Last Updated: November 24, 17:50
Sunday, November 24, 2024
ޚަބަރު

"ސްކޮލާޝިޕްތަކުން ބޭނުން ގައުމަކުން ކިޔެވޭނެ"

އައްޑޫ ސިޓީ (13 ޖުލައި) - އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ކެމްޕެއިން ޓީމް އައްޑޫއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ގިނަ ބަޔަކު ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައި

އޭލެވެލް އިމްތިހާނުގައި ރަން ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލާޝިޕް ހާސިލްކުރާ ދަރިވަރުންނަށް ދުނިޔޭގެ ކޮންމެ ޤައުމަކުން ކިޔެވުމުގެ ފުރުސަތު ދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލާޝިޕް ވަރަށް ފަހަކާއި ޖެހެންދެން ދެމުން އައީ، އޭލެވެލް އިމްތިހާނުގައި ހުރިހާ މާއްދާ އަކުން "އޭ" ގްރޭޑް ހޯދާ ދަރިވަރުންނަށެވެ. އެހެން ނަމަވެސް، ރައީސް ޔާމީންގެ ސަރުކާރުން 2017 ވަނަ އަހަރު ވަނީ އެ ސްކޮލާޝިޕް ލިބެނީ އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން އޭ ސްޓާރ ހޯދާ ދަރިވަރުންނަށް ކަމަށް ނިންމާފައެވެ.

އަދި މީގެ އިތުރުން ރައީސްގެ ސްކޮލާޝިޕަށް ކޮލިފައިވާ ދަރިވަރުން އިޚްތިޔާރު ކުރާ ޤައުމެއްގައި ކިޔެވުމުގެ ފުރުސަތު ދިނުމުގެ ބަދަލުގައި ހަމައެކަނި ސާކުގެ ޤައުމުތަކުން ކިޔަވަން ޖެހޭގޮތަށް ވަނީ ނިންމާފައެވެ.

"ގެޓް ޓު ނޯ އިބޫ" ނަމުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، އޭލެވެލްގައި އެއްވަނަ ހޯދާ ކުދިންނަށް ކޮންމެ ގައުމަކުން ވެސް ކިޔެވޭނެ އިންތިޒާމު އެމަނިކުފާނުގެ ސަރުކާރެއްގައި ހަމަޖައްސަވާނެ ކަމަށެވެ.

އިބޫ މިހެން ވިދާޅުވެފައި ވަނީ ރޭގެ ބައްދަލުވުމުގައި ބައިވެރިވި ޒުވާނަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.