އާ ސީޒަނަށް ތައްޔާރުވުމަށްޓަކައި މިހާރު ކުޅެމުންދާ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ޗެލްސީ އާއި އާސެނަލްގެ ކުރިމަތިލުން ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން އާސެނަލް މޮޅުވެއްޖެއެވެ.
އަޔަލެންޑްގެ ޑަބްލިންގައި ކުޅުނު މިމެޗު ފެށިގެން 6 ވަނަ މިނެޓުގައި ޗެލްސީ އަށް ލީޑް ނަގައިދިނީ ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އެވެ. މިއީ އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ ސެސް ފަބްރެގާސް ނަގައިދިން ކޯނަރަކުން ލިބުނު ބޯޅަ އޭނާ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން މެޗުގެ 12 ވަނަ މިނެޓުގައި ޗެލްސީގެ ލީޑް ފުޅާ ކުރުމަށް އެޓީމުގެ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ އަށް ވަނީ ރަނުގެ ފުރުޞަތެއްލިބި ބޭނުންހިފޭގޮތްނުވެފައެވެ. ޗެލްސީގެ ޒުވާންކުޅުންތެރިޔާ ކެލުމް ހަޑްސަން އޮޑޯއީ އަށް އާސެނަލްގެ ޑިފެންޑަރު ހެކްޓަ ބެލަރިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ މޮރާޓާ ފޮނުވާލުމުން އާސެނަލްގެ ގޯލްކީޕަރު ޕީޓާ ޗެކް ވަނީ މަތަކޮށްފައެވެ.
މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ޗެލްސީގެ އުމުރުން 17 އަހަރުގެ ވިންގާ ހަޑްސަން އޮޑޯއީ ވަނީ އާސެނަލްގެ ޑިފެންސަށް އުނދަގޫތައް ކުރިމަތިކޮށްފައެވެ.
މިމެޗުގެ ފުރަތަމަ ހާފުގައި އާސެނަލުން ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތައް ފޮނުވާލައިފައިވަނީ ޗެލްސީއިންނެވެ. އެޓީމުން ފޮނުވާލީ ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ އާސެނަލްގެ ކީޕަރު ޗެކް އެވެ.
މިހާފުގައި އާސެނަލް އަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތު ލިބުނީ ޕިއޭރް އެމެރިކް އޮބަމަޔަން އަށެވެ. ހެންރިކް މިކިތާރްޔަން ދިން ބޯޅަ ގޯލްގެ ދަނޑިކައިރިން އޭނާ ފޮނުވާލަން އުޅުމުން ފަޔަށް އަރާގޮތެއްނުވިއެވެ.
މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ޗެލްސީ ކުރީގައޮވެގެންނެވެ.
ފުރަތަމަ ހާފެކޭ އެއްގޮތަށް މިމެޗުގެ ދެވަނަ ހާފުގައިވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެފައިވަނީ އާސެނަލް އެވެ. އެހެންނަމަވެސް، ފުރަތަމަ ހާފާއި ހިލާފަށް މިހާފުގައި އާސެނަލުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްފައެވެ.
އެގޮތުން އާސެނަލްގެ އެލެކްސެންޑަ ލަކަޒޭ އާއި އަލެކްސް އިވޯބީ އަށް ލިބުނު ފުރުޞަތުތައް ފާހަގަކޮށްލެވެއެވެ.
އާސެނަލުން ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔަނަމަވެސް ކާމިޔާބުވާގޮތްވީ މިމެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރު ވަގުތުގެ ވެސް އެންމެ ފަހު މިނެޓުގައެވެ. އާސެނަލްގެ މެސުތު އޮޒިލް ދިން ރީތި ބޯޅައެއް ރީސް ނެލްސަން އަށް ލިބުމުން އޭނާ ނަގައިދިން ހުރަސް ޗެލްސީގެ ކުޅުންތެރިންނަށް ދިފާއުނުކުރެވިގެން އުޅެނިކޮށް ލަކަޒޭ ވަނީ ގޯލްގެތެރެއަށް ވައްދާލައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އިނގިރޭސިވިލާތުގެ ލަންޑަނަށް ނިސްބަތްވާ މިދެޓީމު 1-1 އިން އެއްވަރުވުމުން ނަތީޖާނެރުމަށް ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި އާސެނަލް މޮޅުވީ 6-5 އިން ނެވެ.