Last Updated: November 24, 18:44
Sunday, November 24, 2024
ޚަބަރު

ރިލްވާންގެ މައްސަލައަށް އިންސާފު ހޯދައި ދޭނަން: އިބޫ

އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އައްޑޫއަށް ވަޑައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަނީ. އައްޑޫލައވް ފޮޓޯ

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދިވެހިރާއްޖޭގެ ރައީސް ކަމަށް އިންތިޚާބު ވެއްޖެ ނަމަ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ހާމަކަން ބޮޑު ތަހުގީގެއް ކުރުމަށް ފަހު އިންސާފު ހޯދައިދެއްވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިބޫ މިހެން ވިދާޅުވެފައި މިވަނީ، ރިލްވާން ގެއްލުނު މައްސަލައިގައި ދައުލަތުން ދައުވާ އުފުލި ގ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނިކޮށެވެ.

އެކަމަށް އިޝާރާތް ކުރައްވައި އިބޫ ވިދާޅުވީ، ރިލްވާން ގެއްލުނު މައްސަލަގައި ޝަރީއަތުން މިއަދު ގޮތެއް ނިމިގެން ދިޔައިރު އިންސާފު ލިބިގެން ގޮސްފައިނުވާ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ވެރިކަމެއްގައި ރިލްވާން ގެއްލުވާލި މައްސަލައިގެ "ދެފުށް ފެންނަ ހާމަކަން ތަހުގީގެއް" ކުރައްވާނެ ކަމުގެ ޔަގީންކަން އިބޫ ވަނީ ދެއްވާފައެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމެއްގައި ދެފުށް ފެންނަ ހާމަކަން ތަހުގީގެއް އެކަމުގައި ކޮށް، އިރާދަކުރެއްވިއްޔާ އިންސާފު ހޯދައިދޭނަން." އިބޫ ވިދާޅުވިއެވެ.