އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އައި އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިިގުއައިން އޭސީ މިލާނަށް ލޯން އެއްބަސްވުމެއްގެދަށުން ބަދަލުވެއްޖެއެވެ.
އުމުރުން 30 އަހަރުގެ ހިގުއައިން މިލާނަށް ބަދަލުވީ ލޯން އެއްބަސްވުމެއްގެ ދަށުން 16 މިލިއަން ޕައުންޑްގެ ފީ އަކަށެވެ. އަދި ލޯން އެއްބަސްވުން ހަމަވުމުން 32 މިލިއަން ޕައުންޑަށް އޭނާ ގަތުމުގެ ފުރުޞަތު މިލާނަށް ލިބިގެންދާނެއެވެ. މިއީ 2016 ވަނަ އަހަރު އޭރުގެ އިޓާލިއަން ލީގުގެ ރެކޯޑް އަގެއް ކަމަށްވާ 75.3 މިލިއަން ޕައުންޑްގެ ފީ އަކަށް ޔުވެންޓަސް އަށް ބަދަލުވި ހިގުއައިން އަށް ވަރަށް ކުޑަ އަގެކެވެ.
ޔުވެންޓަސް އާއިއެކު ހޭދަކުރީ ދެސީޒަނުގައި ކުޅުނު 105 މެޗުގައި 55 ގޯލް ޖަހައިދީފައިވާ ހިގުއައިން ދޫކޮށްލަން އެކްލަބުން ނިންމާފައިވަނީ ދާދި ފަހުން އެޓީމާއި ގުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ ގެނައުމުން އޭނާއަށް ޤަވާއިދުން އެޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބޭނެތީވެ އެއީ ދެފަރާތަށްވެސް އެންމެ ރަނގަޅުގޮތް ކަމަށް ފެންނާތީއެވެ.
އާޖެންޓީނާގެ ޤައުމީޓީމަށް ކުޅެދިން 75 މެޗުގައި 31 ގޯލް ކާމިޔާބުކޮށްފައިވާ ހިގުއައިން ވަނީ މީގެކުރީން ސްޕެއިނުގެ ރެއާލް މެޑްރިޑާއި އިޓަލީގެ ނަޕޯލީއަށްވެސް ކުޅެފައެވެ. އޭނާ ވަނީ އެ ދެކްލަބަށް ކުޅުނު ދުވަސްވަރު 200 އަށް ވުރެ ގިނަ ލަނޑުޖަހާފައެވެ.
ޔުވެންޓަސް އިން މިލާނަށް ބަދަލުވި އަނެއް ކުޅުންތެރިއަކީ އިޓަލީގެ އުމުރުން 24 އަހަރުގެ ޑިފެންޑަރު މަޓިއާ ކަލްޑާރާ އެވެ.
ހިގުއައިން އަދި ކަލްޑާރާ މިލާނާއި ގުޅުނުކަން ކަށަވަރުކޮށްދީފައިވާއިރު މީގެކުރީން، އެކްލަބުން ވަނީ ސްޕެއިނުގެ ތަޖުރިބާކާރު ގޯލްކީޕަރު ޕެޕޭ ރެއިނާގެ އިތުރުން ކްރޮއޭޝިއާގެ ޑިފެންޑަރު އިވާން ސްޓްރިނިޗް ގެނެސްފައެވެ.