
ޚަބަރު

ޓްރަކެއް ކޮންޓްރޯލް ނުވެ ބްރިޖްގެ ފެންސްގައި ޖެހިއްޖެ

ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ޓްރަކެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް ސ.ހަންކެނޑެ ބްރިޖްގެ ފެންސްގައި ޖެހި ފެންސަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މިރޭ 9:30 އެހާކަށް ހާއިރު ހިނގި މިހާދިސާގައި ޓްރަކުގެ ޑްރައިވަރަށް އަދި މަގުން ދަތުރުކުރި އެހެން މީހަކަށް ވެސް އަނިޔާއެއް ނުވެއެވެ.

ހަންކެނޑެ ބްރިޖްގެ ފެންސުގައި ޓްރަކުން ޖެހުމުގެ ސަބަބުން ހަންކެނޑެ ބްރިޖްގެ ފެންސަށް ގެއްލުން ވެފައިވާއިރު، ޓްރަކުގެ ކުރީކޮޅަށް ވެސް ވަނީ ގެއްލުންތަކެއް ވެފައެވެ. އަދި އެވަގުތު ޓްރަކުގައި ހުރި ބޮޑެތި ހިލަތައް ވެސް ލިންކް ރޯޑަށް ވަނީ ވެއްޓިފައެވެ.

ގަމާއި ވީކޮޅުން ހިތަދޫއަށް ދަތުރުކުރަމުން ދިޔަ ޓްރަކުން ހަންކެނޑެ ބްރިޖްގެ ފެންސްގައި ޖެހުނު ނަމަވެސް ޓްރަކްގެ ޑްރައިވަރު ބުނެފައިވަނީ އެ ޓްރަކް ދިޔައީ އެންމެ 30 ކިލޯމީޓަރުގެ ބާރު މިނެއްގައި ކަމަށެވެ.

އެހެން ނަމަވެސް މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ޓްރަކުން ގޮސް ހަންކެނޑެ ބްރިޖުގެ ފެންސުގައި ޖެހުނީ ކޮންޓްރޯލް ނުކުރެވިގެން ކަމަށެވެ.

ހަންކެނޑެ ބްރިޖްގެ ފެންސް ވަރަށް ބޮޑަށް ހަލާކުވެފައި ވަނިކޮށް ރަނގަޅު ފެންވަރެއްގައި ހަދާފައި ވަނީ އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުންނެވެ.

މިހާދިސާގައި ގެއްލުންވި ޓްރަކަކީ، ލިއޯ ޓްރޭޑިންގެ ޓްރަކެެކެވެ.