Last Updated: November 24, 20:29
Sunday, November 24, 2024
ރިޕޯޓް

ނަޖީބު: ފައިސާ އާއި ނުފޫޒުން މޮޅެއް ނުލިބޭނެކަމުގެ ހެއްކެއް!

މެލޭޝިޔާގެ ބޮޑުވަޒީރުކަމުގައި ހުންނެވި އިރު ނަޖީބު ރައްޒާޤު ފާހަގަކުރެވިފައިވަނީ، "އެންމެ ބާރުގަދަ މީހާ"ގެ ގޮތުގައެވެ. ނަޖީބުގެ މައްޗަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް ކުރެވުނު ނަމަވެސް، އެއިން މައްސަލައެއް ބެލޭ ވަރަށް ވުރެ ނަޖީބުގެ ބާރު އޮތީ ގަދަވެފައެވެ.

ނަޖީބު ސިޔާސީ ގޮތުން ބާރުގަދަ ވުން ބިނާވެފައި އޮތީ، ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ފަހުން ހޯއްދެވި ފައިސާވެރިކަމަށެވެ. ނަޖީބު އެ ފައިސާވެރިކަމުގެ އެހީގައި މުއައްސަސާތަކުގެ ވެރިން "ގަނެލި" ކަމުގެ ތުހުމަތު ވެސް ކުރެވުނެވެ.

އަދި ނުވިތާކަށް ފައިސާވެރިކަމާއި ސިޔާސީ ގޮތުން ނަޖީބުގެ ބާރުގަދަކަމުން އޭނާ އާއި ދެކޮޅަށް ރިޕޯޓު ކުރާ ނޫސްވެރިންނާއި އަދި ސިޔާސީ ފަރާތްތަކަށް ވެސް ބޮޑެތި ފިއްތުންތަކެއް ކުރިމަތި ކުރުވިއެވެ.

ނަޖީބުގެ އާރާއި ބާރުވެރިކަން ފެނިފައި މެލޭޝިޔާގެ ބައެއް ވިޔަފާރިވެރިން ނަޖީބަށް ސަނާ ކިޔަމުން ދިޔައެވެ. އެގޮތުން އެއާލާއިންތަކުގެ ވެރިން ވެސް ނަޖީބުގެ ޝަރަފުގައި މަތިންދާބޯޓުތަކުގައި ނަޖީބަށް ތާއީދުކޮށް ލިޔުންތައް ލިޔުނެވެ.

އަގުބޮޑު ތަކެއްޗަށާއި ފައިސާވެރިކަމަށް ލޯބިކުރައްވާ ބޭފުޅެއްގެ ގޮތުގައި މެލޭޝިޔާގެ ގިނަ ބަޔަކު ސިފަކުރާ ނަޖީބު އާއި އޭނާގެ އަރިސް ބޭފުޅުން ގެންދެވީ، ފައިސާވެރިކަމާއި އަދި ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ހުރިހާކަމެއް ކުރެއްވޭނެ ކަމަށް ޤަބޫލުކުރައްވަމުންނެވެ.

އެހެން ނަމަވެސް އެކަން އެގޮތަކަށް ނުވިއެވެ. ދައުލަތުގެ ހުރިހާ ވަސީލަތަކާއި ވެރިކަމުގެ އާރާއި ބާރުގައި ފައިސާވެރިކަމުގައި ހުންނަވައި ނަޖީބު ރައްޒާޤް ކެމްޕެއިން ކުރެއްވި ނަމަވެސް އިންތިޚާބުގައި މެލޭޝިޔާގެ ރައްޔިތުން ނަޖީބު މަގާމުން ދުރުކުރިއެވެ.

ނަޖީބަށް ތާއީދުކޮށް ގަދަބަސް ބުނަމުން ދިޔަ މީހުން ވެސް އިންތިހާބުން ނަޖީބު ބަލިވުމާއި އެކު އޭނާ އާއި ފެއަށް ޖެހެން ފެށިއެވެ. އޭގެ ތެރޭގައި ނަޖީބު ވަރު މީހަކު ނެތިގެން އުޅުނު ވިޔަފާރިވެރިންނާއި ނަޖީބުގެ އަމިއްލަފުޅު ޕާޓީގެ އިސް ބޭފުޅުން ވެސް ހިމެނެއެވެ.

ނަޖީބުގެ ނުފޫޒަށް ބިރުން އޭނާގެ ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ނުކެރިފައި ތިބި މުއައްސަސާތައް ވެސް މަސައްކަތް ކުރަން ފަށައި، ނަޖީބުގެ "ބިތުފަންގި" ވެސް ނަގަން މިވަނީ ފެށިފައެވެ.

ބާރުގަދަ ބޮޑު ވަޒީރު ހިނދުކޮޅެއްގެ ތެރޭގައި "ސައިޒު" ވެގެން ދިޔަ ގޮތަށް ގޮސް އަމިއްލަ ފުޅު ޕާޓީގެ ލީޑަރުކަން ވެސް ގެއްލިއްޖެއެވެ. މިއީ ފައިސާވެރިކަމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހަންފަތުރައި ރައްޔިތުންނަށް ބިރު ދައްކާ ވެރިންނަށް ހަމަ ނަމޫނާއެކެވެ. އެވެރިންނަށް ތާޢީދުކޮށް މަރުދޭ މީހުންނަށް ވެސް މެއެވެ.