2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު މިހާރުގެ ރައީސް އަބްދުﷲ ޔާމީން ރިސޯޓުތަކުގެ މުވައްޒަފުންނަށް ވެވަޑައިގެންނެވި ވައުދަކީ، އެމުވައްޒަފުންނަށް ރިސޯޓް ހިއްސާ ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވާނެ ކަމުގެ ވައުދެވެ. ރައީސް ޔާމީންގެ ދައުރު ނިމިގެން ދާއިރު ވެސް އެވައުދު ފުއްދުމަށް އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.
އެހެން ނަމަވެސް، 2018ގެ ރިޔާސީ އިންތިޚާބަށް ރައީސް ޔާމީން މިވަނީ އަނެއްކާ ވެސް ރިސޯޓު މުވައްޒަފުންނަށް އިތުރު ވައުދެއް ވެވަޑައިގެންފައެވެ. މިރޭ ފުޓްސަލް ދަނޑެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، "ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ދިވެހީންނަށް ޚާއްސަކޮށްގެން 100 މިލިއަން ރުފިޔާގެ ސްކީމެއް ތައާރަފުކުރައްވާނެ" ކަމަށެވެ.
މި ވައުދާއި ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ސްކީމް ފަށާނީ 100 މިލިއަން ރުފިޔާ އާއި އެކު ކަމަށާއި މި ސްކީމަށް ލިބޭ ތަރުހީބަށް ބަލައި 500 މިލިއަން ރުފިޔާ އަށް ސްކީމު ފުޅާ ކުރައްވާނެ ކަމަށެވެ.
އަދި މި ސްކީމްގެ ތަފްސީލްތައް އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނުއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެހެން ނަމަވެސް މެނިފެސްޓޯ އިއުލާން ކުރައްވާނެ ތާރީޚެއް ހާމައެއް ނުކުރައްވައެވެ.
"އަޅުގަނޑުމެން މި ވިސްނަނީ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ދިވެހީންނަށް ހާއްސަކުރަން، އެމްޕްލޯއީމެންޓް ބެނެފިޓް ސުކީމެއް ތައާރަފް ކުރަން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ތައާރަފް ކުރެވޭ ސްކީމްގެ ބޭނުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ޒުވާނުންނަކީ ދިވެހި ސަރުކާރާއި ދިވެހި ދައުލަތް ބަލައިގަންނަ ބައެއް ކަން އަންގައި ދިނުމަށް ކަމަށެވެ.
"މިހާރުން މިހާރަށް އެމްޕްލޯއީމެންޓް ބެނެފިޓް ސުކީމްގެ ފަށާ ރައުސުލްމާލަކަށް އަޅުގަނޑުމެން (ދިވެހި ސަރުކާރުން) ލާނަން 100 މިލިއަން ރުފިޔާ، އެއީ ކުޑަ އަދަދެއް ނޫން، އެއީ ވަރަށް ބޮޑު އަދަދެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.