އޭސީ މިލާނަށް ކުޅެމުންއައި އިޓަލީގެ ތަޖުރިބާކާރު ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އެނބުރި ޔުވެންޓަސް އަށް ބަދަލުވެއްޖެއެވެ.
މިލާނުން، ބޮނޫޗީ ޔުވެންޓަސް އަށް ދޫކޮށްލަން އެއްބަސްވީ ބަދަލުގައި އެޓީމަށް ކުޅެމުން އަންނަ އިޓަލީގެ އުމުރުން 24 އަހަރުގެ ޑިފެންޑަރު މަޓިއާ ކަލްޑާރާ ލިބޭ ގޮތަށެވެ. ނިމިދިޔަ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ކަލްޑާރާ ކުޅެފައިވަނީ އިޓާލިއަން ލީގުގެ ކްލަބު އެޓަލާންޓާ އަށެވެ.
މިހާރު އުމުރުން 31 އަހަރުވެފައިވާ ބޮނޫޗީ އެނބުރި ޔުވެންޓަސް އަށް ބަދަލުވެފައިމިވަނީ މިދިޔަ ސީޒަނަށް 35 މިލިއަން ޕައުންޑްގެ ފީ އަކަށް މިލާނަށް ބަދަލުވެ އެޓީމުގެ ކެޕްޓަންގެ ގޮތުގައި އެއްސީޒަން ކުޅުމަށްފަހުގައެވެ.
ޔުވެންޓަސް އިން ނެރުނު ބަޔާނުގައި ވަނީ އެކްލަބުގައި ކާމިޔާބު ހަތް އަހަރު ހޭދަކުރުމަށްފަހު މިލާނަށް ބަދަލުވެ އެންމެ ސީޒަނަކަށްފަހު ލިއޮނާޑޯ ބޮނޫޗީ އެނބުރި ޔުވެންޓަސް އަށް އައިސްފައިވާކަމަށާއި އޭނާއާއިއެކު އެކްލަބުން އިތުރު ކާމިޔާބީތައް ހޯދަން ބޭނުންވާކަމަށް ބުނެފައިވެއެވެ.
އިންޓަ މިލާނާއިއެކު ފުޓްބޯޅަ ކެރިއަރު ފެށި ބޮނޫޗީ ވަނީ 2010 ވަނަ އަހަރު އިޓަލީގެ ބާރީ އިން ޔުވެންޓަސް އަށް ބަދަލުވެ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެޓީމަށް 300 އަށް ވުރެ ގިނަ މެޗު ކުޅެދީފައެވެ. އޭނާ ވަނީ އެކްލަބާއެކު ހަ ފަހަރު އިޓާލިއަން ލީގް ތަށި ކާމިޔާބުކޮށް އިޓާލިއަން ކަޕާއި އިޓާލިއަން ސުޕަ ކަޕް ވެސް ތިން ފަހަރު ހޯދާފައެވެ. މީގެއިތުރުން، އޭނާ ވަނީ 2010 ވަނަ އަހަރުުން ފެށިގެން މިހާތަނަށް އިޓަލީގެ ޤައުމީޓީމަށް 80 މެޗު ކުޅެދީ ހަ ގޯލް ކާމިޔާބުކޮށްފައެވެ.
ބޮނޫޗީ އަކީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޔުވެންޓަސް އާ ގުޅުނު 8 ވަނަ ކުޅުންތެރިޔާއެވެ. މިފަހަރު އެޓީމަށް ގެނައި އެންމެ އަގުބޮޑު ކުޅުންތެރިއަކީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މީގެއިތުރުން، މުޅީން އަލަށް އެޓީމާއި ގުޅުނު ކުޅުންތެރިންގެތެރޭގައި ހާއޯ ސަންސޭލޯ އާއި މަޓިއާ ޕެރިން އަދި އެމްރޭ ޗޭން ހިމެނެއެވެ. އެޓީމުން ވަނީ މިދިޔަ ސީޒަނުގައި ލޯން އުސޫލުން ބަޔާން މިއުނިކުން ގެނައި ޑަގްލަސް ކޯސްޓާ ދާއިމީ އެއްބަސްވުމެއްގެދަށުން ހޯދާފައެވެ.
މި ޓްރާންސްފާ ބާޒާރުގައި ޔުވެންޓަސް ދޫކޮށްދިޔަ ކުޅުންތެރިންގެ ތެރޭގައި އިޓަލީގެ ތަޖުރިބާކާރު ގޯލްކީޕަރުގެ ޖިއާންލުއިޖީ ބުފޮން އާއި އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ހިމެނެއެވެ.